ރައީސް މުހައްމަދު ނަޝީދު

"އިންތިހާބުން ބަލިވަންދެން މުއިއްޒު ބަހައްޓައިދޭން އެދެން"

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ނިމެންދެން ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމުން ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާއާމެދު ގޮތް ނުނިންމާ އޭނާ ބަހައްޓައިދޭން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖުޑިޝަލް ސާވިސް ކޮމިޝަންގައި ވެސް އިންނަވާ ނަޝީދު މި މޭރުމުން ވާހަކަފުޅު ދެއްކެވީ މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަ އެވެ. ވިދާޅުވީ "އިދިިކޮޅު މީހުން ބަންދު ކޮށްގެން އިންތިހާބެއް ބޭއްވުމަކީ ވަރަށް ގޯސް" ކަމެއް ކަމަށެވެ. އެކަން އެހެން ހިނގާނެހެން ވެސް ހީފުޅު ނުކުރެއްވޭ ކަމަށެވެ.

ރުޅިވެރިކަމާއެކު ކުރިން ވެސް މުއިއްޒަށް ފާޑުވިދާޅުވެ ވަނަމެއް ބޭނުން ކުރައްވާފައިވާ ނަޝީދު މިއަދު ވިދާޅުވީ މުއިއްޒުގެ މައްޗަށް މައްސަލައެއް އެބައޮތް ކަމަށެވެ. އެއީ ބޮޑު ހިޔާނާތާއި ގުޅުންހުރި މައްސަލައެއް ނަމަވެސް އިންތިހާބުން މުއިއްޒު "ބަލިވަންދެން" ބަހައްޓައް ދިނުމަކީ ވަރަށް ބޮޑު އެދުމަކާއި އުންމީދެއް ކަމަށެވެ.

"ރައީސް ޔާމީން ހުންނެވީ ބަންދުގައި. ދެން މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅެއްގެ މައްޗަށް އަޅުގަނޑު ހިތުން މައްސަލައެއް އެބަ ބެލޭ. އަޅުގަނޑު އުންމީދު ކުރަން އެމްއެމްޕީއާރުސީގެ މައްސަލައިގައި ވިޔަސް އިންތިހާބުން ބަލިވަންދެން [މުއިއްޒު] ބަހައްޓާނެ ކަމަށް. އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން ހައެއްކަ ވޯޓް ދީ މާލެއިން ބަލިކޮށްލަން. އަޅުގަނޑު ވަރަށް ބޮޑަށް އެދެން، އުންމީދު ކުރަން މުއިއްޒު ބަންދު ނުކޮށް ބަލި ވަންދެން، ބަލި ވަންދެން، އިންތިހާބު ނިމެންދެން ބަހައްޓާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

ބޮޑު ހިޔާނާތާއި ގުޅުވައި މުއިއްޒުގެ ނަން ރައީސް ނަޝީދު ވިދާޅުވި ނަމަވެސް މުއިއްޒު މައްޗަށް އުފުލާފައި ވަނީ ދޮގު ބަޔާނެއް ދިނުމުގެ ދައުވާ އެކެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ޖޫން 25، 20019 ގައި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ (ނޫމަޑި) ނަމަކަށް ކިޔާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް، ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށައަޅާފައިވާ މައްސަލާގައި ކުންފުނީގެ ހެކިވެރިއަކަށްވެ، ހައުސިން ޔުނިޓް މަޝްރޫ އާއި ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުންދިޔަ ކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ، ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާނެ ކަމަށް ބުނެ ދޮގު ބަޔާނެއް ދީފައިވާތީ މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ އުފުލަން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

އެ މައްސަލަ ފޮނުވީ ޖޫން 14، 2020 ގައެވެ.

ނަމަވެސް އެ ތުހުމަތުތައް މުއިއްޒު ދޮގު ކުރައްވައެވެ. މުއިއްޒު ވިދާޅުވީ ދައުލަތާއި ރައްޔިތުންނަށް ގެއްލުން ވާނެ ގޮތަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާ އޭނާ ހުންނެވީ ސާބިތުކަމާއެކު ކަމަށެވެ. އަދި ކިތަންމެ ގިނަ ތުހުމަތުތަކެއްކޮށް ބިރު ދައްކަން މަސައްކަތް ކުރި ނަމަވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ކަންތައްތަަކަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކުރަމުންދާ ކަންތައްތަކެއްގެ ގޮތުގައި ވެސް ސިފަ ކުރެއްވި އެވެ.

އެމްޑީޕީން 50 ޕަސެންޓް ވޯޓް ހޯދާނެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓް ލީ މީހުންގެ 48 ޕަސެންޓް ވޯޓް އެމްޑީޕީއަށް ލިބިފައިވާ ކަމަށާ މިފަހަރުގެ އަމާޒަކީ އެ އަދަދު 50 ޕަސެންޓަށްވުރެ އިތުރުވުން ކަމަށެވެ.

ފަސް ނުކޮށް ކައުންސިލް އިންތިހާބު ބާއްވަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ތާރީހަކީ މާޗް ހަތެއް ނުވަތަ ފަހެއް ކަމަށް ވިދާޅުވިއެވެ.

"ވީހާވެސް އަވަހަކަށް އަޅުގަނޑުމެން އިންތިހާބު ބާއްވަން އެބަ ޖެހޭ. އަޅުގަނޑު އުންމީދު ކުރަން މާޗް މަހުގެ ކުރީކޮޅު މި އިންތިހާބު އޮންނާނެ ކަމަށް. އަޅުގަނޑުގެ ތާރީހަކީ މާޗް ހަތެއް ނުވަތަ ފަހެއް. އެކަހަލަ ދުވަހެއްގައި ބޭއްވޭނެ ކަމަށް މި ދެކެނީ. އެމްޑީޕީ އަބަދުވެސް ތިބޭނީ އިންތިހާބެއް ނުލިބިގެން ވާދަ ކޮށްލާނެ. ޕޭރަންޓް ޓީޗާސް އެސޯސިއޭޝަން އިންތިހާބު ވެސް އަޅުގަނޑުމެންނަށް ހުޅުވާލައިފިއްޔާ ވާދަ ކުރާނެ،" ނަޝީދު ވިދާޅުވިއެވެ.

އަންނަ މާޗް މަހުގެ ހަވަނަ ދުވަހު އިންތިހާބު ބޭއްވޭތޯ އިލެކްޝަނުން ދަނީ މަަސައްކަތް ކުރަމުންނެވެ. ނަމަަވެސް އެ ތާރީހު ހަފުތާއެއްހާ ދުވަހަށް ފަސްވެދާނެ ކަމަށްވެސް ދާދި ފަހުން އީސީން ވަނީ ބުނެފަ އެވެ.