އީވާ އަބްދުﷲ

އިމްރާންގެ ވާހަކަ އީވާ ދޮގު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށް ފަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅުތައް ދޮގު ކުރައްވާ އިމްރާންގެ އެ ވާހަކަފުޅުތަކާއި ގުޅިގެން ރައީސް ނަޝީދުގެ އާއިލާގެ ފަރާތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން ރޭ އޭޑީކޭގައި ނޫސްވެރިން އަމާޒު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ރައީސް ނަޝީދުގެ ފުރާނަފަޅަށް ގެއްލުމެއް ލިބިވަޑައިގަންނަވާ ވަރުގެ އަނިޔާއެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި މިއަދުވެސް އެރޭގެ ޖަވާބު ދިފާއު ކުރެއްވި އެވެ.

މިނިސްޓަރު އިމްރާން ދެއްކެވި އެ ވާހަކަފުޅާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ސުވާލު ކުރައްވާފަ އެވެ. ރައީސް ނަޝީދަށް ހަމަލާދިން ރޭ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ރަނގަޅަށް އޮޅުންފިލުވުމަކާއި ނުލައި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ރަނގަޅު ކަމަށް މިނިސްޓަރު ވިދާޅުވީ ކީއްވެގެންތޯ އޭނާ އެއްސެވި އެވެ.

އޭގެ ޖަވާބުގައި އިމްރާން ވިދާޅުވީ އޭނާ ދެއްކެވި ވާހަކަފުޅު މެންބަރު ހަސަން އެއްސެވި ކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ނަޝީދުގެ ހާލުކޮޅާ ގުޅޭގޮތުން އެ ރޭ އޭނާ ވާހަކަ ދެއްކެވީ އޭޑީކޭގެ ޑޮކްޓަރުންނާއި ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅުން ހިއްސާ ކުރެއްވި މައުލޫމާތަށް ބަލައިގެން ކަމަށެވެ.

މިނިސްޓަރު އިމްރާން މަޖިލީހުގައި އެހެން ވިދާޅުވުމާ ގުޅިގެން މަޖިލީހުގެ ނައިބު ރައީސް އަދި ރައީސް ނަޝީދުގެ ކޮއްކޯފުޅު، އީވާ އަބްދުﷲ ވިދާޅުވީ މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަފުޅާ ގުޅިގެން އާއިލާ އިން ކަންބޮޑުވެއްޖެ ކަމަށެވެ.

އީވާ ވިދާޅުވީ ރައީސް ނަޝީދު އޭޑީކޭއަށް ގެންދިއުމަށް ފަހު 20 ގަޑިއިރު ސާޖަރީތަކެއް ހެދިއިރު އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު އެންމެ ގާތުން ބެއްލެވި އެއް ބޭފުޅަކީ އެކަމަނާ ކަމަށެވެ. އަދި އެރޭ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުން ފިޔަވާ ހުރިހާ ވަގުތެއް ހޭދަ ކުރެއްވީ އޭޑީކޭގައި ކަމުގައިވާތީ ރައީސް ނަޝީދުގެ ހާލުކޮޅު ހުރި ގޮތާއި ގުޅޭ ގޮތުން ޑޮކްޓަރުން ހިއްސާ ކުރެއްވި މައުލޫމާތު އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އެރޭ ޑޮކްޓަރުންގެ އެއްވެސް ބޭފުޅަކު އަދި އާއިލާގެ އެއްވެސް ބޭފުޅަކު ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށް ވިދާޅުވާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

އީވާ ދެއްކެވި ވާހަކަފުޅާ ގުޅިގެން މިނިސްޓަރު އިމްރާން ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް އަނިޔާތަކެއް ލިބިވަޑައިގެންނެވި ކަމަށާއި އެހެން ނަމަވެސް ފުރާނަފުޅަށް ގެއްލުންވާ ވަރުގެ އަނިޔާއެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވަމުން އިމްރާން ވިދާޅުވީ އެ ހަމަލާގެ ހަގީގަތްތަކާއި ރާވައި ހަރަދު ކުރި މީހުން ހޯދަން ތަހުގީގު ހިންގަމުންދާ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލައިގެ ތަހުގީގަކީ ހިނގަމުންދާ ތަހުގީގަކަށް ވާތީ ހުރިހާ މައުލޫމާތެއް މިވަގުތު ހާމަ ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ތަހުގީގު ހިނގަމުންދާ ގޮތުގެ މައުލޫމާތު މަޖިލީހާއި މަޖިލީހުގެ ނައިބު ރައީސްއާ ހިއްސާ ކުރައްވަމުން ގެންދަވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.