ނަޝީދަށް އަމާޒު ކުރި ހަމަލަ

ނަޝީދަށް ދިން ހަމަލާއަށް އިންސާފު ހޯދުމަށް ސާބިތުކަމާއެކު ތިބޭނެ: ރައީސް

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މީގެ އެއް އަހަރު ކުރިން ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އިންސާފު ގާއިމުކުރުމުގެ މަސައްކަތުގައި ސާބިތުކަމާއެކު ދެމި ހުންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ބޮމުގެ ހަމަލާއަށް އިއްޔެ ވަނީ އެއް އަހަރުފުރިފައެވެ.

މިއަދު ހެނދުނު ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަކީ ދިވެހި ފަސްގަނޑުގައި ދެވުނު އެންމެ ނުރައްކާތެރި އެއް ޓެރަރިސްޓް ހަމަލާ ކަަމަށެވެ. އަދި އެ ހަމަލާއިން އަމާންކަން އޮތް ދިވެހި ފަސްގަނޑަށް ކުއްލި ސިހުން ލިބިގެން ކަމަށެވެ.

ޓެރަރިސްޓް ހަމަލާއިން ރައީސް ނަޝީދުގެ ފުރާނަފުޅު ސަލާމަތްވެވަޑައިގަތް ކަމަށް މާތްﷲއަށް ޝުކުރުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޓެރަރިސްޓުން އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި ސާބިތުވެ ދެމި ހުންނަވާނެ ކަމަށެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވެފައިވާއިރު ނަޝީދަށް މީގެ އެއް އަހަރު ކުރިން ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އިންސާފު ގާއިމުކުރެވިފައި ނެތް ކަމަށާއި ހަމަލާ ހިންގުމަށް ފައިސާ ހަރަދުކުރި ފަރާތްތައް ހޯދުމަށްޓަކައި ވަރުގަދަ ތަހުގީގެއް އަދިވެސް ހިންގުމަށް އެދޭ ކަމަށް ރައީސް ނަޝީދުގެ އާއިލާ އިން ވަނީ ބުނެފައެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށް އެއް އަހަރު ފުރުނު ހިނދުވެސް އެ މައްސަލައިގައި ހިމެނޭ މީހުންގެ ޝަރީއަތްތައް ދިގުލައިގެން ދާތީ ރައީސް ނަޝީދުގެ އާއިލާ އިން ކަންބޮޑުވެ އެވެ،" އާއިލާއިން އިއްޔެ ނެރުނު ބަޔާނުގައިވެ އެވެ.

މިބަޔާނުގައި ބުނެފައިވަނީ ހަމަލާ ދިނުމުގައި ބައިވެރިވި ބައެއް މީހުން ހައްޔަރުކޮށް ދައުވާ ކުރި ނަމަވެސް ހަމަލާގެ ކުރީގެ ސަފުގައި ފެނިލި މީހުންގެ ފުރަގަހުގައި ތިބި ފަސް ހަނގުރާމަވެރިންނާ މެދު ދައުލަތުގެ އިދާރާތަކުން އަހަންމިއްޔަތު ކަމެއް ދީފައި ނުވާ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެގޮތަށް ދިމާވީ މައްސަލައާއި ގުޅޭ ގުޅުންތައް ތަނަވަސް ގޮތެއްގައި ތަހުގީގުކޮށްފައި ނެތުމުން ކަމަށް އާއިލާ އިން ގަބޫލުކުރެ އެވެ.

އާއިލާ އިން ތުހުމަތުކުރާ ފަސް ހަނގުރާމަވެރިންގެ މައުލޫމާތު މިބަޔާނުގައި ހިއްސާކޮށްފައެއް ނުވެ އެވެ.

"ފުރަތަމަ ކަމަކަށް ރައީސް ނަޝީދު ޒަހަމްވެފައި ވަނިކޮށް ހޮސްޕިޓަލަށް ގެންދިޔަ ހަށިފާރަވެރިންނަށާއި، އެމަނިކުފާނަށް ފަރުވާ ދެއްވި މެޑިކަލް ބޭފުޅުންނަށް ޝުކުރު އަދާކުރަމެވެ. އަދި އާންމުންގެ ފަރާތުން ދެއްވި ހިތްވަރާއި ސަލަވާތުން، ﷲގެ އިޒުނަފުޅާ އެކު ރައީސް ނަޝީދުގެ ފުރާނަ ސަލާމަތްވެ ދިރިލަހައްޓާފައިވާތީ ޝުކުރު އަދާކުރަމެވެ،" ބަޔާނުގައިވެ އެވެ.

އަދި ބުނީ މިދަނޑިވަޅުގައި ވެސް އާއިލާ އިން އެދެނީ ހަމަލާ ހިންގުމަށް ފައިސާ ހަރަދު ކުރި ފަރާތްތައް ހޯދުމަށްޓަކައި ވަރުގަދަ ތަހުގީގެއް އަދިވެސް ހިންގުމަށް ކަމަށެވެ. އެމަގުން ކަންކަން ކޮށްފައި ނެތުމުގެ ސަބަބުން ރައީސް ނަޝީދުގެ ޖާނާއި އެމަނިކުފާނު ފަދައިން ޝިކާރައަކަށް ވެފައިވާ އެހެން ފަރާތްތަކުގެ ވަށައިގެން ބިރުވެރިކަމުގެ މާހައުލެއް އުފެދިފައިވާ ކަމަށްވެސް އާއިލާ އިން ދެކެ އެވެ.

"މިކަމުގައި އަދުލު އިންސާފު ގާއިމުވެފައި ނެތުމުން މުޅި މުޖުތަމައުގެ މައްޗަށް ބިރުވެރިކަމުގެ ހިޔަނި އެޅިފައިވާކަމުގައި ގަބޫލުކުރަމެވެ،"

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސެކިއުރިޓީ ސަބަބުތަކާ ހެދި ރައީސް ނަޝީދު ހިންގަވާ ހަރަކާތްތައް ހަނިވެފައިވާތީ ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން އެމަނިކުފާނު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ހުއްޓިފައިވާ ކަމަށެވެ. ސިޔާސީ ގޮތުންނާއި އަދި ގާތްތިމާގެ މީހުންނާއި ރަހްމަތްތެރިންނާ އެކު އެމަނިކުފާނު ކުރައްވަން އެދިވަޑައިގަންނަވާ މުއާމަލާތްތަކަށް ހުރަސް އެޅިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

"ﷲގެ އިރާދަފުޅުން އެމަނިކުފާނު އަޅުގަނޑުމެންނާ އެކު ދިރިދުނިޔޭގައި ހުންނެވި ކަމަށްޓަކައި ޝުކުރުކުރާއިރު މިފަދަ ހަމަލާތަކުގައި ބީވެގެން ދިޔަ ފަރާތްތަކުގެ އާއިލާތަކަށް އަދިވެސް ޖަވާބެއް ލިބިފައި ނުވާތީ ހިތާމަކުރަމެވެ. އެފަދަ ފަރާތްތައް އަޅުގަނޑުމެންގެ މި ޒިކުރާގައި ހަނދާންކޮށް ދުއާގައި ބައިވެރިކުރަމެވެ." އާއިލާގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.