ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އިތުރު ހަމަލާއެއް ނުދެވޭނެ ކަމުގެ ޔަގީންކަން ފުލުހުންނަކަށް ނުދެވުނެވެ.
ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ވަނީ މޭ ހައެއްގެ ހަމަލާއާއި ގުޅިގެން ލިބުނު ޒަހަމްތަކަށް ރާއްޖެއިން ބޭރުން މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ ރައީސް ނަޝީދު އަނބުރާ ރާއްޖެ ވަޑައިގަތުމުން އިތުރު ހަަމަލާއެއް ނުދެވޭނެ ކަމުގެ ޔަގީންކަން ދެވިދާނެތޯ ސުވާލުކޮށްފަ އެވެ.
އެ ސުވާލުގެ ޖަވާބުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މެއި ހައެއްގައި ރައީސް ނަޝީދަށް ހަމަލާ ދިނުމާ ގުޅިގެން ފުލުހުންގެ ތަހުގީގު ފެށިފަހުން ކޮންމެ ފަސް ދުވަހަކުން ހަމަލާގެ ތަހުގީގުގައި ލިބޭ މައުލޫމާތު މަޖިލީހުގެ ސީނިއާ މެންބަރުން ތަކަކާ ހިއްސާކުރަމުންދާ ކަމަށެވެ.
ސީޕީ ހަމީދު ވިދާޅުވީ މަޖިލީހާ ހިއްސާކުރާ މައުލޫމާތާއި ތަހުގީގަށް ހޯދޭ މައުލޫމާތުގެ އަލީގައި ޓެރަރިޒަމް ފަދަ ހަމަލާތަކަށް ސަމާލުވާންޖެހޭ މިންވަރު އެނގިގެންދާނެ ކަމަށެވެ. ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން އެފަދަ ހަމަލާއެއްގެ ނުރައްކާ އޮތް މިންވަރު "އަޅުގަނޑުމެން މިހާރު ފެނިފައި މިއޮތީ" ކަމުގައިވެސް ވިދާޅުވި އެވެ. އެކަމަކު ރައީސް ނަޝީދަށް އަމާޒުކޮށް އިތުރު ހަމަލާއެއް ނުދެވޭނެ ކަމުގެ ޔަގީންކަމެއް ސީޕީ ހަމީދަކަށް ނުދެއްވުނެވެ.
އެހެންވީމާ މި ނުރައްކާއާ ކޮމެންސުރޭޓްވާ ނުވަތަ ބައްދަލުވާ ވަރުގެ ސަލާމަތީ އިންތިޒާމުތަކާ ކަންކަން ހަމަޖައްސާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. އަދި ފުލުހުންގެ ހިދުމަތުގެ ހައިސިއްޔަތުން އަޅުގަނޑުމެން އެކަމަށް އެ އަރުވަންޖެހޭ ލަފާ އެ އަރުވަންޖެހޭ ފަރާތްތަކަށް އަރުވާނަންމުހައްމަދު ހަމީދު | ކޮމިޝަނާ އޮފް ޕޮލިސް
މޭހައެއްގެ ހަމަލާ ދިނީ ރައީސް ނަޝީދަށް އަބަދުވެސް ހަމަލާއެއްގެ ނުރައްކާ އޮތް ކަމާއި އެކަމުގެ މައުލޫމާތު ކަމާ ގުޅޭ އިދާރާތަކާއި ހިއްސާކުރައްވަމުން ގެންދަވަނިކޮށް ކަމަށް އެމަނިކުފާނުގެ އާއިލާގެ ބައެއް ބޭފުޅުންނާއި އެމަނިކުފާނަށް ތާއީދު ކުރައްވާ އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެހެންވެ ހަމަލާއާއި ގުޅިގެން ރައީސް ނަޝީދަށް ލިބުނު ސީރިއަސް ޒަހަމްތަކުގެ ސަބަބުން އެމަނިކުފާނަށް އިތުރު ހަމަލާއެއް ނުދެވޭނެ ކަމުގެ ޔަގީންކަން ހޯދުމަށް އެމަނިކުފާނުގެ އާއިލާ އިން ގެންދަވަނީ މަސައްކަތް ކުރަމުންނެވެ.
ރައީސް ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން ކުރީގެ ރައީސް އަކަށް ވާތީވެ އެމަނިކުފާނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މައިގަނޑު ޒިންމާ ގާނޫނީ ގޮތުން ހަވާލުވެފައިވަނީ ސިފައިންނާ އެވެ. ރައީސް ނަޝީދަށް އިތުރު ހަމަލާއެއް ދެން ނުދެވޭނެ ކަމުގެ ޔަގީންކަން ސިފައިން ވެސް އަދި ދީފައެއް ނުވެ އެވެ. އެކަމަކު ރައީސް ނަޝީދަށް ހުރި ނުރައްކާތައް އަބަދުވެސް ބަލައި ވަގުތާއި ހާލަތާ ގުޅިގެން ސެކިއުރިޓީ އަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށް ސިފައިންވެސް މީގެ ކުރިން ބުނެފައިވެ އެވެ.