ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅޭ ޝަރީއަތްތައް ވީހާވެސް ބޮޑަށް ހުޅުވާލައިގެން ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޝަމީމް މިއަދު ވިދާޅުވި ހަމަލާ އާއި ގުޅޭ ޝަރީއަތްތައް ވީހާވެސް ހުޅުވާލައިގެން ކުރިއަށް ގެންދަން ބޭނުންފުޅުވާ ކަމަށެވެ. ނަމަވެސް ހުޅުވާލައިގެން ކުރިއަށް ގެންދިއުމާމެދު ގޮތެއް ނިންމާނީ ކޯޓުން ކަމަށް ވިދާޅުވި އެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ފިޔަވައި އެހެން ހުރިހާ ކަމެއް ޝަރީއަތުގެ މަރުހަލާގައި ކުރިއަށް ގެންދަން ބޭނުންވަނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ކުރިން ވިދާޅުވެފައި ވަނީ މައްސަލައިގެ ސީރިއަސް ކަމަށް ބަލާއިރު ރައީސް ނަޝީދަށް ދިން ހަމަލާއަކީ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީ ދައުލަތުގެ ޕްރޮސެކިއުޓަރެއްގެ ގޮތުގައި ކްރިމިނަލް ކޯޓުގައި ވަކާލާތު ކުރައްވާނީ އެމަނިކުފާނު އަމިއްލަފުޅަށް ކަމަށެވެ.
ހައެއް ފަހެއްގެ ހަމަލާ އާއި ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް މިހާރު ވަނީ ފޮނުވާފަ އެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27) އެވެ.
ޝަމީމް ވިދާޅުވެފައި ވަނީ މި ހަތަރު މީހުންގެ މައްޗަށް ޖުމްލަ 13 ދައުވާއެއް އުފުލާ ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
މީގެ ތެރެއިން އަދުހަމް އަހުމަދު ވަނީ އިއުތިރާފްގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އޭނާ އެއްބަސް ވެފައި ވަނީ 23 އަހަރު ދުވަހުގެ ޖަލު ހުކުމަކަށެވެ. އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ހަތަރު ދައުވާއެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އެވެ.
މި ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 40 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ނަމަވެސް ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުން އެ ހުކުމަށް ލުއި ލިބޭނެ އެވެ. ޕީޖީ އޮފީހުން ބުނީ އަދުހަމަށް 23 އަހަރުގެ ޖަލު ހުކުމަކަށް އެއްބަސްވެފައިވާ ކަމަށެވެ. ޝަމީމް ވިދާޅުވީ އިއުތިރާފު އެއްބަސްވުމާއެކު އަދުހަމްގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާގެ ތެރެއިން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އަނބުރާ ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ދައުވާ އުފުލާތާ 30 ދުވަހުގެ ތެރޭ އިބްތިދާއީ އަޑުއެހުންތައް ފަށަން ޖެހޭނެ އެވެ. ރާއްޖޭގައި ހުޅުވާލައިގެން ލައިވްކޮށް ޝަރީއަތްތައް ކުރިއަށް ގެންދެ އެވެ.