ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ބޮމުގެ ހަމަލާ ދިނުމުގައި ބައިވެރިވުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ އަހްމަދު ފާތިހަށް މިވަގުތު ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސެން ޝަމީމް ވިދާޅުވީ މިވަގުތައް ނިންމާފައި ވަނީ ފާތިހުގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށެވެ.
ހަމަލާ އާއި ގުޅޭ ތަހުގީގު މިހާރުވެސް ކުރިއަށް ދާ ކަމަށާއި ތަހުގީގުން ދައުވާ ކުރަންޖެހޭ ފަދަ ކަމެއް ފާހަގަވެއްޖެ ނަމަ ދައުވާ ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
"މިވަގުތައް ފާތިހަށް ދައުވާ ނުކުރަން ނިންމީ. ތަހުގީގު އަދިވެސް ކުރިއަށް ދާތީ މިކަމާ ގުޅޭ މައުލޫމާތު ހާމަކުރެވޭކަށް ނެތް. ފާތިހުގެ ފަރާތުން އަދިވެސް ބައެއް މައުލޫމާތުތައް ހޯދަން އެބަހުރި. އަޅުގަނޑު މިދެންނެވީ މި ބައިގަ އޭނާގެ މައްޗަށް ދައުވާ ނުކުރާ ވާހަކަ،" ޝަމީމް ވިދާޅުވި އެވެ.
ލ. ގަމަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ފާތިހު ހައްޔަރުކުރީ ބ. ދަރަވަންދޫ އިންނެވެ. އޭނާ އަކީ ކުރިން ފުލުހުގައި މަސައްކަތް ކުރި މީހެކެވެ. އޭނާ އެ ވަޒީފާއިން ވަކިވީ މިއަހަރު އަމިއްލައަށެވެ.
ފާތިހު އަކީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ހަތަރު ވަނަ މީހާ އެވެ. އޭނާ އަކީ ހަމަލާ ދިނުމުގައި ދެން އުޅުނު މއ. ފޭރުގެ މުޖާޒް އަހުމަދު ސައިކަލުގައި ގެންދިޔަ މީހާ އެވެ.
ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދަކީ ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލްގެ ވެރި ފަރާތެވެ. އޭނާ ވަނީ ސައިކަލްގައި ބޮން ހަރުކުރުމަށްވެސް އެހީތެރިވެދީފަ އެވެ. އަދި މި ހަމަލާ ދިނުމުގައި އިސް ދައުރެއް އޭނާ އަދާކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވެއެވެ.
މއ. ފޭރުގެ މުޖާޒް އަހުމަދަކީ ހަމަލާގެ ފަހުން އަދުހަމްގެ ހެދުން ބަދަލުކޮށް ފިލައިގެން މާލޭގައި އުޅުމަށް އެހީތެރިވެދިން މީހާ ކަމަށް ތަހުގީގަށް ވަނީ އެނގިފަ އެވެ. ފާތިހު ވަނީ މުޖާޒު، އަދުހަމް ކައިރިއަށް ގެންގޮސް ދިނުމުގައި އެހީތެރިވެދީފަަ އެވެ.
ޕީޖީ ވިދާޅުވެފައި ވަނީ ލިބިފައި ހުރި ހެކިތަކަށް ބަލާއިރު އަދުހަމް ފިލުވަން މަސައްކަތް ކުރީ މުޖާޒު ކަމަށެވެ. އަދުހަމް ފިލުވަން ފާތިހު މަސައްކަތް ކުރި ކަމުގެ އެއްވެސް ހެއްކެއް އަދި ނެތް ކަމަށް ވިދާޅުވި އެވެ.
ހަމަލާ އާއި ގުޅިގެން ހަތަރު މީހެއްގެ މައްޗަށް މިހާރު ވަނީ ދައުވާ ކުރަން ފޮނުވާފަ އެވެ. ހަމަލާއާ ގުޅިގެން ދައުވާ ކުރަން ފޮނުވާފައިވަނީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27) އެވެ.