ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއަށް ފަންޑުކުރި މީހުން ހޯދުމަށް ހިންގޭ ތަހުގީގު ވަރަށް ފުޅާކޮށް އަދި އަވަހަށް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރެއްވި މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެ އެވެ.
އައްބާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަހުގީގުގެ ފުރަތަމަ ބައި ނިމިފައިވާ ކަމަށާ ދެން އޮތީ ތަހުގީގުގެ ދެވަނަ ބައި ކަމަަށްވާ ހަމަލާގައި ހިމެނޭ ފައިސާގެ ކަންކަމާއި ގުޅޭ ތަހުގީގު ކަމަަށެވެ. އެކަންވެސް އަވަހަށް އަދި ފުޅާކޮށް ކުރިއަށް ގެންދަވާނެ ކަމަަށް އުންމީދު ކުރައްވާ ކަމަށެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރަން މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ޓެރަރިޒަމްގެ މައްސަލަތަކަށް ބަލާއިރު ފަންޑުކުރުމަށް ދެގޮތަކަށް އަމަލުކުރާ ކަމަށެވެ. އެއްގޮތަކީ ހަމަލާއަށް ފެސިލިޓޭޓް ކުރުމަށް ހަރަދުކުރުމެވެ. ދެވަނަ ގޮތަކީ ހަމަލާ ދިނުމަށް އެހެން ފަރާތަކުން އެފަރާތަށް އިނާމެއްގެ ގޮތުގައި ފައިސާދިނުން ކަމަށެވެ.
ރިޔާޒު ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދޭން އައިއީޑީ ހަރުކޮށް ގޮއްވާލި ސައިކަލަކީ 2019 ވަނަ އަހަރު 18،000ރ. އަށް ގަތް ސައިކަލެއް ކަމަށެވެ. ހުޅުމާލެ ގަރާޖަކުން ހަމަލާއަށް ސައިކަލު ތައްޔާރުކުރުމުގެ ގޮތުން ސާވިސް ކުރި އެވެ. ބޮން ހެދުމަށް ވަކި އެޕާޓްމެންޓެއް ކުއްޔަށް ހިފާފައި ހުރި ކަމަށާއި އެކަމަށް ވެސް ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ.
މި ހަމަލާއާއި ގުޅިގެން މިހާތަނަށް 317 އަށް ވުރެ ގިނަ ބެންކް ސްޓޭޓްމެންޓާއި އަދި މިފަރާތްތަކާ ގުޅުންހުރި އާއިލާ މީހުންނާއި ރައްޓެހިންގެ އިތުރުން ގާތްމީހުންގެ ބެންކް ސްޓޭޓްމެންޓްތައް ވެސް ހަމަލާއާއި އެއްވެސް ގޮތަކަށް ގުޅުން އޮތްތޯ ބެލުމަށް އެނަލައިޒް ކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.
"...އަދި އައިއީޑީއަށް ބޭނުންވާ އެކިއެކި ކޮންޕޮނެންޓްސް ގަތުމަށްޓަކައި ހަރަދުގެ އަންދާޒާއެއްވެސް ކުރެވިފައިވަނީ. މިމައްސަލައިގައި އުޅޭ މީހުންގެ މޫވްމެންޓްސްތަކަށް ބަލާއިރު އެކަންކަމަށްވެސް ހަރަދުތަކެއް ކޮށްފައި ހުރި ކަމަށާ ގެސްޓްހައުސްތަކަށް ވެސް ހަރަދުކޮށްފައި ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ އެފްއައިޔޫ މެދުވެރިކޮށް ފާއިތުވި ދުވަސްތަކުގައި މިފަދަ ޓެރަރިސްޓު ހަމަލާއަކަށް ފަންޑުކުރުމުގެ އެއްވެސް މުއާމަލާތެއް ކޮށްފައިވޭތޯ ބެލުމަށް ވެސް އެނަލިސިސްއެއް ހަދާފައިވާ ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން މިއީ ބަޔަކު އިނާމެއް ދީގެން ދިިން ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށެވެ. މިއީ އެމީހުންގެ އަމިއްލަ މަގުސަދެއް އޮވެގެން ދިން ހަމަލާއެއް ކަމަށް ބެލުމުގެ ޖާގަ ބޮޑު ކަމަށާއި، މިއީ ފިކުރީ ސަބަބުތަކަަށްޓަކައި ދިން ހަމަލާއެއް ކަމަށްވެސް ވިދާޅުވި އެވެ.
"މިހާތަނަށް ބެލިބެލުން މިއީ ބަޔަކު ހަމަލާ ދިނުމުގެ މުގާބިލުގައި އިނާމެއްގެ ގޮތުގައި ފައިސާ ކަނޑައަޅައިގެން ފައިސާ ދީގެން ކުރުވި ކަމެއްކަމަށް ބަލާނެ އެއްވެސް ސަބަބެއް ތަހުގީގަށް ފެންނާކަށް ނެތް. އެހެންނަމަވެސް މިހަމަލާގެ މޯޓިވް އަކީ ނަފްރަތާ އަދާވާތްތެރިކަމާއި ދީނީ ފިކުރުގެ ތަފާތުގައި އޮތް ރުޅިވެރިކަމުގައި އަމިއްލަ ގޮތުން ހަމަލާ ދިން މީހުން އެމީހުން އަމިއްލަ މަގުސަދެއް ހާސިލުކުރުމަށްޓަކައި ދީފަ ހުރި ކަމުގެ ހަރުދަނާ ސަބަބުތަކެއް ފެންނަން އޮތް ކަމަށް ފާހަގަކުރެވޭ."
ރިޔާޒު ވިދާޅުވި ގޮތުގައި ހަމަލާ ދިން މީހުން ރައީސް ނަޝީދަށް ހަމަލާ ދިނީ އެމަނިކުފާނަކީ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށް ދީނުން ބޭރުވެފައިވާ މީހެއްގެ ގޮތުގައި ކަނޑައަޅައި އެމަނިކުފާނުގެ ލޭ ހުއްދަވެފައިވާ ކަމަށް ނިންމައިގެން ކަމަށެވެ.
ރިޔާޒު ވިދާޅުވީ އެކި ތަންތަނުގައި ސިޔާސީ ގޮތުންނާއި ރަސްމީ ވާޖިބު އަދާކުރެއްވުމަށް ކުރައްވާފައިވާ މަސައްކަތްތަކުގެ ތެރެއިން ނިންމަވާފައިވާ ނިންމެވުންތަކާއި ދައްކަވާފައިވާ ވާހަކަތަކަށް ނިސްބަތްކޮށް ރައީސް ނަޝީދަކީ އިސްލާމްދީނުން ބޭރުވެފައިވާ މީހެއް ކަމާއި، މަރާލަން ޖެހޭ މީހެއް ކަމަށް ދެކި އެކަމަށް މަގުފަހި ކުރުމަށްޓަކައި އެމީހުން ތަކުރާރުކޮށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.