ނަޝީދަށް އަމާޒު ކުރި ހަމަލަ

ހަމަލާގެ ތަހުގީގަށް ރައީސް ނަޝީދު ބަޔާން ދެއްވައިފި

Nov 19, 2021
3

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި ހައެއްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ރައީސް ނަޝީދު ބަޔާނެއް ދެއްވައިފި އެވެ.

ރައީސް ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނޭ އެމަނިކުފާނުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ ރައީސް ނަޝީދު ބަޔާން ދެއްވީ މިއަދު ކަމަށެވެ.

"ފައިނަލް ބަޔާން އިއްވާނެ ކަމަށް ބެލެވެނީ މިމައްސަލާގައި ކުރިއަށް ގެންދާ ޝަރީއަތުގައި ކަމަށް ބެލެެވެނީ،" ނާޒިމް ވިދާޅުވި އެވެ.

ރައީސް ނަޝީދު ބަޔާން ދެއްވިއިރު އެމަނިކުފާނު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. އެކަމަކު އެމަނިކުފާނުގެ ގާނޫނީ ޓީމުގައި މަސައްކަތް ކުރައްވާ ބޭރުގެ ވަކީލް ކްރިސްޓީ މިވަގުތު ރާއްޖޭގައި އެބަހުންނެވި އެވެ.

ހައެއް ފަހެއްގެ ހަމަލާއާއި ގުޅިގެން ރައީސް ނަޝީދުގެ ބަޔާން ނެގުމަށް ފުލުހުން މަސައްކަތް ކުރާތާ ދުވަސްވެއްޖެ އެވެ.

ފުލުހުންގެ ތަހުގީގަށް ރައީސް ނަޝީދުގެ ބަޔާނެއް ބޭނުންވާ ކަމަށް ފުލުހުން ބުނުމާ ގުޅިގެން ރައީސް ނަޝީދު އެންމެ ފުރަތަމަ ވިދާޅުވީ އެމަނިކުފާނުގެ ބަހަކަށްވެސް ބަޔާނަކަށްވެސް ދައްކަން އޮތީ އެމަނިކުފާނުގެ ޖާނާއި، ހިތް އަދި މޭ ކަމަށެވެ. ނަމަވެސް ނަޝީދުގެ ލީގަލް ޓީމުންނާއި އެމަނިކުފާނު ވެސް ފަހުން ވަނީ ބަޔާނެއް ނެރެ ބަޔާން ދޭން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ އިތުރުން އެހެން މީހުންގެ މައްޗަށް ދައުލަތުން މިހާރު ވަނީ ދައުވާ އުފުލާފާ އެވެ. ފާތިހުގެ މައްޗަށް ދައުވާ ކުރާނެ ތަނެއް ނެތް ކަމަށް ޕީޖީ ނިންމެވުމާ ގުޅިގެން ފުލުހުން ވަނީ ފާތިހު ދޫކޮށްލާފަ އެވެ.