ބޮންޑެ އިބްރާހިމް ރަޝީދު

ފުރިހަމަ ތަހުގީގަކަށް އިމްރާން މަގާމުން އެކަހެރިކުރަން ގޮވާލައިފި

"ހައެއް ފަހެއް" ގެ ޓެރަރިސްޓް ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގަން ބޭނުންނަމަ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަގުތުން ވަގުތަށް ސަސްޕެންޑްކޮށް މަގާމުން އެކަހެރި ކުރަން ޖެހޭ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅު ވެއްޖެ އެވެ.

ބޮންޑެ މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާގެ ފުނަށް ވާސިލް ވުމަކީ ރާއްޖޭގެ ހުރިހާ ހަމަޖެހުމަކާއި ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެން ކަމުން އެއީ ވަރަށް އިހުލާސްތެރި ކަމާއެކު ކުރަން ޖެހޭ މަަސައްކަތެއް ކަމަށެވެ.

ރައީސް ނަޝީދުގެ ދިފާއުގައި ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ ބޮންޑެ ވިދާޅުވީ ތަހުގީގު ފުރިހަމައަށް ކުރިއަށް ގެންދަން ބޭނުންނަމަ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަގާމުން އެކަހެރި ކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ކޮށްދެއްވުމަށް "މެއި ހައެއް ކޮމެޓީ" ން ސަރުކާރުގައި އެދެން ޖެހޭ ކަމަށެވެ. އިމްރާނަކީ އަބަދުވެސް ރައީސް ނަޝީދާއި ވަރަށް ބޮޑު ޒާތީ ކަމެއް އޮތް ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު އެދެން މި ކޮމެޓީން ސަރުކާރުގައި ދަންނަވައިގެން ވެސް ވަގުތީ ގޮތުން ހޯމް މިނިސްޓަރު [އިމްރާން އަބްދުﷲ] އެ މަގާމުން އެކަހެރި ކުރަން މި ތަހުގީގު [ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާ]، ފުރިހަމަ ތަހުގީގެއް ކުރާ ކަމަށްވަންޏާ. އެ މަސްލަހަތު އެބައޮތް، އެއީ ދައުލަތުގެ، އެމްޑީޕީގެ ވެރިއެއް އަދި ދިވެހިރާއްޖޭގެ ރަައީސްކަން ކޮށްފައިވާ ބޭފުޅެއް... ޒާތީ ގޮތުން ކުރީގައި ވެސް އެތައް ކަމެއް ކޮށްފައި ހުރި ބޭފުޅަކު ހޯމް މިނިސްޓަރުކަމުގައި ހުރެގެން ސާފު ތަހުގީގެއް ނުހިންގޭނެ. ނަތީޖާ ނެރެން އަޅުގަނޑުމެން ބޭނުންވަނީ،" ބޮންޑެ ވިދާޅުވި އެވެ.

މި ކޮމެޓީން ސަރުކާރުގައި ދަންނަވައިގެން ވެސް ވަގުތީ ގޮތުން ހޯމް މިނިސްޓަރު [އިމްރާން އަބްދުﷲ] އެ މަގާމުން އެކަހެރި ކުރަން ޖެހޭ، މި ތަހުގީގު [ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާ]، ފުރިހަމަ ތަހުގީގެއް ކުރާ ކަމަށްވަންޏާ. އެ މަސްލަހަތު އެބައޮތް، އެއީ ދައުލަތުގެ، އެމްޑީޕީގެ ވެރިއެއް އަދި ދިވެހިރާއްޖޭގެ ރަައީސްކަން ކޮށްފައިވާ ބޭފުޅެއް... ޒާތީ ގޮތުން ކުރީގައި ވެސް އެތައް ކަމެއް ކޮށްފައި ހުރި ބޭފުޅަކު ހޯމް މިނިސްޓަރު ކަމުގައި ހުރެގެން ސާފު ތަހުގީގެއް ނުހިންގޭނެ.
އިބްރާހިމް ރަޝީދު (ބޮންޑެ) | އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު

ބޮންޑެ ވަނީ "ހައެއް ފަހެއް" ގެ ޓެރަރިސްޓް ހަމަލާގެ މައުލޫމާތު ހޯމް މިނިސްޓަރަށް އަދި ފުލުހުންގެ އިންޓެލިޖެންސަށް ކުރީން ވެސް ލިބިފައިވާނެ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އިމްރާންގެ އަރިހުގައި ހޯމް މިނިސްޓްރީގައި އަދާލަތުގެ ސްލޮޓެއްގައި ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވީ ކުރީން ހަރުކަށި ފިކުރުގައި އުޅެފައިވާ ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދަށް ދިން ސެކިއުރިޓީއާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ދެކެވެމުންދާއިރު އެމަނިކުފާނަށް ހައި ސެކިއުރިޓީ ދީފައިވޭތޯ ސުވާލު ކުރަމުން އަންނަ ކަަމަށެވެ. އެއީ ކުރަން ޖެހޭ ސުވާލެއް ނޫން ކަމަށާ އެއީ އެއަށްވުރެ މާ ސާފު މައްސަލައެއް ކަމަށެވެ. ބޮންޑެ ވިދާޅުވީ ރައީސް ނަޝީދަށް ހައި ސެކިއުރިޓީ ދީފައިނުވާ ކަމަށާ އެ ސުވާލު ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ސުވާލު ކުރައްވަންވީ ހައި ސެކިއުރިޓީ ނުދިން ސަބަބާމެދު ކަމަށެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވޭ ބަޔަކު މީހުން އެވަރުގެ ކަމެއް ހިންގިއިރުގައި ޕޮލިސް އިންޓެލިޖެންސްއަށް މި ރާއްޖޭގެ އެ މައުލޫމާތު ނުލިބި ނުހުންނާނެ ކަން. އެއީ އެއްގޮތަަކަށް ވެސް އަޅުގަނޑު ޝައްކު ކުރާ ކަމެއް ނޫން، ލިބިފައި ހުންނާނީ. އެއާއެކީ އެމްއެންޑީއެފުން އަރުވާފައި އެ އޮތީ ސެކިއުރިޓީއެއް ނޫން، ހައިސެކިއުރިޓީއެއް ނޫން،" ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވީ ރަައީސް ނަޝީދަށް އަމާޒުކުރި ހަމަލާއާ ގުޅިގެން ކަންބޮޑުވުން ފާޅުވެސް ނުކުރައްވާ އަދި އެހެންވެސް ވާހަކައެއް ނުދައްކަވާ ވަކި ބައެއްގެ ދިފާއުގައި އިމްރާން ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ. ބޮންޑެ އެ އިޝާރާތް ކުރައްވަނީ ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް އެ މަގާމުން ވަކި ކުރުމަށް ނިންމި ނިންމުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށް ވިދާޅުވެ އިމްރާން ޓްވީޓްތަކެއް ކުރައްވާ ރޭ ދެއްކެވި ވާހަކަފުޅަށެވެ.