ދިވެހިރާއްޖެއަށް ދެމި ނޯވެވުނު ދުނިޔެއަކު އެހެން ގައުމަކަށް ވަކި އޮވެވޭނެ ކަމުގެ ޔަގީން ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެ މޫސުމަށް އަންނަ ބަދަލާ ތިމާވެއްޓަށް ލިބޭ ގެއްލުންތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރައީސް ސޯލިހް ވިދާޅުވީ މޫސުމަށް އަންނަ ބަދަލާ ތިމާވެއްޓަށް ލިބޭ ގެއްލުމުގެ އަގު އިންސާނިއްޔަތަށް މާ ބޮޑު ކަމަށެވެ. އަދި އެއީ މިއަދުގެ ދިރާސާތަކާއި އިލްމީ ހަގީގަތްތަކާ ސައިންޓިފިކް ރައުޔު ހެކިދޭ ކަންކަން ކަމަށް ވިދާޅުވެ މިސާލު ދެއްކެވިއެވެ.
އައިޕީސީސީ އިން ދާދި ފަހުން އެކުލަވާލި ރިޕޯޓާއި ހަވާލާ ދެއްވާ ރައީސް ވިދާޅުވީ މިދިޔަ ފަސް އަހަރަކީ 19 ވަނަ ގަރުނުގެ މެދުތެރެއިން ފެށިގެން މިހާތަނަށް ދުނިޔެ ތަހަންމަލު ކުރި އެންމެ ހޫނުގަދަ ފަސް އަހަރު ކަމަށެވެ. އަދި 1901 ވަނަ އަހަރުން 1970 ވަނަ އަހަރާ ދެމެދަށް ބަލާނަމަ ކަނޑުގެ ލޮނުގަނޑު އުފުލޭ ނިސްބަތް ތިން ގިނަ އިތުުރުވެފައިވާ ކަަމަށް ވިދާޅުވިއެވެ. ދުނިޔޭގެ ހޫނުމިނުން 1.1 ޑިގްރީ ސެލްސިއަސް އުފުލި މޫސުމީ މައްސަލަތައް ހައްލުކުރަން އިންސާނުންނަށް ވަގުުތު ކުޑަތަންވެފައިވާ ކަމުގެ އިންޒާރު އެ ރިޕޯޓްގައި ދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސް ގާ ހިފެހެއްޓުމަށްޓަކާ މިހާރު ޖައްވަށް ބޭރުކުރާ ގެނދަބުޅީގެ މިންވަރު 2030 އާ ހަމައަށް 45 އިންސައްތަ ދަށްކުރަންޖެހޭ. މި އަމާޒަށް ވާސިލުވެވޭނީ 2050 ގެ ނިޔަލަށް މުޅި ދުނިޔެ ނެޓްޒީރޯ ހާސިލުކޮށްގެން. އިންސާނީ ނަސްލު ނެތިދިއުންް ނުވަތަ މާހައުލީ ނިޒާމަކަށް އަންނަ ބަދަލުން ހާލަތު ނާޒުކުވުން މިއީ އިވޭ އަޑެއް. އަތުރާލެވޭ ބަސްތަކެއް. ގެއްލި ދިއުން ނުވަތަ ރެފިއުޖީންނަށް ބަދަލުވުން ނޫނީ އަމިއްލަވަންތަކަން ނެތި ދިއުން. މިފަދަ ބަސްމަަގަކީ ރާއްޖެއާ ރާއްޖެފަދަ ނާޒުކު ތިމާވެށި ލިބިފައިވާ ގައުމުތަކުގެ ފަހު މަރުހަަލާ ސިފަކޮށްދޭ ގޮތް،" ރައީސްގެ ތަގުރީރުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުދި ޖަޒީރާތައް ނެތި ދަނީ މިއަދު އައި ތިމާވެށީގެ ސަބަބުން ކަމަށްވާނަމަ ބޮޑެތި ބައްރުތަކުގެ ފަހަތުބް ހަމަ އެ ސަބަބު މާދަމާ އަންނާނެ ކަމަށެވެ. އަދި ދިވެއްސަކަށް ދިރިނޫޅެވި ދިވެހިރާއްޖެއަށް ދެމި ނޯވެވުނު ދުނިޔެއަކު އެހެން ގައުމަކަށް ވަކި އޮވެވޭނެ ކަމުގެ ޔަގީން ކަމެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ. އެ ހަގީގަތްތައް ކިޔައިދީފައިވާ މާ ސާފު ސާދާ މައުސޫމް ކަރުދާސްތަކެއް އެމަނިކުފާނުގެ އަތްޕުޅުގައި އެބަހުރި ކަމަށް ވިދާޅުވެ އެ ކަރުދާސްތައް ރައީސް ވަނީ ދައްކަވާލައްވާފައެވެ. ރައީސް ވިދާޅުވީ އެ ކަރުދާސްތަކަކީ މޫސުމީ ކަންބޮޑުވުންތަކާ ގުޅިގެން ދިވެހި ތުއްތު ކުދީން ލިޔެފައިވާ ސިޓީތަކެއް ކަމަށެވެ.
