އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން އެޖެންޑާކޮށްފައިވާއިރު މިއަހަރުގެ ބާކީ އޮތް މުއްދަތަށް ލަފާކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުންވެސް ވަނީ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފަ އެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ފިސްކަލް ސްޓްރެޓެޖީ ބަޔާނުގައި ބުނެފައިވާ ގޮތުގައި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވަނީ 48 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެކެވެ.
ބަޔާނުގައިވާ ގޮތުން އަންނަ އަހަރުގެ ބަޖެޓު ދަރަނި އުޅޭނީ ގާތްގަނޑަކަށް 9.8 ބިލިއަން ރުފިޔާ ގައެވެ. ރިކަރަންޓް ހަރަދުގެ ގޮތުގައި ގާތްގަނޑަށް 33 ބިލިއަން ރުފިޔާ ހޭދަކުރާނެ ކަމަށް ލަފާކޮށްފައިވާއިރު ތަރައްގީގެ މަޝްރޫއުތަކަށް 15 ބިލިއަން ރުފިޔާ ވަރު ހަރަދުކުރުމަށް ނިންމާފައިވެ އެވެ.
މީގެ އިތުރުން މިއަހަރުގެ ބާކީ އޮތް މުއްދަތުގެ ހަރަދުތައް ހަމަޖެއްސުމަށް ވަނީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާފަ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު ބުދަ ދުވަހުގެ ޖަލްސާއަށް ވަނީ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު އެޖެންޑާކޮށްފަ އެވެ.
މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރުމުގެ މައްސަލަ އިއްޔެ އާއި މިއަދުގެ ޖަލްސާއަށް އެޖެންޑާކުރި ނަމަވެސް އެ މައްސަލަ ބޭއްވޭ ގޮތް ނުވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުންނެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މައްސަލަ ބޭއްވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ވަނީ ބަލައިގަނެފަ އެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގައި ވަނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ، ގައިވާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއަށް އަމަލުކުރުން މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ.
މީގެ އިތުރުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅިފައިވާނަމަ އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ރ. ގައި ބަޔާންކޮށްފައިވާތީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކަނޑައަޅައިދިނުމަށްވެސް އެމްޑީޕީން ވަނީ އެދިފަ އެވެ.