ރައީސް މުހައްމަދު ނަޝީދު

ހަމަލާގެ ތަހުގީގަށް ބަޔާނެއް ދެއްވުމަށް ރައީސް ނަޝީދު އެއްބަސްވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ބަޔާނެއް ދެއްވުމަށް ރައީސް ނަޝީދު އެއްބަސްވެވަޑައިގެންފި އެވެ.

ރައީސް ނަޝީދުގެ ގާނޫނީ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެކަން ޔަގީންކޮށްދެއްވާފަ އެވެ.

ބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދު ހުންނެވީ ބަޔާނެއް ދެއްވަން ތައްޔާރަށް ކަމަށެވެ. އަދި ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތްތަކުގެ އިބްތިދާއީ މަރުހަލާ ނިމުމުގެ ކުރިން ބަޔާން ނެންގެވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމުގައިވެސް ބަޔާނުގައިވެ އެވެ.

މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ރައީސް ނަޝީދުގެ ބަޔާނެއް ބޭނުންވާ ކަމަށް ފުލުހުން މީޑިއާގައި ހާމަކުރީ މިމަހުގެ ތިންވަނަ ދުވަހު އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ރައީސް ނަޝީދުގެ ބަޔާނެއް ތަހުގީގަށް ބޭނުންވަނީ ހަމަލާގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ ބައެއް މައުލޫމާތުތައް އިތުރަށް ޔަގީން ކުރުމުގެ ގޮތުންނެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދެވިއިރުވެސް ނަޝީދުގެ ފަރާތްޕުޅުން މައުލޫމާތު ހޯއްދެވުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެ ވަގުތު އެކަމަށް އިއުތިރާޒު ކުރެއްވި ކަމަށެވެ. އަދި މައްސަލާގައި ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޝަން ފައިލް ތައްޔާރު ކުރަން ފެށުމާއެކު ބޭރުގައި ހުންނަވައިގެން ސިޓީ އަކުން ނުވަތަ އީ-މެއިލް މެދުވެރިކޮށްވެސް ނަޝީދުގެ ބަހެއް ހޯދުމަށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވި އެވެ.

ޕީޖީ ހުސައިން ޝަމީމް ވެސް މީގެކުރިން ވަނީ ރައީސް ނަޝީދު ބަޔާނެއް ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ފުލުހުންގެ ތަހުގީގަށް ރައީސް ނަޝީދުގެ ބަޔާނެއް ބޭނުންވާ ކަމަށް ފުލުހުން ބުނުމާ ގުޅިގެން ރައީސް ނަޝީދު އޭރު ވިދާޅުވީ ބަޔާނެއްގެ ގޮތުގައި ދައްކަން އޮތީ އަމިއްލަފުޅު ޖާނު ކަމަށެވެ. ރައީސް ނަޝީދު އޭރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ބަހަކަށްވެސް ބަޔާނަކަށްވެސް ދައްކަން އޮތީ އެމަނިކުފާނުގެ ޖާނާއި، ހިތް އަދި މޭ ކަމަށެވެ.

"ޝާއިރު ވިދާޅުވި ފަދައިން ހިތާ މޭ ހިބައިން ލިޔެ ދިނީމަވެސް ނުވީ ނޫންތޯ؟" ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ޓެގު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.

ހައެއްފަހެއްގެ ހަމަލާ އާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ރައީސް ނަޝީދު ބަޔާނެއް ދެއްވުމަށް އެއްބަސްވެވަޑައިގެންނެވި ވަކި ސަބަބެއް އެމަނިކުފާނުގެ ވަކީލުން މިއަދު ނެރުއްވި ބަޔާނުގައި ހާމަކުރައްވާފައެއް ނުވެ އެވެ.

ހައެއްފަހެއްގެ ހަމަލާއާއި ގުޅިގެން ފުލުހުން ވަނީ 10 މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެތެރެއިން ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ތިން މީހަކާއި ބޮން ހަރުކުރުމުގައި ބައިވެރިވި މީހެއްގެ މައްޗަށް ޕީޖީ ވަނީ ދައުވާ އުފުލާފާ އެވެ. އެގޮތުން ދައުވާކޮށްފައިވަނީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު ރަޝީދު (25) އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27) އެވެ. މިމައްސަލާގައި ލ. ގަން، ދުންފިނިއުފާ އަހްމަދު ފާތިހުގެ މައްޗަށް ވެސް ދައުވާ ކުރަން ފުލުހުން ޕީޖީ އޮފީހަށް މައްސަލަ ފޮނުވި އެވެ. ނަމަވެސް ފާތިހަށް ދައުވާ ނުކުރުމުން ފުލުހުން މިހާރު ވަނީ އޭނާ ދޫކޮށްލާފަ އެވެ.

އަދުހަމަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ އެވެ. އަދި އޭނާ ހުރީ ހަށިގަނޑު ގޮއްވާލައިގެން ވެސް އެ ހަމަލާ ދިނުމަށް ތައްޔާރަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ. ތަހުމީނަކީ ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލްގެ ވެރި ފަރާތެވެ. އޭނާ ވަނީ ސައިކަލްގައި ބޮން ހަރުކުރުމަށްވެސް އެހީތެރިވެ ދީފަ އެވެ. މުޖާޒަކީ ހަމަލާގެ ފަހުން އަދުހަމްގެ ހެދުން ބަދަލުކޮށް ފިލައިގެން މާލޭގައި އުޅުމަށް އެހީތެރިވެދިން މީހެކެވެ. އަލީ ހައިޝަމަކީ ސައިކަލްގައި ބޮން ހަރުކުރަން އަމަލީގޮތުން ބައިވެރިވި މީހެކެވެ. އަދި ހަމަލާ ރޭވުމުގައި އޭނާގެ ދައުރު ވަރަށް ބޮޑު ކަމަށް ފުލުހުން ބުނެ އެވެ.

މީގެއިތުރުން ދެން މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންނަކީ އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް އާއި، ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި، ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީނާއި، މ. އުދެހިގޭ އިސްހާގާއި، ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ އެވެ.