ރައްޔިތުންގެ މަޖިހީލުގެ ރައީސް މުހައްމަދު ނަޝީދަށް ރާއްޖެ ވަޑައިގަނޭވޭނެ ކަމަށް ބެލެވެނީ އަންނަ ސެޕްޓެމްބަރު މަހުގައި ކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފި އެވެ.
ރައީސް ނަޝީދުގެ ބޭބޭފުޅު ޑރ. އިބްރާހިމް ނާޝިދު އަވަސް އަށް މިއަދު ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރު ފެށުމުގެ ކުރިން އެމަނިކުފާނަށް ރާއްޖެ ވަޑައިނުގެންނެވޭނެ ކަމަށެވެ. އެއީ އެމަނިކުފާނުގެ ކަކުލަށް ލިބިފައިވާ އަނިޔާ ރަނގަޅުނުވާތީ ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް ސެޕްޓެމްބަރު މަހުގައި ރައީސް ނަޝީދު ރާއްޖެ ވަޑަގަންނަވާނެ ކަމަށް ބެލެވޭ ކަމަށާއި އަދި ތާރީހެއް ނުނިންމާ ކަމަށް ވެސް ވިދާޅުވި އެވެ. ނާޝިދު ވިދާޅުވީ ރައީސް ނަޝީދުގެ ހާލުކޮޅު ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށެވެ.
ހައެއް ފަހެއްގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ބޮޑެތި ސާޖަރީތައް ހެދުމަށް ފަހު، އެ ހޮސްޕިޓަލުން ޑިސްޗާޖު ކޮށްލުމާއެކު އިތުރު ފަރުވާއަށް ނަޝީދު ޖަރުމަނަށް ވަޑައިގަތީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެވެ. އޭގެ ފަހުން ނަޝީދު އިތުރު ފަރުވާ ހޯއްދަވަމުން ގެންދަވަނީ އިނގިރޭސި ވިލާތުންނެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން 10 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.
މި ހަމަލާ އާއި ގުޅިގެން ދެން ހައްޔަރުކޮށްފައި ވަނީ ކ. މާލެ މާފަންނު ކުދެހިގެ އިސްހާގު އާއި ގއ. ވިލިގިލި ހުދުރުވާގެ ފަހުމީ އަލީ އާއި އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް އާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީން އެވެ.
މީގެ ތެރެއިން ފަސް މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ. އެ މީހުންނާއި މެދު މި ހަފްތާގައި ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވި އެވެ.