ޑރ. މުހައްމަދު މުއިއްޒު

"މުއިއްޒަށް ބިރު ދައްކަނީ މާޔޫސް ވެގެން"

މާލޭ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމުން ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒަށް ބިރު ދެއްކުމުގެ ގޮތުން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ މާޔޫސް ވެގެން ކަމަށް އިދިކޮޅުން ބުނެފި އެވެ.

މޭޔަރު ކަމަށް ވާދަ ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި ފަހުން އެކި ފަހަރު މަތިން ނަޝީދު ވަނީ މުއިއްޒުއަށް ބަހުގެ ހަމަލާތައް ދެއްވާފައެވެ. ބައެއް ފަހަރު ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ ބޭއަދަބީ ބަސްތައް ވެސް މުއިއްޒުއަށް ރައްދު ކުރައްވާފައި ވެއެވެ. "ހޮޅި މުއިއްޒު" ކަމަށް ވިދާޅުވެ ޖަލްސާއެއްގައި ނަޝީދު ވަނީ މުއިއްޒުއަށް ވަރަށް ބޮޑަށް ފުރައްސާރަވެސް ކޮށްފަ އެވެ. އަދި އިއްޔެ އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ނަޝީދު ވަނީ މުއިއްޒުއަށް ފާޑުވިދާޅުވެފަ އެވެ.

ނަޝީދު އިއްޔެ ވިދާޅުވީ މުއިއްޒުގެ މައްޗަށް މައްސަލައެއް އެބައޮތް ކަމަށެވެ. އެއީ ބޮޑު ހިޔާނާތާއި ގުޅުންހުރި މައްސަލައެއް ނަމަވެސް އިންތިހާބުން މުއިއްޒު "ބަލި ވަންދެން" ބަހައްޓައް ދިނުމަކީ ވަރަށް ބޮޑު އެދުމަކާއި އުންމީދެއް ކަމަށެވެ.

"ރައީސް ޔާމީން ހުންނެވީ ބަންދުގައި. ދެން މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅެއްގެ މައްޗަށް އަޅުގަނޑު ހިތުން މައްސަލައެއް އެބަ ބެލޭ. އަޅުގަނޑު އުންމީދު ކުރަން އެމްއެމްޕީއާރުސީގެ މައްސަލައިގައި ވިޔަސް އިންތިހާބުން ބަލިވަންދެން [މުއިއްޒު] ބަހައްޓާނެ ކަމަށް. އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން ހައެއްކަ ވޯޓް ދީ މާލެއިން ބަލިކޮށްލަން. އަޅުގަނޑު ވަރަށް ބޮޑަށް އެދެން، އުންމީދު ކުރަން މުއިއްޒު ބަންދު ނުކޮށް ބަލި ވަންދެން، ބަލި ވަންދެން، އިންތިހާބު ނިމެންދެން ބަހައްޓާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވާ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މުއިއްޒުގެ އިމްތިޔާޒުތަކާއި އިންތިހާބީ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް މިހާ އަވަހަށް ބިރު ދެއްކުމުގެ ނިޔަތުގައި ވާހަކަ ދައްކަނީ މުއިއްޒުއަށް އޮތް ތާއީދު ބޮޑުވަމުން ދާތީ ކަމަށެވެ. އެއީ ރައީސް ނަޝީދު މާޔޫސް ވެގެން ކުރައްވާ ކަމެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ޕީޕީއެމްއިން ކާމިޔާބު ކުރާނެ ކަމަށެވެ.

ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މާލެސިޓީގެ މޭޔަރު ކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒު ބަލި ނުކުރެވޭނެ ކަން ރައީސް ނަޝީދަށް ކަށަވަރު ވެއްޖެ ކަމަށެވެ. އަދި ކިތަންމެ ބިރެއް ދެއްކި ނަމަވެސް މުއިއްޒު ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

ޖޫން 14، 2020 ގައި ޑރ. މުއިއްޒު މައްޗަށް ދޮގު ބަޔާނެއް ދިނުމުގެ ދައުވާ ވަނީ އުފުލާފައެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ޖޫން 25، 20019 ގައި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ (ނޫމަޑި) ނަމަކަށް ކިޔާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް، ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށައަޅާފައިވާ މައްސަލާގައި ކުންފުނީގެ ހެކިވެރިއަކަށްވެ، ހައުސިން ޔުނިޓް މަޝްރޫ އާއި ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުންދިޔަ ކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ، ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާނެ ކަމަށް ބުނެ ދޮގު ބަޔާނެއް ދީފައިވާތީ މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ އުފުލަން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

ނަމަވެސް އެ ތުހުމަތުތައް މުއިއްޒު ދޮގު ކުރައްވައެވެ. މުއިއްޒު ވިދާޅުވީ ދައުލަތާއި ރައްޔިތުންނަށް ގެއްލުން ވާނެ ގޮތަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާ އޭނާ ހުންނެވީ ސާބިތުކަމާއެކު ކަމަށެވެ. އަދި ކިތަންމެ ގިނަ ތުހުމަތުތަކެއްކޮށް ބިރު ދައްކަން މަސައްކަތް ކުރި ނަމަވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ކަންތައްތަަކަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކުރަމުންދާ ކަންތައްތަކެއްގެ ގޮތުގައި ވެސް ސިފަ ކުރެއްވި އެވެ.