ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު 50 ބިލިއަން ރުފިޔާއާ ގާތްކުރާނެ ކަމަށް ލަފާކޮށްފި އެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފިސްކަލް ސްޓްރެޓެޖީ ބަޔާނުގައި ބުނެފައިވާ ގޮތުގައި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވަނީ 48 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެކެވެ.
ބަޔާނުގައިވާ ގޮތުން އަންނަ އަހަރުގެ ބަޖެޓު ދަރަނި އުޅޭގީ ގާތްގަނޑަކަށް 9.8 ބިލިއަން ރުފިޔާ ގައެވެ. ރިކަރަންޓް ހަރަދުގެ ގޮތުގައި ގާތްގަނޑަށް 33 ބިލިއަން ރުފިޔާ ހޭދަކުރާނެ ކަމަށް ލަފާކޮށްފައިވާއިރު ތަރައްގީގެ މަޝްރޫއުތަކަށް 15 ބިލިއަން ރުފިޔާ ވަރު ހަރަދުކުރުމަށް ނިންމާފައިވެ އެވެ.
ބަޖެޓް ދަރަނި ފޫބެއްދުމަށް 13.4 ބިލިއަން ރުފިޔާ ވަރު ހޯދަންޖެހޭ ކަމަށް އަންދާޒާކޮށްފައިވާއިރު އެ އަދަދު ހޯދަން ސަރުކާރުން ވިސްނާފައިވަނީ މީގެކުރިންވެސް އެކަން ކުރަމުން އައި ގޮތަށެވެ. އެއީ ބޭރުގެ މާލީ އިދާރާތަކުން ލޯނުގެ ގޮތުގައި 50 މިލިއަން އެމެރިކާ ޑޮލަރާއި ރާއްޖޭގެ ބާޒާރަށް 6.1 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކުމެވެ.
އަންނަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނި ހުންނާނީ މިއަހަރުވެސް ހުންނާނެ ކަމަށް ލަފާކުރާ 111 ބިލިއަން ރުފިޔާގައި ކަމަށް ބަޔާނުގައިވެ އެވެ. އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ދަރަނި ދެއްކުމަށް 2.5 ބިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވެ އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު އެކުލަވާލުމުގައި ފިނޭންސް މިނިސްޓްރީން ގެންދަނީ އަންނަ މަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރައްވާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ހާއްސަ ޓީމަކާ އެކު މަސައްކަތް ކުރަމުންނެވެ.