މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް އަންނަ އަހަރު ކުރާ ހޭދަ މި އަހަރާއި އަޅާބަލާއިރު 20.3 ޕަސެންޓް އިތުރުވާނެ ކަމަށް ލަފާކޮށްފި އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ރިކަރަންޓް ހަރަދުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަންޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ.
މި ގޮތުން މިކަމަށް 13.9 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
"ދައުލަތުގެ ބަޖެޓު ޕޮޒިޝަން ރިޕޯޓް 2025" ގައިވާ ގޮތުން މި ހަރަދު އިތުރުވާނެ ކަމަށް އަންދާޒާކުރާ މައިގަނޑޫ ސަބަބުތަކުގެ ތެރޭގައި އަންނަ އަހަރުގެ ބަޖެޓުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގަން ފެށޭނެ ކަމަށް ބަލައި އެއާޕޯޓުގައި މަސައްކަތްކުރާ އެކި އިދާރާތަކަށް ބޭނުންވާ އިތުރު މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ބަޖެޓުގައި ހިމަނާފައިވުމާއި އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކުރުމަށްޓަކައި ބޭނުންވާ މުވައްޒަފުންނަށް ހިނގާ ހަރަދުތައް ބަޖެޓުކޮށްފައިވުން ހިމެނެ އެވެ.
މި ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ އަދަދު އެންމެ ބޮޑަށް އިތުރުވާނެ ކަމަށް ލަފާކޮށްފައިވަނީ ސިއްހީ ދާއިރާއިންނެވެ.
މީގެ އިތުރުން ޕޭ ހާމަނައިޒްކުރުމުގެ މަސައްކަތުގެ ތެރެއިން ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން އާ ޕޭ ފްރޭމްވޯކްއަށް ހިޖުރަކޮށްފައިނުވާ ހުރިހާ މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުން އަންނަ އަހަރުގެ ތެރޭގައި އާ ޕޭ ފްރޭމްވޯކްއަށް ބަދަލުކޮށް މުސާރަތައް ހާމަނައިޒްކުރަން ނިންމާފައިވުމަކީވެސް އަންނަ އަހަރު މި ދާއިރާގެ ހަރަދު އިތުރުވާ ސަބަބެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.
މުވައްޒަފުންގެ މުސާރައަށް ކުރާ ހޭދަ އަންނަ އަހަރު 20 ޕަސެންޓް އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު މުވައްޒަފުންގެ މުސާރައަށް މި އަހަރުގެ މިހާތަނަށް 11.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މުވައްޒަފުންގެ މުސާރައަށް ހޭދަކުރި 9.9 ބިލިއަން ރުފިޔާއަށްވުރެ 12.6 ޕަސެންޓް އިތުރު އަދަދެކެވެ.