ޑރ. މުހައްމަދު ޖަމީލް އަހުމަދު

"އެމްޑީޕީން ދަނީ ޒުވާނުންގެ މުސްތަގުބަލު ކަތިލަމުން"

ދާދި ފަހުން ފުލުހުންގެ ގާނޫނަށް ގެނައި އިސްލާހަކީ ބަދަލު ހިފުމުގެ ގޮތުން ގެނައި އިސްލާހުތަކެއް ކަމަށް ވިދާޅުވެ ވެރިކަން ކުރާ އެމްޑީޕީން ހުނަރުވެރި ޒުވާނުންގެ މުސްތަގުބަލު ކަތިލަމުންދާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވުމާއި ގުޅިގެންނެވެ. ފައިރޫޝްއަށް އެމްޑީޕީން ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާއިރު ފައިރޫޝްގެ އިސްތިއުފާގެ ފަހަތުގައި ވަނީ ދާދި ފަހުން ފުލުހުންގެ ގާނޫނަށް ގެނައި އިސްލާހު ކަމަށް ގިނަ ބަޔަކު ދެކެއެވެ. ފައިރޫޝް އިސްތިއުފާ ދިނުމުން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވަނީ އުފާފާޅުކޮށްފައެވެ. އަދި އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި އެކްޓިވިސްޓުން ގެންދަނީ ފައިރޫޝްއަކީ "ބަޣާވާތް" ކުރި ބޭފުޅެއް ކަމަށް ވިދާޅުވެ އިސްތިއުފާ ދިނަސް އެ މައްސަލަ ބަލަން ޖެހޭނެ ކަމަށް ބުނަމުންނެވެ.

އެކަމަށް އިޝާރާތް ކުރައްވާ ޖަމީލް މިއަދު ވިދާޅުވީ ފުލުހުންގެ އާ ގާނޫނުގެ މަގްސަދަކީ ބަދަލު ހިފުން ކަަމަށާ ގައުމެއްގެ ގޮތުގައި މިއީ ވަރަށް ނާތަހުޒީބު އަމަލުތަކެއް ކަމަށެވެ. އަދި އެމްޑީޕީ އިސްނަގައި ހުނަރުވެރި ޒުވާނުންގެ މުސްތަގުބަލް ކަތިލުމަށްފަހު އުފާފާޅުކުރުމަކީ ލަދުވެތި އަމަލެއް ކަމަށް ވިދާޅުވިއެވެ. ޖަމީލް އެ އިޝާރާތް ކުރައްވަނީ ފައިރޫޝް އިސްތިއުފާ ދިނުމުން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން އުފާފާޅުކުރި ކުރުމަށެވެ. ޖަމީލް ވަނީ ވައުދުވި މިނިވަން، ވަޒީފާގެ ބިރުވެރިކަން ނެތް މުޖުތަމައު ކޮބައިތޯވެސް ސުވާލު ކުރައްވާފައެވެ.

"މިއަދު ޑރ. ފަައިރޫޝް. މާދަމާ ޝިކާރައަކަށް ވާނީ ކާކުބާ؟ ދިވެހި ގައުމަށް ވަކިން ހާއްސަކޮށް އައްޑޫ ރައްޔިތުންނަށް މި ސަރުކާރުންނާއި އެމްޑީޕީން އަބަދުވެސް ދެނީ ކެހި،" ދެކުނުގެ ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ޖަމީލް ވިދާޅުވިއެވެ.

މީގެ ތިން މަސް ފަހުން އަމަލު ކުރަންޖެހޭ ފުލުހުންގެ ގާނޫނުގެ އާ އިސްލާހުތަކުގެ ތެރޭގައި ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާމެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

މި އިސްލާހު ހުށައެޅީ ކޮމެޓީ މަރުހަލާވެސް ނިމި ބިލް ފާސްކުރަން މަޖިލީހަށް ފޮނުވާފައިވަނިކޮށެވެ. އެ އިސްލާހަށް އެމްޑީޕީގެ ބައެއް މެންބަރުންވެސް ދެކޮޅު ހައްދަވާ ވާހަކަދެއްކެވިއެވެ.