ދައުލަތުގެ ބަޖެޓް

އިންކުއަރީ ރިޕޯޓް ތަންފީޒުކުރަން 50 މިލިއަން ރުފިޔާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް "ހައެއް ފަހެއް"ގައި ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗުވީގޮތް ބަލައި އެކުލަވާލި އިންކުއަރީ ރިޕޯޓުގައި ބުނެފައިވާ ކަންތައްތައް ތަންފީޒުކުރަން 50 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިފި އެވެ.

އެގޮތުން އަންނަ އަަހަރު ޑިފެންސް މިނިސްޓްރީއަށް 1.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ އިރު އިންކުއަރީ ރިޕޯޓްގައި ބުނެފައިވާ ކަންކަން ތަންފީޒުކުރުމަށް 50 މިލިއަން ރުފިޔާ ހިމަނައިފައިވެ އެެވެ.

މިދިޔަ ޖުލައި މަހު މަޖިލީހުން އާންމުކުރި 271 ސަފްހާގެ އިންކުއަރީ ރިޕޯޓްގައި ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އެމަނިކުފާނާ މެދު ކަންތައްތައް ދިމާވަމުން ދިޔަ ގޮތާއި، ހަމަލާ ދިން ދުވަހު ކަންކަން ހިނގާދިޔަ ގޮތާއި، ހަމަލާގެ ފަހުން ކަންކަންވީ ގޮތް ވަރަށް ތަފްސީލްކޮށް ހިމަނާފައިވެ އެވެ. އަދި ރައީސް ނަޝީދަށް ހަމަލާދިނުމަށް މަގުފަހިވުމުގައި ދައުލަތުގެ ކަމާ ގުޅުންހުރި އިސްވެރިންނާއި އިދާރާތަކުގެ އިހްމާލު އޮތް މިންވަރު ވެސް ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން މި ރިޕޯޓްގެ 12 ވަނަ ނަންބަރު ހާއްސަކޮށްފައިވަނީ މަޖިލީހުން ހުށަހަޅާ ރިކޮމެންޑޭޝަން ނުވަތަ ހުށަހެޅުންތަކަށެވެ. އެގޮތުން ރިކޮމެންޑޭޝަންތައް ތިން ބަޔަކަށް ބަހާލާފައިވާއިރު ފުރަތަމަ ބައިގައި ހުރީ ޓެރަރިޒަމް އަދި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތާ ގުޅޭ ރިކޮމެންޑޭޝަންތަކެވެ. މިބައިގައި 29 ހުށަހެޅުމެއްވެ އެވެ. ދެވަނަ ބައިގައި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ރެކޮމެންޑޭޝަންތައް ހުރިއިރު މިބައިގައި ހަ ހުށަހެޅުމެއްވެ އެވެ. ތިންވަނަ ބައިގައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ހަރުދަނާ ކުރުމުގެ ރިކޮމެންޑޭޝަންތަކެވެ. މިބައިގައި ވަނީ 10 ހުށަހެޅުމެކެވެ.

އިންކުއަރީ ރިޕޯޓްގައި ލަފާދީފައިވާ ބައެއް ކަންތައްތައް

  • ނަޝީދު އުޅުއްވާ އަދި ނޫޅުއްވާ ވަގުތުގައި ވެސް އެ މަނިކުފާނުގެ ގެކޮޅަށް ވަދެ ނުކުމެވާ މީހުން ކޮންޓްރޯލްކޮށް ހަތިޔާރާ އެކު 24 ގަޑި އިރު ފޯރިމެރުން.
  • ނަޝީދުގެ ގެކޮޅުގެ އިވެކުއޭޝަން ޕްރޮސީޖާ ކަނޑައަޅައި، އެކަމަށް މީހުން ތައްޔާރުކުރުން.
  • ނަޝީދު ދަތުރުފުޅު ކުރައްވާ ކާރަކީ ސްޓޭންޑާޑް އާމޯޑް ކާރަކަށް ހެދުން.
  • ނަޝީދުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ފަރާތްތައް އަަހަރަކު އެއް ފަހަރު ވެޓްކުރަމުން ގެންދިއުން
  • ނަޝީދުގެ ގެކޮޅުގެ ސީސީޓީވީ ބޭނުންކޮށްގެން މޮނިޓާ ކުރުން.
  • އިހުމާލުވީ އަދި ޒިންމާ އަދާނުކުރި ފަރާތްތައް ވަކިކޮށް ފިޔަވަޅު އެޅުން.
  • ގައުމީ ސަލާމަތާ ބެހޭ ކަންކަމުގައި ސިފައިންނާއި ފުލުހުންނާ މަޝްވަރާކޮށް، ރައީސަށް ލަފާދޭ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރެއް ހަމަޖެއްސުން.
  • ސިފައިންގެ ހިދުމަތް ޒަމާނީ ކުރުމަށްޓަކައި ގާނޫނަށް ބަދަލުގެނައުން.
  • ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުމުގައި ބައިވެރިވާ މީހުންގެ މައުލޫމާތު ހިމެނޭ ޑާޓާ ބޭސްއެއް ގާއިމްކުރުން.
  • ޓެރަރިޒަމާ ހަރުކަށި ފިކުރާ ދެކޮޅަށް މީޑިއާތައް ހޭލުންތެރިކުރުވުން.
  • އިންޓެލިޖެންސް މައުލޫމާތު ރައްކާތެރިކަމާ އެކު ބަލަހައްޓަން، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުން ލާޒިމްކުރާ އޮނިގަނޑު ގާއިމްކުރުން.
  • ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ އިންޓެލިޖެންސް މައުލޫމާތު ސަލާމަތީ ހިދުމަތްތަކުގެ ތެރޭގައި ހިއްސާކުރާނެ ނިޒާމެއް ވީ އެންމެ އަވަހަކަށްް އެކުލަވައިލުން.
  • ޓެރިރަޒަމް ހުއްޓުވަން މަސައްކަތްކުރާ އިދާރާތަކުގެ މެދުގައިވާ ފުށުއެރުންތައް ނައްތައިލުމަށްޓަކައި އިދާރާތަކުގެ ދައުރު ސާފުކޮށް ބަޔާންކުރުން.
  • އިންޓެލިޖެންސާ ބެހޭ ހާއްސަ ގާނޫނެއް ހެދުން.
  • އިދާރާތަކުން ނެރޭ ނަތީޖާއަށް ބަލައި ކައުންޓަ ޓެރަރިޒަމްގެ ބަޖެޓް ކަނޑައެޅުން.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވިދާޅުވީ މަޖިލީހުގެ 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓަކީ މި ފަހުން މަޖިލީހުން އެކުލަވާލަމުން ގެންދާ ރިޕޯޓްތަކުގެ ތެރެއިންވެސް ފުރިހަމަ ރިޕޯޓެއް ކަމަށެވެ.

އިންކުއަރީ ރިޕޯޓުގައިވާ ކަންކަން އިސްލާހު ކުރާ މިންވަރު މަޖިލީހުގެ 241 ކޮމިޓީން ގެންދަނީ ބަލަމުންނެވެ.