ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ބައިވެރިވުމުގެ ތުހުމަތަށް ހައްޔަރުކުރި އަހްމަދު ފާތިހު، ފުލުހުންގެ ވަޒީފާއިން ވަކިވި ތާރީހާ މެދު ސުވާލު އުފައްދަވާ ނަޝީދު ދެއްކެވި ވާހަކަތައް ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ދޮގުކޮށްފި އެވެ.
ލ. ގަމަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ފާތިހު ހައްޔަރުކުރީ ބ. ދަރަވަންދޫންނެވެ. އޭނާއަކީ ކުރިން ފުލުހުގައި މަސައްކަތް ކުރި މީހެކެވެ. އޭނާ އެ ވަޒީފާއިން ވަކިވީ 2021 ވަނަ އަހަރު އަމިއްލައަށް އެދިގެން ކަމަށް ފުލުހުން ބުނެއެވެ. ފާތިހަކީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ހަތަރު ވަނަ މީހާ އެވެ. އޭނާއަކީ ހަމަލާ ދިނުމުގައި ދެން އުޅުނު މއ. ފޭރުގޭ މުޖާޒް އަހުމަދު ސައިކަލުގައި ގެންދިޔަ މީހާ އެވެ.
މޭ، ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހު ފުލުހުންގެ ބަންދުން ދޫކޮށްލީ ފާތިހަށް މިވަގުތު ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ނިންމެވި ނިންމެވުމާއި ގުޅިގެން އޮގަސްޓް 6، 2021 ގައެވެ.
ރައީސް ނަޝީދު ފޮރުވިގެން ހުންނަވާ ވިދާޅުވާން ބޭނުންފުޅުވާ ވާހަކަތަކަށް ހާއްސަ ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ދައުވާ ނުކޮށް ދޫކޮށްލާފައިވާ ފާތިހުއަކީ ބޮން ގޮއްވާލި މީހާ، އަދްހަމް އެކަންކޮށްފައި މާފަންނު ބޮނޑިބަތް ޕާކަށް ދިއުމުން އޭނާއަށް އެހެން ގަމީހެއް ގެނެސްދިން ސައިކަލްގެ ފަހަތުގައި އިން މީހާ ކަމަށެވެ.
"ފާތިހުއަކީ ފުލުހުންގެ ތެރޭގައި އުޅުނު މީހެއް. އޭނާ މޯލްޑިވްސް ޕޮލިސް ސާވިސް [އެމްޕީއެސް] އިން ވަކިކުރީ ބޮމްގެ ފަހުން،" ނަޝީދު ވިދާޅުވިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާތިހުއަކީ މެއި ހައެއްގެ ހަމަލާ ދިންއިރު އަދި ހައްޔަަރުކުރި އިރުވެސް ފުލުހުންގެ ވަޒީފާގައި ހުރި މީހެއް ކަމަށް ބުނެ ދައުރުވަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. ފާތިހު ފުލުހުންގެ ވަޒީފާއާ ގުޅުނީ ނޮވެންބަރު 25، 2018 ގައި ކަމަށާ ފެބްރުއަރީ 3، 2021 ގައި އޭނާ އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވެފައިވާ ކަމަށެވެ.
"މި މައްސަލަ ތަހުގީގު ކުރެވެމުންދިޔައިރު ތަހުގީގު ހިނގާ ނުހިނގާ ގޮތް ބެލުމަށް އެކުލަވާލެވުނު ހުރިހާ ފަރާތްތަކަކާ ދިވެހި ފުލުހުންގެ ހިދުމަތުން ވާނީ އަހުމަދު ފާތިހުއަކީ ހަމަލާ ދެވުނުއިރު އަދި ހައްޔަރު ކުރެވުނުއިރުވެސް ފުލުހުންގެ ވަޒީފާގައި ހުރި ފަރާތެއް ނޫންކަން ބަޔާންކޮށްފައެވެ. އަދި މި މައުލޫމާތު މީޑިއާތަަކަށްވެސް ކުރީން ވާނީ ފޯރުކޮށްދީފައެވެ،"
ފުލުހުންގެ ބަޔާނުގައި ވަނީ މޭ، ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހު ފުލުހުންގެ ބަންދުން ދޫކޮށްލީ ފާތިހަށް މިވަގުތު ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ނިންމެވި ނިންމެވުމާއި ގުޅިގެން ކަން ހަނދާން ކޮށްދީފައެވެ.