ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ދިން ހަމަލާގައި ގޮއްވައިލި އައިއީޑީގައި ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ އަލީ ހައިޝަމް އާއި ތަހުމީން އަހުމަދުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވެއްޖެ އެވެ.
ހައެއް ފަހެއްގެ ހަމަލާއާއި ގުޅިގެން ދައުވާ ކުރަން ފޮނުވި މީހުންގެ ތަފްސީލްތައް ހާމަކުރަން މިއަދު ޕީޖީ ޝަމީމް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އައިއީޑީގެ ތެރެއިން ހައިޝަމާއި ތަހުމީނުގެ ޑިއެންއޭ ރިޕޯޓުތަކުން ފެންނަން އެބަހުރި ކަމަށާއި ނަމަވެސް އޭތި ހެދުން ފިޔަވައި އެ ދެމީހުންގެ ޑީއެންއޭ އައިއީޑީއިން ފެންނަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.
ޝަމީމް ވިދާޅުވީ އެމީހުން އެދުވަހު ދިޔަ ތަންތަނާ ކުރި ކަންތައްތަކުގެ މައުލޫމާތު މިހާރު ހޯދިފައި އެބަހުރި ކަމަށެވެ. އެހެންކަމުން ބޮން ހަރުކުރުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމާއި ގުޅޭ ގޮތުން ހިތްހަމަ ޖެހޭވަރަށް ހެކި ލިބިފައިވާ ކަމަށާއި ހަތަރު މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުކުރެވޭ ވަރަށް ހެކި ލިބިފައިހުރި ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.
"އައިއީޑީގައި އަލީ ހައިޝަންގެ ޑީއެންއޭ ފެންނަން އެބަހުރި. މޭޖާ ކޮމްޕޯނެންޓު ފެންނަން އެބަހުރި. އެހެންވީމާ މި ކަންކަމަށް ބަލާއިރު އަޅުގަނޑުމެންނަށް އަލީ ހައިޝަމްގެ މައްޗަށް ވެސް ކުށް ސާބިތުކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ތަސްލީމާ ގުޅޭ ހެކިތަކުގެ ޑޮކިއުމެންޓްތައް އަދި ލިބިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އޭނާގެ ޑީއެންއޭ އައިއީޑީއިން ފެނިފައިވާ ކަމަށް ވިދާޅުވި އެވެ.
މިގްރޫޕް އެންމެން އެއްކޮށް ތަފާތު އެކި ތަންތަނުގައި އެކި ދުވަސް ދުވަހު ބައްދަލުކޮށް ވާހަކަދައްކާ މަންޒަރުގެ ސީސީޓީވީ ފުޓޭޖްތަކުން ފެންނަން އެބަހުރި ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި ސައިކަލު ގެނެސް ބެހެއްޓި ދުވަހުގެ ސީސީޓީވީ ފުޓޭޖުވެސް އެބަހުރި ކަމަށާއި އަލީ ހައިޝަމްގެ މައްސަލައަށް ބަލާއިރު ކުށް ސާބިތުކުރަން އެއްވެސް ގޮންޖެހުމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
ތަހުމީނުގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގައި އެހީތެެރިވެ ދިނުމުގެ ދައުވާ އާއި ޓެރަރިސޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ 49 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އަލީ ހައިޝަމްގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެ ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އޭނާގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެނަމަ 46 އަހަރުގެ ހުކުމެއް އަންނާނެ އެވެ.