މޯލްޑިވްސް ޕޮލިސް ސާވިސް

މޭހައެއްގެ ހަމަލާއާ އިލްޔާސް ބުނާ މީހާއާ ގުޅުމެއް ނެތް

Jul 24, 2021
1

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިން މީހުންނާއި ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބްގެ ރަށްޓެއްސަކު އޭނާއާ ހިއްސާކުރި މައުލޫމާތުގައި ބުނާ ހަމަލާއާއި އެއްވެސް ގުޅުމެއް ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން މިހާރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ މެއިހައެއްގެ ހަމަލާގެ ތަހުގީގު ހިނގަމުން ދަނިކޮށް މެންބަރު އިލްޔާސް ލަބީބްގެ ރަށްޓެއްސަކު އޭނާއާ ހިއްސާކުރި މައުލޫމާތެއްގެ ވާހަކަ ފެންމަތިވުމާ ގުޅިގެން އެ މައުލޫމާތުގައި ބުނާ ހަމަލާއާއި ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅުމެއް ވޭތޯ ބެލުނު ކަމަށެވެ. ނަމަވެސް ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި އެ މައުލޫމާތާ ގުޅުމެއް ނެތް ކަމަށެވެ.

މެންބަރު އިލްޔާސް ބުނާ އޭނާގެ ރަހްމަތްތެރިޔާގެ އެއްވެސް މައުލޫމާތެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އަދި ފުލުހުންގެ ތަހުގީގުގައި ސުވާލުކުރި ދުވަހެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންކުއަރީ ރިޕޯޓުގައި ވެސް ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ އިލްޔާސް ލަބީބުގެ ރަށްޓެއްސަކު އޭނާއާ ހިއްސާކުރި މައުލޫމާތުގެ ވާހަކަ ހިމަނާފައިވެ އެވެ. އަދި އެ މައުލޫމާތު ލިބިވަޑައިގަތުމުން އިލްޔާސް އަމަލުކުރެއްވި ގޮތާއި އެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އާއި ހިއްސާކުރުމުން އެކަމަނާ އެކަމަށް މާބޮޑު ސަމާލު ކަމެއް ނުދެއްވި ކަންވެސް މަޖިލީހުގެ އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އިލްޔާސް ހިއްސާކުރެއްވި މައުލޫމާތު މާރިޔާ ސިއްރުކުރުން

އިންކުއަރީ ރިޕޯޓުން އެނގޭ ގޮތުގައި މެންބަރު އިލްޔާސް އަށް ލިބިވަޑައިގެންނެވި މައުލޫމާތެއް ހިއްސާކުރެއްވުމަށް މިނިސްޓަރު މާރިޔާ އަށް ގުޅުއްވާފައިވަނީ މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. މިނިސްޓަރު މާރިޔާ އަށް އިލްޔާސް ގުޅުއްވީ އޭނާ އަށް ލިބުނު މައުލޫމާތު ރައީސް ނަޝީދާ ހިއްސާކުރެއްވުމުން އެ މައުލޫމާތު މާރިޔާއާ ހިއްސާކުރެއްވުމަށް ރައީސް ނަޝީދު، އިލްޔާސް އަށް އެންގެވުމާ ގުޅިގެންނެވެ. ރައީސް ނަޝީދަށް އިލްޔާސް އެ މައުލޫމާތު ހިއްސާކުރައްވާފައިވަނީ މެއި ތިންވަނަ ދުވަހު ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށްފަހު އެވެ.

ރައީސް ނަޝީދުގެ އެދިވަޑައިގަތުމަކަށް މެއި ތިންވަނަ ދުވަހު އިލްޔާސް ގުޅުއްވުމުން މާރިޔާ އެރޭ އެ ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ. އެކަމަކު މެއި ހަތަރު ވަނަ ދުވަހު މިނިސްޓަރު މާރިޔާ، އިލްޔާސް އަށް ގުޅުއްވުމުން އޭނާ ވަނީ ލިބިވަޑައިގެންނެވި މައުލޫމާތު މިނިސްޓަރު މާރިޔާއާ ހިއްސާކުރައްވާފަ އެވެ. އެގޮތުން ބަޔަކަށް ތިން މިލިއަން ޑޮލަރު ދީގެން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު އެ ފޯން ކޯލްގައި އިލްޔާސް ވިދާޅުވެފައިވެ އެވެ.

