ޕާލިމެންޓް އިންކުއަރީ

އިންކުއަރީގެ ހުށަހެޅުމަށް ފިޔަވަޅު އެޅުން ލަހެއް ނޫން

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީ ރިޕޯޓުގައިވާ ހުށަހެޅުންތަކަށް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ފިޔަވަޅު އެޅުން ލަސްވެފައިވާ ކަމަށް އެއްގޮތަކަށް ވެސް ގަބޫލުނުކުރައްވާ ކަމަށް އިންކުއަރީ ކުރިއަށް ގެންދިޔަ މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އިންކުއަރީ ރިޕޯޓުގެ ހުށަހެޅުންތަކަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން އަވަސް އިން ސުވާލުކުރުމުން އަސްލަމް ވިދާޅުވީ ބައެއް ބައިތައް އުނިކުރުމަށްފަހު މިމަހުގެ އަށްވަނަ ދުވަހު ރިޕޯޓުގެ ކޮޕީއެއް މަޖިލީހުގެ ވެބްސައިޓުގައި އާންމުކުރި ނަމަވެސް މުޅި ރިޕޯޓު ދައުލަތުގެ ތިން ބާރުގެ ވެރިންނާ ރަސްމީކޮށް ހަވާލުކުރީ މިމަހުގެ 11 ވަނަ ދުވަހު ކަމަށެވެ. އެހެންކަމުން ރިޕޯޓުގައި ދައުލަތުގެ އިދާރާތަކަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާ އެއްގޮތަށް ފިޔަވަޅު އެޅުމާއި، ކަންކަން އިސްލާހު ކުރުން ލަސްވެއްޖެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"ދައުލަތުގެ ތިން ބާރުގެ ވެރިންވެސް ވަނީ އަޅުގަނޑަށް ޔަގީންކަން ދެއްވާފައި ރިޕޯޓާ ގުޅިގެން އެބޭފުޅެއްގެ ދާއިރާ އިން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަން. ހާއްސަކޮށް މި ރިޕޯޓާއި ގުޅިގެން ސަރުކާރުގެ ތެރެއިން ކުރަންޖެހޭ ކަންކަން ގިނަ. އެކަންކަން ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ދެއްވާފަ،" އަސްލަމް ވިދާޅުވި އެވެ.

މިވަގުތު ލަންކާގައި ހުންނެވި އަސްލަމް ވިދާޅުވި ގޮތުގައި އިންކުއަރީ ރިޕޯޓު ރައީސް ސޯލިހާ ހަވާލުކުރެއްވިއިރު ވެސް ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ބައެއް މައްސަލަތައް އިސްލާހު ކުރުމުގެ މަސައްކަތް ރައީސް ވަނީ ފައްޓަވާފަ އެވެ. އަސްލަމް ގަބޫލުކުރައްވާ ގޮތުގައި ރިޕޯޓުގައި ބައެއް މުއައްސަސާތަކުގެ ވެރިންނާ ގުޅުންހުރި މައްސަލަތަކެއް ފާހަގަކޮށްފައި ހުރި ނަމަވެސް އެބޭފުޅުން މަގާމުން ދުރުކޮށްގެން އެކަނި މައްސަލަތައް ހައްލުނުކުރެވޭނެ އެވެ. އެހެންކަމުން އަސްލަމް އެދިވަޑައިގެންފައިވަނީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ.

"އަޅުގަނޑުމެންނަށް މިއަދުވެސް މާދަމާ ވެސް މުއައްސަސާތަކުގެ ވެރިން ދުރުކުރެވިދާނެ. އެކަމަކު މުއައްސަސާތައް ހިންގުން އަދި އަމަލުކުރާ ގޮތުގެ މުޅި ނިޒާމު އެކީއެކަށް ހައްލުކޮށްގެން ނޫނީ މައްސަލަތައް ހައްލުވާ ތަނެއް ނުފެންނާނެ. މިއަދު ތިއްބެވި ވެރިން ދުރުކޮށް މާދަމާ އެތަންތަނަށް އާ ބޭފުޅުން ލެއްވި ނަމަވެސް ނިޒާމު އިސްލާހު ނުވެ މައްސަލަތައް ރަނގަޅުވާނެ ކަމަކަށް އަޅުގަނޑު ނުދެކެން،" އަސްލަމް ވިދާޅުވި އެވެ.

އިންކުއަރީ ރިޕޯޓުގައިވާ ހުށަހެޅުންތައް އިސްލާހު ކުރުމަށް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް އެކަށީގެންވާ މުއްދަތު ދޭނެ ކަމުގެ ޔަގީންކަން އަސްލަމް ދެއްވި އެވެ. އަދި އޭގެ ފަހުގައި ރިޕޯޓުގެ ހުށަހެޅުންތައް އިސްލާހު ކޮށްފައި ހުރި މިންވަރު ދެނެގަތުމަށް 241 ކޮމިޓީން ހާއްސަ ރިވިއު އެއް ހެދުމަށްފަހު އިސްލާހު ނުވެ ހުރި ކަންކަން އިސްލާހުކުރުމަށް މަޖިލީހުގެ ތެރެއިން އިތުރު މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މަޖިލީހުގެ އިންކުއަރީ ރިޕޯޓްގައި ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އެމަނިކުފާނާ މެދު ކަންތައްތައް ދިމާވަމުން ދިޔަ ގޮތާއި، ހަމަލާ ދިން ދުވަހު ކަންކަން ހިނގާދިޔަ ގޮތާއި، ހަމަލާގެ ފަހުން ކަންކަންވީ ގޮތް ވަރަށް ތަފްސީލްކޮށް ހިމަނާފައިވެ އެވެ. އަދި ރައީސް ނަޝީދަށް ހަމަލާދިނުމަށް މަގުފަހިވުމުގައި ދައުލަތުގެ ކަމާ ގުޅުންހުރި އިސްވެރިންނާއި އިދާރާތަކުގެ އިހްމާލު އޮތް މިންވަރު ވެސް ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން 271 ސަފްހާގެ މި ރިޕޯޓްގެ 12 ވަނަ ނަންބަރު ހާއްސަކޮށްފައިވަނީ މަޖިލީހުން ހުށަހަޅާ ރިކޮމެންޑޭޝަން ނުވަތަ ހުށަހެޅުންތަކަށެވެ. އެގޮތުން ރިކޮމެންޑޭޝަންތައް ތިން ބަޔަކަށް ބަހާލާފައިވާއިރު ފުރަތަމަ ބައިގައި ހުރީ ޓެރަރިޒަމް އަދި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތާ ގުޅޭ ރިކޮމެންޑޭޝަންތަކެވެ. މިބައިގައި 29 ހުށަހެޅުމެއްވެ އެވެ. ދެވަނަ ބައިގައި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ރެކޮމެންޑޭޝަންތައް ހުރިއިރު މިބައިގައި ހަ ހުށަހެޅުމެއްވެ އެވެ. ތިންވަނަ ބައިގައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ހަރުދަނާ ކުރުމުގެ ރިކޮމެންޑޭޝަންތަކެވެ. މިބައިގައި ވަނީ 10 ހުށަހެޅުމެކެވެ.