އަހުމަދު ސަލީމް (ރެޑްވޭވް)

ރައީސް ނަޝީދަށް ކުރާ ހަރަދުތަކަށް ފާޑުކިއުން

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީގެ ކަންކަމާ ގުޅޭ ހަރަދުތަކަަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ފާޑުވިދާޅުވެއްޖެ އެވެ.

ސަލީމް އެފަދައިން ފާޑުވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.

ސަލީމް ވިދާޅުވީ ރައީސް ނަޝީދަށް އިހުތިރާމް ކުރައްވާ ކަމަށާއި އަދި އެމަނިކުފާނަށް އަމާޒުކޮށް "ހައެއްް ފަހެއް"ގައި ދިން ޓެރަރިސްޓު ހަމަލާ ކުށްވެރިކުރައްވާ ކަމަށެވެ.

ނަމަވެސް އެ ހަމަލާއަށް ފަހު އެމަނިކުފާނަށް ދައުލުތުން ކުރަން ޖެހޭ ހަރަދު މާބޮޑުވާތީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި އޭގެ ބަދަލުގައި އެ ހަރަދުތައް ކުޑަކުރެވޭނެ ގޮތެެއް ހޯދަން ގޮވާލެއްވި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަށް ފަހު އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވި ހޮޓެލް ޖެންގައި ހުންނެވި އިރު ދައުލަތުން ދިޔައީ ވަރަށް ބޮޑު ހޭދައެއް ކުރަމުން ނެވެ. އަދި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗުވީގޮތް ބަލައި އެކުލަވާލި އިންކުއަރީ ރިޕޯޓުގައި ބުނެފައިވާ ކަންތައްތައް ތަންފީޒުކުރަން 50 މިލިއަން ރުފިޔާ ހިމަނަން ބަޖެޓުގައި ހިމަނާފައި ވެއެވެ.

ނަމަވެސް ސަލީމް ދެކެވަޑައިގަންނަވާ ގޮތުގައި އިންކުއަރީ ރިޕޯޓުގައި ހިމެނޭ ކަންކަން ތަންފީޒުކުރަން 50 މިލިއަން ރުފިޔާއަކީ މާބޮޑު އަދަދެކެވެ.

"ދެން ހަމަ ނައިބު ރައީސްއަށް ބަލާލާއިރުވެސް އެހާ ބޮޑެތި ހަރަދުތަކެއް އެބަ ހިނގާ. މިހާރު އަޅުގަނޑުމެންނަށް މި ދެވުނީ އުއްތަމަ ފަނޑިޔާރަށް. ދެން ދައުލުތުން ތިން ބާރަަށް އެ ދިނީ މައްސަލައެއް ނެތް. ދެން މީގެ ނުރައްކަލަކީ މި އަންނައަހަރު އަޅުގަނޑުމެންނަށް ޖެހިދާނެ ހުރިހާ ވަޒީރުންނަށް ގެ ދޭން. މިހެން ވެއްޖިއްޔާ ދެން އަޅުގަނޑުމެން ކިހިނެއްތޯ އަމަލުކުރާނީ." ސަލީމް ވިދާޅުވި އެވެ.

ސަލީމް އިތުރަށް ވިދާޅުވީ ދައުލަތުގެ ހަރަދުތައް ބޮޑުވާގޮތަށް އެއްވެސް ކަމެއް ބައްޓަންކޮށްގެން ނުވާނެ ކަމަށެވެ. އަޅުގަނޑުމެން އަބަދުވެސް ވިސްނުން ހުންނަންވާނީ ކުރިން ކުރަމުން އައި ކަންތައްތަކުގެ ތެރެއިންވެސް ކަމެއް ހުއްޓާލެވެން އޮވެއްްޖިއްޔާ އެކަމެއް ހުއްޓާލައިފައި ދައުލަތުގެ ހަރަދުތައް ކުޑަކުރެވޭނެ ނިޒާމަކަށް ގެންދިއުން ކަމަށެވެ.