އިލްޔާސް ލަބީބް ވިދާޅުވީ ތިން މިލިއަން ޑޮލަރު ދީގެން ރައީސް މުހައްމަދު ނަޝީދު މަރާލަން އުޅޭ ކަމުގެ ވާހަކައެއް ތިމަންނަ ކައިރީގައި މީހަކު ބުންޏޭ. ދެން އަޅުގަނޑު ދެންނެވީ ފައިސާ ދީގެން މީހަކު މެރުމަކީ ޖިނާއީ ކުށެކޭ. އެހެންވީމާ ފުލުހުންނާ ތިވާހަކަ ހިއްސާ ކުރައްވާށޭ. އެ ނިމުނީ. މާ ގިނައިރަކު ދެއްކެވި ވާހަކައެއް ނޫން. ހަމަ ވަރަށް ސިމްޕަލްކޮށް މިހެން ވިދާޅުވެފައި ދެން ބޭއްވެވީ. ދެން މައުލޫމާތު ފޯރުކޮށްދެއްވައްޗޭ. އިތުރު ފޯނު ކޯލެއް، އެއްޗެއްގެ ވާހަކައެއް، ގުޅޭނެ ގޮތެއް އެކަހަލަ އެއްޗެއް ފޯރުކޮށްދޭށޭ އަޅުގަނޑު ދެންނެވީމަ ދެންނެވީ އެ ވާހަކަ އަށް އާނ. ބަލާނަމޭ ވިދާޅުވެފައި ބޭއްވެވީ. އެކަމަކު ރައީސް އަށް ބަލައްޗޭ ވިދާޅުވިީ، އެންމެ ފަހުންވެސް. އެއީ އަޅުގަނޑު ހަނދާން ހުންނަ ގޮތަކީ
މާރިޔާ އަހްމަދު ދީދީ | ޑިފެންސް މިނިސްޓަރު

މާރިޔާގެ އެންމެ ބޮޑު އިހްމާލުގެ ގޮތުގައި އިންކުއަރީ ރިޕޯޓްގައި ފާހަގަކޮށްފައިވަނީ މެންބަރު އިލްޔާސް ހުށަހެޅުއްވި މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާނުކުރެއްވުމެވެ. މަޖިލީހުގެ އިންކުއަރީ އަށް 241 ކޮމިޓީއަށް ހާޒިރު ކުރި ސިފައިންގެ އިސްވެރިންގެ ތެރެއިން ޗީފް އޮފް ޑިފެންސް ފޯސްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެސްޕީޖީ ކޮމާންޑަރާއި ޑިފެންސް އިންޓެލިޖެންސް ސާވިސްގެ ފަރާތުން ވެސް، މިނިސްޓަރު މާރިޔާ އަށް ލިބުނު މައުލޫމާތު ހިއްސާކުރައްވާފައި ނުވާ ކަމަށް ބުނެފައިވެ އެވެ. މިނިސްޓަރު މާރިޔާ އެގޮތަށް އަމަލުކުރީ އެއީ "މައުލޫމާތު" ނޫން ކަމަށް ވާތީ ކަމަށް އެކަމަނާ އިންކުއަރީ އަށް ވިދާޅުވެފައިވެ އެވެ.

ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރުގެ ފަރާތުން އަޅުގަނޑަށް ލިބުނީ ފޯން ކޯލެއް. މައުލޫމާތެއް ނޫން. އެއީ މައުލޫމާތެއް ކަމަށް އަޅުގަނޑު ބަލަނީ މީހެއްގެ ނަމެއް ނުވަަތަ ފޮލޯ ކުރެވޭނެ ކޮންމެވެސް ގޮތެއް އަޅުގަނޑަށް ފޯރުކޮށްދެއްވި ކަމަށް ވަންޏާ
މާރިޔާ އަހްމަދު ދީދީ | ޑިފެންސް މިނިސްޓަރު

މިނިސްޓަރު މާރިޔާ އަށް ލިބިވަޑައިގެންނެވި މައުލޫމާތަކީ "މައުލޫމާތު" ކަމަށް މިނިސްޓަރު މާރިޔާ ގަބޫލުނުކުރެއްވި ނަމަވެސް ރިޕޯޓްގައި ބުނެފައިވަނީ އެއީ މުހިއްމު މައުލޫމާތުތަކެއް ކަމަށެވެ. އެ މައުލޫމާތުތަކަކީ އެމްއެންޑީއެފްގެ ކަމާ ބެހޭ ފަރާތްތަކާ މިނިސްޓަރު މާރިޔާ ހިއްސާކުރައްވައި އެކަމާ ގުޅިގެން އެމްއެންޑީއެފުން ފިޔަވަޅުތަކެއް އަޅަންޖެހޭނެ ފަދަ މައުލޫމާތުތަކެއް ކަމަށް އިންކުއަރީއަށް ގަބޫލުކުރެވޭ ކަމަށް ފާހަގަކޮށްފައިވެ އެވެ.

"މެންބަރު އިލްޔާސް ލަބީބް ދެއްވި މައުލޫމާތަކީ އިންޓެލިޖެންސްގެ ގޮތުގައި ބޭނުންކުރެވޭނެ މައުލޫމާތެއް ކަން ނުވަތަ ނޫން ކަން ކަނޑައެޅޭނީ 'އިންޓެލިޖެންސް ސައިކްލް' އަށް ލުމަށްފަހުގައި ކަން ފާހަގަކުރަމެވެ" ރިޕޯޓްގައިވެ އެވެ.

