ނަޝީދަށް އަމާޒު ކުރި ހަމަލަ

ނަޝީދުގެ ބަޔާން ނަގަން ޕީޖީއާ މަޝްވަރާ ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އެމަނިކުފާނުގެ ބަޔާނެއް ނެގުމާއި ގުޅޭ ގޮތުން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހާއި މަޝްވަރާ ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

"ހައެއްފަހެއް" ގެ ހަމަލާއާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ބަޔާނެއް ދެއްވުމަށް ރައީސް ނަޝީދު އެއްބަސްވެވަޑައިގެންނެވީ މި މަހު ދޭއްގަ އެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ހުންނެވީ ބަޔާނެއް ދެއްވަން ތައްޔާރަށް ކަމަށެވެ. އަދި ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތްތަކުގެ އިބްތިދާއީ މަރުހަލާ ނިމުމުގެ ކުރިން ބަޔާން ނެންގެވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގަންނަވަ އެވެ.

ފުލުހުން ބުނީ ރައީސް ނަޝީދު ބަޔާން ދެއްވަން ބޭނުންފުޅުވާތީ، އެކަމާއި މެދު ގޮތެއް ނިންމަން ފުލުހުން ޕީޖީ އާއި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި ވަކި ނިންމުމެއް މިކަމުގައި ނިންމާފައި ނުވާ ކަމަށެވެ. ޕީޖީ އޮފީހުގެ ބަހެއް ނުލިބެ އެވެ.

"ހައެއްފަހެއް" ގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ރައީސް ނަޝީދުގެ ބަޔާނެއް ބޭނުންވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ޕީޖީ ހުސައިން ޝަމީމް ވެސް މީގެކުރިން ވަނީ ރައީސް ނަޝީދު ބަޔާނެއް ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ފުލުހުންގެ ތަހުގީގަށް ރައީސް ނަޝީދުގެ ބަޔާނެއް ބޭނުންވާ ކަމަށް ފުލުހުން ބުނުމާ ގުޅިގެން ރައީސް ނަޝީދު އޭރު ވިދާޅުވީ ބަޔާނެއްގެ ގޮތުގައި ދައްކަން އޮތީ އަމިއްލަފުޅު ޖާނު ކަމަށެވެ. ރައީސް ނަޝީދު އޭރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ބަހަކަށް ވެސް ބަޔާނަކަށްވެސް ދައްކަން އޮތީ އެމަނިކުފާނުގެ ޖާނާއި، ހިތް އަދި މޭ ކަމަށެވެ.

މި ހަމަލާއާއި ގުޅިގެން ފުލުހުން ވަނީ 10 މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެތެރެއިން ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ތިން މީހަކާއި ބޮން ހަރުކުރުމުގައި ބައިވެރިވި މީހެއްގެ މައްޗަށް ޕީޖީ ވަނީ ދައުވާ އުފުލާފާ އެވެ. އެގޮތުން ދައުވާކޮށްފައި ވަނީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު ރަޝީދު 25، އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު 21، އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު 32، އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް 27، އެވެ. މި މައްސަލާގައި ލ. ގަން، ދުންފިނިއުފާ އަހްމަދު ފާތިހުގެ މައްޗަށް ވެސް ދައުވާ ކުރަން ފުލުހުން ޕީޖީ އޮފީހަށް މައްސަލަ ފޮނުވި އެވެ. ނަމަވެސް ފާތިހަށް ދައުވާ ނުކުރުމުން ފުލުހުން މިހާރު ވަނީ އޭނާ ދޫކޮށްލާފަ އެވެ.