ރައީސް މުހައްމަދު ނަޝީދު

ނަޝީދަށް އަމާޒުކުރި ހަމަލާ ދުނިޔޭގެ ސަމާލުކަމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ބައިނަލްއަގްވާމީ މީޑިއާތަކުގެ ސަމާލު ކަމަށް އަތުވެއްޖެ އެވެ.

އެގޮތުން ދުނިޔޭގެ މަޝްހޫރު ނިއުސް އެޖެންސީތައް ކަމަށްވާ އަލްޖަޒީރާ، ރޮއިޓާސް، ޓައިމްސް އޮފް އިންޑިއާ، އިންޑިއަން އެކްސްޕްރެސް ފަދަ ނިއުސް އެޖެންސީތަކުގައި ވަނީ ކުއްލި ހަބަރުގެ ގޮތުގައި އެ ހަބަރު ރިޕޯޓްކޮށްފަ އެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ބޮމުގެ ހަމަލާއެއް ކަމަށް ބެލެވޭ ހަމަލާއެއްގައި ރައީސް ނަޝީދު ޒަހަމްކޮށްލާފައިވާ ކަމަށެވެ.

ރޮއިޓާސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް ނަޝީދަށް އަނިޔާވެފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ބޭރުގައި އެއްޗެއް ގޮއްވާލުމުންނެވެ.

އިންޑިއަން އެކްސްޕްރެސްގައި ވެސް ބުނެފައިވަނީ ރައީސް ނަޝީދު ޒަހަމްވީ ބޮމެއް ގޮއްވާލުމުގެ ސަބަބުން ކަމަށެވެ. ދިވެހި ފުލުހުންނާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވަނީ ގޮވުމެއްގެ ސަބަބުން ރާއްޖޭގެ މަޖިލީހުގެ ރައީސް ނަޝީދު ޒަހަމްވެފައިވާ ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކުރުމާ ގުޅިގެން ބައެއް ގައުމުތަކުގެ އިސްވެރިން ގެންދަވަނީ އެމަނިކުފާނަށް އަވަސް ޝިފާ އަކަށް އެދިވަޑައިގެން ހަމްދަރީގެ މެސެޖު ފޮނުއްވަމުންނެވެ. ބައެއް ގައުމުތަކުގެ އިސް ބޭފުޅުން ވަނީ ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް އެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ، ރައީސް ނަޝީދަށް ހަމްދަރީ ފޮނުއްވާފަ އެވެ.

ރާއްޖޭގައި ރައީސް ކަން ކުރެއްވި ކުރީގެ ރައީސުންނާއި ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ވެސް ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ކުށްވެރިކޮށް އެކަން ތަހުގީގުކުރުމަށް ގޮވާލާފަ އެވެ.