ނަޝީދަށް އަމާޒު ކުރި ހަމަލަ

ޖާނު ގޮއްވާލައިގެން ވެސް ނަޝީދު އަވަހާރަކޮށްލަން ތިބީ ތައްޔާރަށް

ޖާނު ގޮއްވާލައިގެން ނަމަވެސް ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ތައްޔާރަށް ތިބިކަން މެއި ހައެއްގެ ޓެރަރިސްޓް ހަމަލާގެ ތަހުގީގުން އެނގިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އާއި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީސް ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހެެއްގެ މައްޗަށް ދައުވާ ކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު 25، އާއި މއ. ފޭރުގެ މުޖާޒް އަހުމަދު 21، އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު 32، ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް 23، އެވެ.

ސީޕީ ވިދާޅުވީ ތަހުގީގު ހޯދުން ތަކުން މި ހަތަރު މީހުންގެ ތެރެއިން އަދުހަމް އަހުމަދު ރަޝީދަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ ކަމަށެވެ. އަދި އަދުހަމް ހުރީ ޖާނު ގޮއްވާލައިގެން ނަމަވެސް އެ ހަމަލާ ދޭން ތައްޔާރަށް ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

ތަހުމީން އަހްމަދަކީ ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލްގެ ވެރި ފަރާތެވެ. އޭނާ ވަނީ ސައިކަލްގައި ބޮން ހަރުކުރުމަށް ވެސް އެހީތެރިވެދީފަބއެވެ. އަދި މި ހަމަލާ ދިނުމުގައި އިސް ދައުރެއް އޭނާ އަދާކޮށްފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މުޖާޒް އަހުމަދަކީ ހަމަލާގެ ފަހުން އަދުހަމްގެ ހެދުން ބަދަލުކޮށް ފިލައިގެން މާލޭގައި އުޅުމަށް އެހީތެރިވެދިން މީހާ ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ. އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހު ވަނީ މުޖާޒު، އަދުހަމް ކައިރިއަށް ގެންގޮސް ދިނުމުގައި އެހީތެރިވެދީފަައެވެ.

މި މީހުންގެ އިތުރުން މި ވަގުތު ބަންދުގައި ތިބި މީހުންގެ ވަނަވަރުވެސް ފުލުހުން މިރޭ ވަނީ އާންމުކޮށްފައެވެ. އެއީ ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް އާއި ކ. މާލެ މާފަންނު ކުދެހިގެ އިސްހާގު އާއި ގއ. ވިލިގިލި ހުދުރުވާގެ ފަހުމީ އަލީ އާއި އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް އާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީން އެވެ.

"މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު މި ހަމަލާ ދިނުމަށް ރާވާ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ މީހުންނަކީ މުހައްމަދު ތަސްލީމް އާއި އިސްހާގު އަދި އަލީ ހައިޝަމް،"

އަލީ ހައިޝަމްއަކީ ސައިކަލްގައި ބޮން ހަރުކުރަން އަމަލީގޮތުން ބައިވެރިވި މީހެއް ކަމަށްވެސް ސީޕީ ވިދާޅުވިއެވެ. އަދި އިސްހާގަކީވެސް މެއި ހައެއްގެ ޓެރަރިސް ހަމަލާ ރޭވުމުގައި އިސްކޮށް ހުރި މީހެއް ކަމަށާ އޭނާއަކީ ބޮން ގޮއްވާލި އަދުހަމް އެކަމަށް ތައްޔާރު ކުރުމަށް އެންމެ އިސް ދައުރެއް އަދާކުރި މީހާ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ. މީގެ އިތުރުން ފަހުމީ އާއި ނާޒިމްވެސް ވަނީ ހަމަލާގައި ބައިވެރިވެފައެވެ.

"އަބްދުﷲ އަލި މަނިކަކީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް. މި ހަމަލާދިން އަހުމަދު އަދުހަމް ފިލުވުމާއި ހެކި ނަތާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ މައުލޫމާތު ތަހުގީގަށް ވަނީ ލިބިފައި. މުހައްމަދު ތަސްލީމަކީ ރައީސް ނަޝީދަކީ އިސްލާމް ދީނުން ބޭރުވެ މުރުތަދުވެފައިވާ މީހެއް ކަމަށް ކަނޑައަޅާ ރައީސް ނަޝީދަކީ މަރާލަން ޖެހޭ މީހެއް ކަމަށް ކަނޑައަޅާ އެކަމަށް ވަކާލާތުކޮށް ހަރުކަށި ފިކުރަށް މި ސެލްގެ މީހުން ވައްދާ، ސެލްއެއްގެ ގޮތުގައި އޮޕަރޭޓް ކުރަންވީ ގޮތް ކިޔައިދީ އަދި އެކަމާއި ބެހޭ ވީޑިއޯ އާއި ފޮތްތައް މި މީހުންނަށް ދީ ހަދާފައިވާ މީހެއް،" ސީޕީ ވިދާޅުވިއެވެ.