އިލްޔާސް އަށް ލިބިވަޑައިގެންނެވި މައުލޫމާތު ސީދާ ފުލުހުންނާ ހިއްސާކުރެއްވުމަށް މިނިސްޓަރު މާރިޔާ، އިލްޔާސް އަށް އެންގެވި ނަމަވެސް އިލްޔާސް ވެސް އެ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރައްވާފައި ނުވާ ކަން ފުލުހުންނާ ހަވާލާދީ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. މާރިޔާ އެ މައުލޫމާތު ފުލުހުންނާ ހިއްސާ ނުކުރެއްވީ އިލްޔާސް އެ މައުލޫމާތު ފުލުހުންނާ ހިއްސާކުރައްވާފައި އޮންނާނެ ކަމަށް އެކަމަނާ އަށް ގަބޫލުކުރެވިގެން ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.

މެންބަރު އިލްޔާސް، މިނިސްޓަރު މާރިޔާ އަށް މައުލޫމާތު ހިއްސާ ކުރެއްވިއިރު އެމްއެންޑީއެފުން ވަނީ ރައީސް ނަޝީދަށް ނުރައްކާ އޮތް މިންވަރު "ކްރިޓިކަލް" ކަމަށް ކަނޑައަޅާފަ އެވެ. އެމްއެންޑީއެފްގެ ފަންނީ ތަޖުރިބާކާރުންނާ ހަވާލާދީ ރިޕޯޓްގައި ބުނެފައިވަނީ ކްރިޓިކަލް ކަމަށް ކަނޑައަޅާފައިވާ ފަރާތަކާ ގުޅޭގޮތުން ލިބޭ އެއްވެސް މައުލޫމާތަކީ "ޑިސްރިގާޑް" ކުރެވޭނެ ނުވަތަ އަޅާނުލައި ދޫކޮށްލެވޭނެ މައުލޫމާތެއް ނޫން ކަމަށެވެ.

މިނިސްޓަރު މާރިޔާ އަށް، މެންބަރު އިލްޔާސްގެ ފަރާތުން މައުލޫމާތު ލިބުމާ ގުޅިގެން މެއި ހަތަރުވަނަ ދުވަހު މިނިސްޓަރު މާރިޔާ ވަނީ ޗީފް އޮފް ޑިފެންސް ފޯސްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލުކުރައްވާ ރައީސް ނަޝީދުގެ ސެކިއުރިޓީ ހަމަޖެހިފައިވާ ގޮތް ޗެކް ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ވެރިން ހިއްސާކުރެއްވި މައުލޫމާތުގައި ރައީސް ނަޝީދުގެ ސެކިއުރިޓީ "އެންހާންސް" ކޮށްފައި އޮތުމުން އިލްޔާސް ހިއްސާކުރެއްވި މައުލޫމާތާ ގުޅިގެން އިތުރަށް ކުރެވޭނެ ކަމެއް ނެތުމުން އެމްއެންޑީއެފްގެ އިސްވެރިންނަށް މައުލޫމާތު ހިއްސާ ނުކުރެއްވީ ކަމަށްވެސް މާރިޔާ ވިދާޅުވެފައިވެ އެވެ.

އެބޭފުޅުން ވިދާޅުވީ ސެކިއުރިޓީ އޮތީ ކްރިޓީކަލްގައި ކަން. އަދި ޗީފް ވިދާޅުވީ ސެކިއުރިޓީ އޮތީ އެންހޭންސް ކުރެވިފައި ކަމަށް. އެހެންވީމާ އަޅުގަނޑަކީ އޮޕަރޭޝަނަލް ޓެކްޓިކަލް މީހަކަށް ނުވާއިރު މި ފޯމޭޝަން، އެ ފޯމޭޝަން؛ އެ އެއްޗެހި މިހާރު ކިތަންމެ ބޮޑަކަށް އެ ބޭފުޅުން ކިޔައިދެއްވާ އަޅުގަނޑަށް. ކިޔައިދެއްވީމާ މި ދެންނެވި ގަވައިދުގައި އޮތް މިންވަރަށް އޮތްތޯ ބަލައި، އެއަށް ވުރެ އިތުރަށް ވެސް އޮތީމާ އަޅުގަނޑު އެކަމުގައި އިތުރަށް އެއްޗެއް ނުދެންނެވީ
މާރިޔާ އަހްމަދު ދީދީ | ޑިފެންސް މިނިސްޓަރު

އިންކުއަރީ ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ މާރިޔާ އަށް ލިބުނު މައުލޫމާތު، އެމްއެންޑީއެފްގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސްޓްރަކްޗާގެ ތެރެއިން ރައީސް ނަޝީދުގެ ކްލޯސް ޕްރޮޓެކްޝަން ޓީމަށް ދިންނަމަ ރައީސް ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު އޮތީސް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