ރައްޔިތުންގެ މަޖިލިސް

ހައެއްފަހެއްގެ ހަމަލާ: ކޮމިޓީ ބައްދަލުވުން ސިއްރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު ދިން ހަމަލާއާއި ގުޅިގެން މިއަދު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބޭއްވި ބައްދަލުވުން ސިއްރު ކޮށްފި އެވެ.

ކޮމިޓީ މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުން އެކުލަވާލާފައިވާ އިންކުއަރީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ރެކޮމަންޑޭޝަންތައް ތަންފީޒް ކުރަމުންދާ ގޮތާއި ގުޅޭގޮތުން ރައީސް އޮފީހުން ކޮމިޓީއަށް ފޮނުވި ސިޓީއާއި މެދު މަޝްވަރާ ކުރުމެވެ.

ކޮމިޓީގެ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ރެކޮމަންޑޭޝަންސްތަކާއި ގުޅޭގޮތުން އެންމެ ފަހުގެ އަފްޑޭޓް މި މަހުގެ ދެވަނަ ދުވަހު ރައީސް އޮފީހުން ފޮނުވާފައިވާ ކަމަށެވެ. އަދި އެ ސިޓީގައި ސިއްރު ޖަހާފައިވާ ކަމަށެވެ. އެހެން ވިދާޅުވުމަށްފަހު އެ ސިޓީއާއި ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާކުރުމަށް މިއަދުގެ ބައްދަލުވުން ވަނީ ސިއްރުކޮށްފަ އެވެ.

ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ ކޮމިޓީގެ ނައިބް މުގައްރިރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އެވެ.

މަޖިލީހުގެ އިންކުއަރީ ރިޕޯޓްގައި ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އެމަނިކުފާނާ މެދު ކަންތައްތައް ދިމާވަމުން ދިޔަ ގޮތާއި، ހަމަލާ ދިން ދުވަހު ކަންކަން ހިނގާދިޔަ ގޮތާއި، ހަމަލާގެ ފަހުން ކަންކަންވީ ގޮތް ވަރަށް ތަފްސީލްކޮށް ހިމަނާފައިވެ އެވެ. އަދި ރައީސް ނަޝީދަށް ހަމަލާދިނުމަށް މަގުފަހިވުމުގައި ދައުލަތުގެ ކަމާ ގުޅުންހުރި އިސްވެރިންނާއި އިދާރާތަކުގެ އިހްމާލު އޮތް މިންވަރު ވެސް ފާހަގަކޮށްފައި އޮތީ ވަރަށް ސާފުކޮށެވެ.

މީގެއިތުރުން 271 ސަފްހާގެ މި ރިޕޯޓްގެ 12 ވަނަ ނަންބަރު ހާއްސަކޮށްފައިވަނީ މަޖިލީހުން ހުށަހަޅާ ރިކޮމެންޑޭޝަން ނުވަތަ ހުށަހެޅުންތަކަށެވެ. އެގޮތުން ރިކޮމެންޑޭޝަންތައް ތިން ބަޔަކަށް ބަހާލާފައިވާއިރު ފުރަތަމަ ބައިގައި ހުރީ ޓެރަރިޒަމް އަދި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތާ ގުޅޭ ރިކޮމެންޑޭޝަންތަކެވެ. މިބައިގައި 29 ހުށަހެޅުމެއްވެ އެވެ. ދެވަނަ ބައިގައި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ރެކޮމެންޑޭޝަންތައް ހުރިއިރު މިބައިގައި ހަ ހުށަހެޅުމެއްވެ އެވެ. ތިންވަނަ ބައިގައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ހަރުދަނާ ކުރުމުގެ ރިކޮމެންޑޭޝަންތަކެވެ. މިބައިގައި ވަނީ 10 ހުށަހެޅުމެކެވެ.

ރިޕޯޓުގައިވާ ޖުމްލަ 45 ހުށަހެޅުމުގެ ތެރެއިން 38 ހުށަހެޅުމަކަށް އަމަލުކުރަމުންދާ ކަމަށް ރައީސް އޮފީހުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

މަޖިލީހުގެ އިންކުއަރީ ރިޕޯޓުގެ ހުށަހެޅުންތަކަށް ސަރުކާރުން ފިޔަވަޅު އަޅަމުންދާ ގޮތް ކޮމިޓީން ގާތުން ބަލައި ފިޔަވަޅު އެޅުމަށް ބާރު އަޅުއްވާނެ ކަމަށް އިންކުއަރީ ކުރިއަށް ގެންދިޔަ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް އޮތީ ކުރިންވެސް ވިދާޅުވެފަ އެވެ. އެހެންކަމުން އިންކުއަރީ ރިޕޯޓަށް ފިޔަވަޅު އެޅުމާއި އަދި އަޅަމުންދާ ފިޔަވަޅުތައް ހާމަކުރެވެން އޮތް މިންވަރަކުން ހާމަކުރުމަށް ސިޔާސީ ބޭފުޅުން ވެސް ގެންދަވަނީ ގޮވާލައްވަމުންނެވެ.