މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރު ކޮށްފައިވާ ބައެއް މީހުން ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް ހުށައަޅާފައިވާ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީސް ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުސައިން ޝަމީމް ވިދާޅުވީ ޓެރަރިސްޓް ހަމަލާއަ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރަން އަންނަ މަހުގެ ކުރީކޮޅު ފޮނުވާނެ ކަމަށެވެ. ޕްރޮސެކިއުޓަރުންނަށް އެކަމަށް 15 ދުވަހުގެ މުއްދަތެއް އޮތްކަން ފާހަގަ ކުރައްވާ ޝަމީމް ވިދާޅުވީ އެ މީހުންގެ މައުލޫމާތު ހިމެނޭ 11 ބޮކްސް ފައިލްގެ ލިޔުން ފުލުހުން ފޮނުވާފައިވާ ކަމަށެވެ. އެ ހުރިހާ މައުލޫމާތެއް ދިރާސާ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ތަހުގީގަށް ބަންދުގައި ތިބި ބައެއް މީހުން ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ހެދުމަށް ހުށައަޅާފައިވާ ކަމަށެވެ. އެއީ ދެ މީހެއް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ދެ މީހެއް ކަމެއް ޝަމީމް ވިދާޅެއް ނުވިއެވެ. ނަމަވެސް ވިދާޅުވީ އަންނަ މަހުގެ ކުރީކޮޅު ބާއްވަން ނިންމާފައި އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި އެ މައުލޫމާތު އިތުރަށް ތަފްސީލު ކޮށްދެއްވާނެ ކަމަށެވެ.
"މި މައްސަލާގައި މިހާތަނަށް ތުހުމަތު ކުރެވޭ ބައެއް މީހުން އިއުތިރާފުގެ އެއްބަސްވުން ހަދަން އަޅުގަނޑުމެންނާ ވާހަކަ ދައްކަމުން އެބަދޭ. އެކަމަކަށް އަދި އަޅުގަނޑުމެން ގޮތެއް ނިންމާފައެއް ނުވާނެ. އަޅުގަނޑުމެން އެ ޑިސްކަޝަންތައް އިތުރަށް ކުރިއަށް ގެންދާނީ މި މައްސަލަ އިތުރަށް ދިރާސާކުރަމުން ގެންދާއިރު،"
ޝަމީމް ވިދާޅުވީ އިއުތިރާފު އެއްބަސްވުން ހެދޭނެ މަރުހަލާ އެއް އޮންނަ ކަމަށާ އަދި ދައުލަތާއެކު އެއްބަސްވުން ހެދުމުން ތުހުމަތުވާ މީހާއަށް ލިބޭ ލުއިތަކެއްވެސް ހުންނަ ކަމަށެވެ. އަދި ޝަރީއަތުގެ މުޅި އިޖްރާތަށް ލިބޭ ލުއިތައްވެސް ހުންނަ ކަމަށެވެ. އެކި މައްސަލަތަކުގައި ދައުލަތުން ތުހުމަތުވާ މީހުންނާއެކު މިހާތަނަށްވެސް އިއުތިރާފު އެއްބަސްވުންތައް ހަދަމުން އައިސްފައިވާ ކަމަށާ އަދި ކުރިއަށް އޮތްތާވެސް އެފަދަ އެއްބަސްވުންތައް ހަދާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދިރާސާ ކުރަމުން މި ގެންދަނީ އެ އިއުތިރާފުވާން އެއްބަސްވާ މީހުންގެ ފަރާތުން ލިބޭނީ ކޮންކޮން މައުލޫމާތެއްތޯ ލިބެނީ އަދި އެ ލިބޭ މައުލޫމާތުތަކުގެ އަލީގައި އަޅުގަނޑުމެންނަށް ރަނގަޅަށް މި މައްސަލައިގެ އަސްލު ހޯދަން ކިހާވަރެއްގެ އެހީތެރިކަމެއްތޯ ލިބޭނީ. މިކަންކަަމަށް ބަލާފައި ގޮތް ނިންމާނީ،" ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ތަހުގީގު ޓީމާއެކު އަބަދުވެސް ޕްރޮސެކިއުޓަރުން ހަރަކާތްތެރިވަމުންދިޔަ ކަމަށާ ޕްރޮސެކިއުޓަރުންގެ ފުރިހަމަ ލަޔަފާއި އިރުޝާދު ފުލުހުންގެ ތަހުގީގަށް ދެމުންދިޔަ ކަމަށެވެ. އަދި ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ހަފްތާއަކު އެއް ފަހަރު ފުލުހުން އޭނާއަށް އަރުވަމުން ދިޔަ ކަމަށެވެ.