1.5 ޑިގްރީ ސެލްސިއަސް އާއި 2 ޑިގްރީ ސެލްސިއަސްގެ ތަފާތަކީ މަރުގެ ހުކުމެއް އައުމާއި ނައުމާ ދެމެދު ހުރި ފަރަގު. އެހެން ނަމަވެސް އެއް ހަގީގަތެއް އެބަައޮތް. ކުދި ޖަޒީރާތައް ނެގި ދަނީ މިއަދު އައި ތިމާވެށީގެ ސަބަބުން ކަމުގާވާނަމަ ބޮޑެތި ބައްރުތަކުގެ ފަހަތުން ހަމަ އެ ސަބަބުތައް މާދަމާ އަންނާނެ. ދިވެެއްސަކަށް ދިރިނޫޅެވި - ދިވެހިރާއްޖެއަށް ދެމި ނޯވެވުނު ދުނިޔެއަކު އެހެން ގައުމަކަށް ވަކި އޮވެވޭނެ ކަމުގެ ޔަގީން ކަމެއް ނޯންނާނެރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް | އާންމު މަޖިލީސް 2021
ރައީސްގެ ތަގުރީރުގައި ވިދާޅުވީ ކޮވިޑް-19 އިން ބުނެދިން ހަގީގަތަކީ އެއްވެސް ގައުމަަކަށް ވަކިވެ އެކަހެރިވެގެން ހޯދޭނެ މޮޅު ނަތީޖާއެއް ނެތް ކަމާއި އަމާން ރައްކާތެރި ދިރިއުޅުމަކަށްޓަކާ އެންމެން އެއްބައިވަންތަވެ އެކުވެރިވާން ޖެހޭ ކަމެވެ. ކޮވިޑްގެ ބަލިމަޑުކަމަކީ ދިވެހިންވެސް ތަޖުރިބާ ކުރި އެންމެ ބޮޑު ގޮންޖެހުން ކަމަށާ ދިވެހިންގެ އިގްތިސާދު ބަރޯސާވެފައި އޮތް ފަތުރުވެރި މުޅީން ހުއްޓި ބޭރު ފައިސާ ލިބުން ދަތިވެ ވިޔަފާރިތައް ހުއްޓި ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއެކު ފޫނުބެދޭވަރުގެ ގެއްލުންތަކެއް ތަހަންމަލު ކުރަން ޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ.
"ބޯޑަރުތައް ބަންދުކުރީ ހިތާ ޒަމީރު ރުހިގެނެއް ނޫން. ބަޔަކު އެކަމަށް އެދޭތީއެއްވެސް ނޫން. އެކަމަކު އެ އުނދަގޫ ނިންމުން ނިންމަން އެ ވަގުތު ޖެހުނު. މި ބަލިމަޑުކަމާ ކުރިމަތިލުމަށް އަޅުގަނޑުމެން ފަށަން ޖެހުނީ ސުމަކުން. އޭރު އަދި ވެކްސިން އޮތީ ހަމައެކަނި ދެކޭ ހުވަފެނެއްގެ ގޮތުގައި،"
ރައީސް ވަނީ ރާއްޖޭގެ ވެކްސިން ޖެހޭ އުމުރުގެ 95 އިންސައްތަ މީހުން ކިޔަވާ ކުދީން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި އުޅޭ އާބާދީގެ 85 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. ރައީސްގެ ތަގުރީރުގައި ވެކްސިނުން ސަލާމަތްވާން އޮތް އެންމެ މުހިންމު ފިޔަވަޅަކީ ވެކްސިން ކަމަށް ވިދާޅުވެ ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށް ދިނުމުގެ މުހިންމު ކަމާމެދު ވާހަކަ ދައްކަވާފައެވެ.