ޑރ. މުހައްމަދު ޖަމީލް އަހުމަދު

އިންތިހާބު ފަސްކުރުމަކީ ރައްޔިތުންނާ ދެކޮޅަށް ކުރާ ބަޣާވާތެއް: ޖަމީލް

މިދިޔަ އަހަރު ބާއްވަން މަސައްކަތް ކުރި ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަކީ ސަރުކާރު ހިންގާ މައި ޕާޓީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ން ރައްޔިތުންނާ ދެކޮޅަށް ކުރާ ބަޣާވާތެއް ކަމަށް ކުރީގެ ނާއިބު ރައީސް އަދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ސިފަ ކުރައްވައިފި އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ މުޅި ދުނިޔޭގައި ވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 އިގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ.

ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދަން ރައްޔިތުންގެ މަޖިލީހުން ވަނީ ސަންސެޓް ގާނޫނެއް ފާސް ކޮށްފަ އެވެ. އެ ގާނޫނު ބުނާ ގޮތުން ތަސްދީގު ކުރާތާ އަހަރު ދުވަސްތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. އެހެންވެ އަންނަ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ. ނަމަވެސް އެ މުއްދަތުގައި ވެސް އިންތިހާބު ބޭއްވިދާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ.

އެ ސުވާލު އުފެދުނީ ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަލުން އިތުރު ކުރުމާއި ގުޅިގެންނެވެ. އެ ހާލަތު އަންނަ މަހުގެ ތިންވަނަ ދުވަހަށް މިއަދު ވަނީ އިތުރު ކޮށްފަ އެވެ. އެ ނިންމުމާއެކު އަންނަ މާޗް މަހުގެ ހަވަނަ ދުވަހު އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ބުނެފައެވެ.

އެކަމަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވީ ކައުންސިލް އިންތިހާބު ނުބާއްވަން އުޅެނީ ގަދަބާރުން ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަން ކަމަށެވެ. އެމްޑީޕީއަކީ ރައްޔިތުންގެ ވޯޓްގެ ހައްގަށް ކަމޭހިތާ ކަމަށް ވަރަށް ބޮޑަށް ދައުވާކުރި ޕާޓީއެއް ކަމަށް ވިދާޅުވެ ޖަމީލް ވަނީ މިއަދު އެޕާޓީން އެ ކަމަށް އިންކާރު ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި އިންތިހާބު ފަސްކުރުމަކީ ރައްޔިތުންނާއި ދެކޮޅަށް އެމްޑީޕީން ކުރާ ބަޣާވާތެއް ކަމަށް ސިފަ ކުރެއްވިއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެމެރިކާ އާއި ސްރީލަންކާ ފަދަ ގައުމުތަކުގައިވެސް ބޮޑެތި އިންތިހާބުތައް ބާއްވާފައިވާ ކަމަށް ވިދާޅުވެ ޖަމީލް ވަނީ ހުރިހާ ޑިމޮކްރަސީތަކުގައިވެސް އިންތިހާބުތައް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.

މާ ވޯޓަށް ކަމޭހިތާ ކަމަށް ދައުވާކުރި އެމްޑީޕީން މިއަދު އެކަމަށް އިންކާރު. ކައުންސިލް އިންތިހާބު ނުބާއްވަން އުޅެނީ ގަދަބާރުން ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަން. ހުރިހާ ޑިމޮކްރެސީތަކުގައިވެސް އިންތިހާބު ދަނީ ބާއްވަމުން. މިއީ އެމްޑީޕީން ރައްޔިތުންނާ ދެކޮޅަށް ކުރާ ބަޣާވާތެއް
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބް ރައީސް

ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ފަސް ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް، އިންތިހާބުތަކާބެހޭ ހާއްސަ ގާނޫނަށް އިސްލާހެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން ވަނީ ބުނެފައެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް އާދަމް މިއަދު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އަންނަ މެއި މަހަށް ވުރެ އިންތިހާބު ފަސް ކުރުމުގެ ބަދަލުގައި، ކުއްލި ހާލަތު އުވާ ނުލިޔަސް، އިންތިހާބު ބޭއްވުމުގެ ޖާގަ ލިބޭ ގޮތަށް ސަންސެޓް ގާނޫނަށް އިސްލާހެއް ޑްރާފްޓް ކުރުމުގެ މަސައްކަތް މިހާރު އީސީން އިސްވެ ކުރާ ކަމަށެވެ.

ޝަރީފު ވިދާޅުވީ ކުއްލި ހާލަތުގެ ތެރެއިން އިންތިހާބު ބޭއްވުމާ ގުޅޭ ގޮތުން، އަދި ރަސްމީކޮށް އެޗްޕީއޭ އާއެކު މަޝްވަރާ ކުރެވިފައި ނުވި ނަމަވެސް، އީސީން ކަނޑައަޅާ ރައްކާތެރިކަމުގެ އުސޫލުތަކެއްގެ ތެރެއިން އިންތިހާބު ބޭއްވިދާނެ ކަމުގެ އިޝާރާތެއް ލިބިފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، ގާނޫނު އިސްލާހު ކުރި ނަމަވެސް، ސިއްހީ ކުއްލި ހާލަތެއްގެ ތެރެއިން އިންތިހާބު ބޭއްވުމަށް އީސީއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ.

އެ ގޮތުން ކުއްލި ހާލަތުގައި އެޗްޕީއޭއަށް ގާނޫނީ ގިނަ ބާރުތަކެއް ލިބިދޭއިރު، އިންތިހާބު ބޭއްވުމުގެ އުސޫލުތަކަށް އީސީގެ މައްޗަށް ބަސް ކިޔޭނަމަ، ގިނަ ދަތިތައް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮވިޑް-19 އިގެ ސަބަބުން ކެމްޕޭނު ކުރުމަށް ރަށްރަށަށް ދަތުރު ކުރުމާއި، ކަރަންޓީނު ވާން ޖެހުން ފަދަ ފިޔަވަޅުތަކުގެ ސަބަބުން ނުކުންނާނެ މައްސަލަތައް ވެސް ހުންނާނެ އެވެ.

"ކެމްޕޭނު ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނުމަކީ އަބަދުވެސް ކުރާ ޝަކުވާއެއް. މި ހާލަތުގައި ވެދާނެ ގޮތަކީ، މަޝްރޫއުތަކުގެ ނަމުގައި ބައެއް ބޭފުޅުންނަށް ކަރަންޓީނުވާން ނުޖެހޭ ގޮތަށް ރަށްރަށަށް ދަތުރު ކުރުމަށް ފުރުސަތު ލިބުން. އޭގެން އެހެން ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނެ ގާނޫނީ މައްސަލަތަކެއް ކުރިމަތި ކުރުވުމުގެ ޖާގަ އޮންނާނެ،" އޭނާ ވިދާޅުވި އެވެ.