ނަޝީދަށް އަމާޒު ކުރި ހަމަލަ

އެއްބަސްވުން ހަދާ އަދުހަމަށް 23 އަހަރުގެ ހުކުމަކަށް އެއްބަސްވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާގައި ބޮން ގޮއްވާލި އަހުމަދު އަދުހަމް ރަޝީދާއެކު ދައުލަތުން އެއްބަސްވުމެއް ހަދާ އޭނާގެ މައްޗަށް 23 އަހަރުގެ ހުކުމަކަށް އެއްބަސްވެއްޖެ އެވެ.

އަދުހަމް އަހުމަދު ރަޝީދަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ އެވެ. އަދި އަދުހަމް ހުރީ ޖާނުން ފިދާވެގެންވެސް އެ ހަމަލާ ދިނުމަށް އޭނާ ހުރީ ތައްޔާރަށް ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ.

ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް މިއަދު ބޭއްވެވި ނޫސްވެެރިންގެ ބައްދަލްވުމުގައި ވިދާޅުވީ މި ހަތަރު މީހުންގެ މައްޗަށް ޖުމްލަ 13 ދައުވާއެއް އުފުލާ ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ހަތަރު ދައުވާއެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އެވެ.

އަދުހަމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ނޫކުލައިގެ ހޮންޑާ ވޭވް 125 އެސް ސައިކަލުގައި އިންޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް އެއް ހަރުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމުގެ މަގްސަދުގައި ރިމޯޓެއް ބޭނުންކޮށްގެން އެ އައިއީޑީ ގޮއްވާލުމުގެ ސަބަބުން ރައީސް މުހައްމަދު ނަޝީދުގެ ހަށިގަނޑަށް ބޮޑު އަނިޔާތަކެއް ލިބިފައިވާތީ އާއި އެވަގުތު އެސަރަހައްދުގައި ތިބި އިތުރު ބައެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކޮށްފައިވާތީ އެވެ.

މި ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 40 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ނަމަވެސް ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުން އެ ހުކުމަށް ލުއި ލިބޭނެ އެވެ. ޕީޖީ އޮފީހުން ބުނީ އަދުހަމަށް 23 އަހަރުގެ ޖަލު ހުކުމަކަށް އެއްބަސްވެފައިވާ ކަމަށެވެ. ޝަމީމް ވިދާޅުވީ އިއުތިރާފު އެއްބަސްވުމާއެކު އަދުހަމްގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާގެ ތެރެއިން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އަނބުރާ ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އަދުހަމް މިހާރުވެސް ވަނީ ކޯޓްގައި ބަޔާނެއް ދީފައި ކަމަށާ އެ ބަޔާންވެސް ޝަރީއަތުގައި ބޭނުން ކުރެވޭނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. އަދި ކޯޓް މަރުހަލާގައި އަދުހަމްގެ ވާހަކަތައް ބަދަލުކޮށް އިއުތިރާފު ގެންދިޔަނަމަވެސް މައްސަލަ ސާބިތުކުރެވޭ ވަރަށް ހެކި އެބަހުރި ކަަމަށްވެސް ވިދާޅުވިއެވެ.

"އިއުތިރާފުގެ އެއްބަސްވުމުން ރުޖޫއަވިޔަސް ސާބިތުކުރެވޭ ވަރަށް ހެކި އެބަހުރި. ދެން އަޅުގަނޑުމެންނަށް އެއް ދައުވާގައި ގޮންޖެހުންތަކެއް އައިސްދާނެ. އެހެން ނަމަވެސް ޖުމްލަ ގޮތެއްގައި 37 އަހަރުގެ އަދަބަަކަށް ދެވޭވަރުގެ ހެކި އެބަހުރި. ދެ ދައުވާއެއް ސާބިތުކުރެވޭނެ ހަމަ ގައިމުވެސް. ދެން އެއް ދައުވާ ސާބިތު ވިޔަސް އަދަބު ކަނޑަނޭޅޭނީ ގާނޫނުލް އުގޫބާތުގެ 94 ވަަނަ މާއްދާ އޮންނަ ގޮތުން. އެހެންވީމަ ދެ ދައުވާ ސާބިތުކުރެވޭނެ. އަަޅުގަނޑު ހިތުން އަދުހަމްގެ މަސްލަހަތުގައި އޮންނާނެއެކޭ އިއުތިރާފުން ރުޖޫއަވުމެއްވެސް. އިއުތިރާފުން ރުޖޫއަވެއްޖެނަމަ 37 އަހަރުގެ ހުކުމެއް ކުރިމަތީގައި އެބައޮތް،" ޝަމީމް ވިދާޅުވިއެވެ.