މޯލްޑިވްސް ޕޮލިސް ސާވިސް

ފާތިހުގެ ބަންދަށް 15 ދުވަސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ބޮމުގެ ހަމަލާގައި ދިނުމުގައި ބައިވެރިވުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ އަހްމަދު ފާތިހުގެ ބަންދަށް 15 ދުވަހުގެ މުއްދަތު މިއަދު ޖަހައިފި އެވެ.

ލ. ގަމަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ފާތިހު ރޭގެ ވަގުތެއްގައި ހައްޔަރުކުރީ ބ. ދަރަވަންދޫ އިންނެވެ.

އޭނާ އަކީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ހަތަރު ވަނަ މީހާ އެވެ. ނަމަވެސް އެ ހަމަލާ އާއި އޭނާ އާއި އޮތް ގުޅުން ފުލުހުން ހާމަކޮށްދީފައެއް ނުވެ އެވެ. އޭނާ އަކީ ހަމަލާ ދިން ތަނުގައި ސައިކަލު ބެހެއްޓި މީހާ ކަމަށް މައުލޫމާތު ލިބެ އެވެ.

މި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ގެންދަނީ ރާއްޖޭގެ އެކި ސަރަަހައްދުގައި އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އައްޑޫ އިން ހައްޔަރުކޮށްފައިވާ ނުވަ މީހުން، ރައީސް ނަޝީދަށް ދިން ހަމަލާއާއި އެއްވެސް ގުޅުމެއް ވޭތޯ ފުލުހުން ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ އާއި ހުޅިގެން މީގެ ކުރިން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ އައިއީޑީ ގޮއްވާލި ކަމުގެ ތުހުމަތު އޮތް ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދާއި މއ. ފޭރުގެ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. އަދި މުޖާޒް އަކީ އެ ހަމަލާއަށް ފަހު އަދުހަމްއާ ބައްދަލުކުރި މީހެކެވެ.