ނަޝީދަށް އަމާޒު ކުރި ހަމަލަ

ފާތިހުއާ ގުޅޭ އާ ތުހުމަތެއް ފެންމަތި ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ބައިވެރިވުމުގެ ތުހުމަތަށް ހައްޔަރުކުރި އަހްމަދު ފާތިހު، ފުލުހުންގެ ވަޒީފާއިން ވަކިވި ތާރީހާ މެދު ސުވާލު އުފައްދައިފި އެވެ.

ލ. ގަމަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ފާތިހު ހައްޔަރުކުރީ ބ. ދަރަވަންދޫންނެވެ. އޭނާއަކީ ކުރިން ފުލުހުގައި މަސައްކަތް ކުރި މީހެކެވެ. އޭނާ އެ ވަޒީފާއިން ވަކިވީ 2020 ވަނަ އަހަރު އަމިއްލައަށް އެދިގެން ކަމަށް ފުލުހުން ބުނެއެވެ. ފާތިހަކީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ހަތަރު ވަނަ މީހާ އެވެ. އޭނާއަކީ ހަމަލާ ދިނުމުގައި ދެން އުޅުނު މއ. ފޭރުގޭ މުޖާޒް އަހުމަދު ސައިކަލުގައި ގެންދިޔަ މީހާ އެވެ.

މޭ، ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހު ފުލުހުންގެ ބަންދުން ދޫކޮށްލީ ފާތިހަށް މިވަގުތު ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ނިންމެވި ނިންމެވުމާއި ގުޅިގެން އޮގަސްޓް 6، 2021 ގައެވެ.

މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއަށް އެއް އަހަރު ފުރިފައިވާއިރު އެ ހަމަލާއާ ގުޅޭ މުޅީން އާ ތުހުމަތުތަކެއް މިހާރު ދަނީ ފެންމަތި ކުރަމުންނެވެ. ހަމަލާގެ ޝިކާރައަކަށް ވެވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދު ވެސް އަދި އެމަނިކުފާނުގެ ވަަރަށް އަރިސް ބޭފުޅުން ވެސް ގެންދަވަނީ އެކަމާއި ގުޅޭ އިތުރު ތުހުމަތުތައް ކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ވަނީ މެއި ހައެއްގެ ޓެެރަރިސްޓް ހަމަލާއަށް ފަންޑުކުރި މީހަކު ނެތިއްޔާ އެ ހަމަލާގެ ތުހުމަތަށް ހައްޔަރު ކޮށްފައިވާ ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު ޖަލުގައި ހުއްޓާ ދޫކޮށްލި ގޮތް އަދި ސަބަބު ބަލަން މިހާރު މާބޮޑަށް ވެސްް މުހިންމު ވެއްޖެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކޮންމެވެސް ފަރާތަކުން އެ މައްސަލައަށް ޖަވާބުދާރީވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އަބްދުﷲ އަލިމަނިކަކީ 10 އަހަރު ދުވަހުގެ ޖަލު ހުކުމެއްގައި ހުއްޓައި އޭނާގެ ހުކުމް ތަންފީޒުކޮށް ނިމުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މައާފު ދެއްވި މީހެކެވެ. އޭނާއަކީ ހުކުމް ތަންފީޒު ކުރަން ޖަލުގައި ހުރިއިރު ދެ ބުރެއްގެ މަތިން ޖަލުން ފިލި މީހެކެވެ. ހަލީމް އެ އިޝާރާތް ކުރައްވަނީ އެކަމަށެވެ. މެއި ހައެއްގެ ހަމަލާއާ ގުޅިގެން އަލިމަނިކުގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާއެވެ.

ހަލީމްގެ މި ވާހަކަތަކަށް ރައީސް ނަޝީދު ވަނީ ޖަވާބު ދެއްވާފަ އެވެ. ނަމަވެސް އެމަނިކުފާނު ފެންމަތި ކުރެއްވީ ބޮމުގެ ހަމަލާ ދިނުމުގައި ބައިވެރިވުމުގެ ތުހުމަތަށް ހައްޔަރުކުރި އަހްމަދު ފާތިހުއާ ގުޅުންހުރި މައްސަލައެކެވެ. ރައީސް ނަޝީދު ފޮރުވިގެން ހުންނަވާ ވިދާޅުވާން ބޭނުންފުޅުވާ ވާހަކަތަކަށް ހާއްސަ ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ދައުވާ ނުކޮށް ދޫކޮށްލާފައިވާ ފާތިހުއަކީ ބޮން ގޮއްވާލި މީހާ، އަދްހަމް އެކަންކޮށްފައި މާފަންނު ބޮނޑިބަތް ޕާކަށް ދިއުމުން އޭނާއަށް އެހެން ގަމީހެއް ގެނެސްދިން ސައިކަލްގެ ފަހަތުގައި އިން މީހާ ކަމަށެވެ.

"ފާތިހުއަކީ ފުލުހުންގެ ތެރޭގައި އުޅުނު މީހެއް. އޭނާ މޯލްޑިވްސް ޕޮލިސް ސާވިސް [އެމްޕީއެސް] އިން ވަކިކުރީ ބޮމްގެ ފަހުން،" ނަޝީދު ވިދާޅުވިއެވެ.

މއ. ފޭރުގެ މުޖާޒް އަހުމަދަކީ ހަމަލާގެ ފަހުން އަދުހަމްގެ ހެދުން ބަދަލުކޮށް ފިލައިގެން މާލޭގައި އުޅުމަށް އެހީތެރިވެދިން މީހާ ކަމަށް ތަހުގީގަށް ވަނީ އެނގިފަ އެވެ. ފާތިހު ވަނީ މުޖާޒު، އަދުހަމް ކައިރިއަށް ގެންގޮސް ދިނުމުގައި އެހީތެރިވެދީފަަ އެވެ.

ރައީސް މުހައްމަދު ނަޝީދަށް ފުލުހުން ފާރަލަމުންދާ ކަމަށް އެމްއެންޑީއެފުން އެމަނިކުފާނަށް އަންގާފައިވާ ކަމަށް ސެޕްޓެންބަރު 8، 2019 ގައި ނަޝީދު ވިދާޅުވެފައި ވެއެވެ. އެ ވާހަކަތައްވެސް އެމަނިކުފާނު ވަނީ އައުކުރައްވާފައެވެ.

ފާތިހު ފުލުހުން ވަކިކުރީ ބޮމުގެ ހަމަލާއަށް ފަހު ކަމަށް ވިދާޅުވުމުން އެކަން ބެލުމަށް އެތައް ބަޔަކު ދަނީ ގޮވާލަމުންނެވެ. ނަމަވެސް ފުލުހުން ކުރީން ބުނީ ފާތިހު ވަޒީފާއިން ވަކިވީ އަމިއްލައަށް އެދިގެން ކަމަށެވެ. އަދި އޭނާ ވަކިވީ 2020 ވަނަ އަހަރު ކަމަށެވެ.