އިމްރާން އަބްދުﷲ

ފުލުސް ތަހުގީގަށް އިމްރާން ތައުރީފު ކުރައްވައިފި

މެއި ހައެއްގެ ޓެރަރިސްޓް ހަމަލާގެ ތަހުގީގު ކާމިޔާބު ކުރުމަށް ކުރެވުނު މަސައްކަތް ބަލައިގަންނަ ކަމަށް ވިދާޅުވެ ފުލުހުންގެ ތަހުގީގަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތައުރީފު ކުރައްވައިފި އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ވަރަށް ގިނަ މައުލޫމާތު ފުލުހުން މިރޭ ވަނީ އާންމުކޮށްފައެވެ.

އެ މައުލޫމާތުތައް އާންމުކުރުމާއި ގުޅިގެން އިމްރާން ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ މެއި ހައެއްގެ ހަމަލާގެ ތަހުގީގަކީ މިހާތަނަށް ފުލުހުން ހިންގާފައިވާ އެންމެ ބޮޑު އަދި އެންމެ ބުރަ އަދި އެންމެ ކާމިޔާބު އެއް ތަހުގީގު ކަމަށެވެ.

"ގިނަ ގޮންޖެހުންތަކާއެކު ފުލުހުންގެ ހުރިހާ ބަހާތަކެއްގެ އެތައް ސަތޭކަ ފުލުހުންގެ ބައިވެރިވުމާއެކު ތަހުގީގު ކާމިޔާބު ކުރުމަށް ކުރެވުނު މަސައްކަތް ބަލައިގަންނަން،" ފުލުހުންގެ މުއައްސަސާގެ މެންޑޭޓް އޮތް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

އިމްރާން މިރޭ ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއަކީ ރާއްޖޭގެ ތާރީހުގައި ހިނގާފައިވާ އެެފަދަ އެންމެ ނުރައްކާތެރި ހަމަލާ ކަމަށެވެ. މި ހަމަލާގެ ތަހުގީގުގެ މައްޗަށް ބިނާކޮށް ކާމިޔާބު ކަމާއެކު މައްސަލަ ޕްރޮސެކިއުޓް ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ޕީޖީ ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.