ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި މިހާރު ކުރިއަށްދާ ތަހުގީގުތަކުން ހެކި ލިބޭ މީހުންގެ މައްޗަށް ދައުވާ ކުރުމާމެދު ގޮތް ނިންމާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުން މިއަދު ބަޔާނެއް ނެރެފައި ވަނީ ހަމަލާއާ ގުޅިގެން އެކި ފަރާތްތަކުން އެކި ކަންކަމުގައި ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށެވެ. އެގޮތުން ހަމަލާއަށް އަހަރެއް ވެފައިވާއިރު، މި މައްސަލައިގައި ހައްޔަރުކުރުމަށްފަހު ދޫކޮށްލި އަހުމަދު ފާތިހުގެ މައްޗަށް ދައުލަތުން ދައުވާ ނުކުރުމުން އެމްޑީޕީގެ މެމްބަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފާތިހުގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް އޭރު ދައުލަތުން ނިންމީ އެކަށީގެންވާ ހެކި ނެތިގެންނެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޓެރަރިޒަމްގެ މައްސަލަތަކުގައި ހާދިސާ ހިނގިފަހުން ހެކި ލިބިއްޖެނަމަ އެ މައްސަލައެއްގައި ދައުވާ ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
"މިހާރު ވަކި މީހެއްގެ މައްޗަށް ދައުވާއެއް ކުރެވިފައި ނެތުމަކީ އޭނާގެ މައްޗަށް ފަހުން ލިބޭ ހެއްކެއްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމުގެ ހުއްޖަތެއް ނޫން. މި މައްސަލައާ ގުޅިގެން ހައްޔަރު ކުރެވުނު ނުވަތަ ހައްޔަރު ނުކުރި ނަމަވެސް އެ މައްސަލައިގައި މިހާރު ކުރިއަށްދާ ތަހުގީގުތަކުން ހެކި ލިބޭ ބައެއްގެ މައްޗަށް ލިބޭ ހެކިތަކެއްގެ މައްޗަށް ބަލައި، ދައުވާ ކުރުމާމެދު މި އޮފީހުން ގޮތެއް ނިންމާނަން،" ޕީޖީ އޮފީހުން ބުންޏެވެ.
އެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައި ވަނީ، ހަމަލާގެ އެންމެހައި ކަންކަން ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނުކުރެއްވި ސްޕެޝަލް އެންވޯއީ އައްބާސް ފާއިޒު ވެސް މި މައްސަލައިގެ ތަހުގީގާއި އަދި ދައުވާ ކުރުމުގެ މަރުހަލާގައި ކަންބޮޑުވާފަދަ އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން މި މައްސަލައިގައި ނުވަ މީހެއްގެ މައްޗަށް ދައުވާ އުފުލިއިރު އަތަމާ ޕެލެސް ތެރޭގައި ހުރެ ރިމޯޓަކުން ބޮން ގޮއްވައިލި އަދުހަމް އަހުމަދު ރަޝީދު ކުށަށް އިއުތިރާފްވެފައިވެ އެވެ. އަނެއް އަށް މީހުން ދައުވާތަކަށް އިންކާރުކުރި ނަމަވެސް މައްސަލަ ސާބިތުވާވަރަށް އެކަށީގެންވާ ހެކި ގަރީނާ ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.
އެގޮތުން އަދުހަމްގެ އިއުތިރާފްގެ ބަޔާނުގެ އިތުރުން، ޑީއެންއޭ އެވިޑެންސާއި، މާއްދީ ހެއްކާއި، ސައިންޓިފިކް ހެކިތަކާއި، ހަބީރުންގެ ހެކި ބަހާއި، އެނޫންވެސް ހެކިތައް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.
މި މައްސަލައިގައި ތަހުގީގު މަރުހަލާއިން ފެށިގެން ޕީޖީ އިން ބައިވެރިވެފައިވާއިރު، ރާއްޖެއާއި ރާއްޖެއިން ބޭރުން ބޭނުންކުރެވޭނެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްފައިވާނެ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް ހޯދާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ހައެއް ފަހެއް ހަމަލާއާއި ގުޅިގެން ޕީޖީ އޮފީހުން ބަޔާނެއް ނެރެފައިވާއިރު، ފާތިހަށް ނިސްބަތްކޮށް ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓާ އެކައުންޓުގައި ވަނީ ތުހުމަތެއް ކޮށްފަ އެވެ. އެގޮތުން އޭނާ ފުލުހުންގެ ވަޒީފާއިން ވަކިވެފައި ވަނީ ހަމަލާގެ ފަހުން ކަމަށް ވިދާޅުވެފައިވެ އެވެ. އެކަމަކު އެކަން ފުލުހުން ވަނީ ދޮގުކޮށްފަ އެވެ.
ފާތިހަށް ދައުވާ ކުރެވެން ނެތް ކަމަށް އިއުލާނުކުރެއްވުމަށްފަހު މީގެ ކުރިން ވެސް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ، ހަމަލާ އާއި ގުޅޭ ތަހުގީގު މިހާރުވެސް ކުރިއަށް ދާތީ ތަހުގީގުން ދައުވާ ކުރަންޖެހޭ ފަދަ ކަމެއް ފާހަގަވެއްޖެ ނަމަ ދައުވާ ކުރާނެ ވިދާޅުވެފަ އެވެ.
ލ. ގަމަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ފާތިހު ހައްޔަރުކުރީ ބ. ދަރަވަންދޫ އިންނެވެ. އޭނާ އަކީ ކުރިން ފުލުހުގައި މަސައްކަތް ކުރި މީހެކެވެ. އޭނާ އެ ވަޒީފާއިން ވަކިވީ މިދިޔަ އަހަރު އަމިއްލައަށެވެ.
ފާތިހު އަކީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ހަތަރު ވަނަ މީހާ އެވެ. އޭނާ އަކީ ހަމަލާ ދިނުމުގައި ދެން އުޅުނު މއ. ފޭރުގެ މުޖާޒް އަހުމަދު ސައިކަލުގައި ގެންދިޔަ މީހާ އެވެ.