މެއި ހަވަނަ ދުވަހުގެ ޓެރަރިސްޓް ހަމަލާއަކީ ރަައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ބަޔަކު ފަންޑުކޮށްގެން ދިން ހަމަލާއެއް ކަމަށާ އެ ހަމަލާއަކީ ތިން މިލިއަން ޑޮލަރުގެ ޓާސްކެއް ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް އޭނާގެ ރަހުމަތްތެރިއަކު މައުލޫމާތު ދީފައިވާ ކަމަށް އޭނާއާ ހަވާލާދީ އެމްޑީޕީގެ "މެއި ހައެއް ކޮމެޓީ" އިން ބުނެފި އެވެ.
އެ ކޮމެޓީން މިހެން ބުނެފައިވަނީ މިރޭ އޮތް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. މި ފަހުން ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ ގައުމީ މަޖިލީސް ބާއްވަނީ "މެއި ހައެއް ކޮމެޓީ" ން އެ ހަފުތާއަކު ހޯދާ މައުލޫމާތުތައް ހިއްސާ ކުރުމަށެވެ.
ގައުމީ މަޖިލީހަށް މައުލޫމާތު ދެއްވަމުން ކޮމެޓީގެ މުގައްރިރު ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ ޓެރަރިސްޓް ހަމަލާއެއްދީ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު އިލްޔާސްގެ ރަހުމަތްތެރި އޭނާއާ ހިއްސާ ކޮށްފައިވާތީ އެކަމުގެ ތަފްސީލް ހޯދުމަށް ޖޫން މަހުގެ 29 ވަނަ ދުހު އެ ކޮމެޓީން އިލްޔާސާ ބައްދަލުކުރި ކަމަށެވެ.
ކޮމެޓީއަށް މައުލޫމާތު ދެއްވާ އިލްޔާސް ވިދާޅުވި ގޮތުގައި އޭނާގެ ރަހުމަތްތެރިއަކު ފޯނުން ގުޅާ މުހިންމު މައުލޫމާތެއް ހިއްސާކުރަން އޮތް ކަމަށް ދެންނެވި ކަމަށެވެ. އަދި އެއީ "އާޖެންޓް" ވާހަކައަކަށް ވުމުން މެއި ތިންވަނަ ދުވަހުގެ ރޭ އޭނާއާ ބައްދަލުކުރުމުން ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު ފަންޑުކޮށްފައިވާ މައުލޫމާތު ހިއްސާކުރި ކަަމަށެވެ.
"އިލްޔާސް ވިދާޅުވި މެއި މަހުގެ ތިންވަނަ ދުވަހުރޭ އިލްޔާސްގެ ރައްޓެއްސެއް ބައްދަލު ކުރަން އެދިގެން ފޯނު ކުރެއްވި ކަމާއި އެ ރޭ ބައްދަލުކުރަން އެދިވަޑައިގެންނެވި ކަމާއި އެއީ ވަރަށް މުހިންމު އާޖެންޓް ކަމެއް ކަމުގައި ވިދާޅުވުމުން އެރޭ 11:30 ހާއިރު އެ މީހާއާ އިލްޔާސް ލަބީބް ބައްދަލުކުރި ކަމަށް. ބައްދަލުކުރުމުން އޭނާ ވިދާޅުވި 'ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ތިން މިލިއަން ޑޮލަރުގެ ޓާސްކެއް' ދީފި ކަމަށް. އަދި އެ ޓާސްކުގައި މިހާރު [އޭރު] ހިނގަމުން ދަނީ އެޑްވާސް ޕޭމަންޓް ދިނުމުގެ ކަންކަން ކަމަށް،" އަފީފު ވިދާޅުވިއެވެ.
އަފީފު ވިދާޅުވީ ފަންޑު ކުރި މީހުން އެކަން ކުރަން ހޯދީ ހަރުކަށި ފިކުރުގެ ބައެއް ކަަމަށާ އެ މައުލޫމާތު ހަމަ އެ ރޭ ރަައީސް ނަޝީދަށް އިލްޔާސް އެރުވި ކަމަށެވެ. މައުލޫމާތު އެރުވީ ނަޝީދު ދިރިއުޅުއްވާ ކެނެރީއަށް ވަޑައިގެން ކަމަށާ އެ މަައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް ހިއްސާ ކުރެއްވުމަށް ރައީސް ނަޝީދު އެދިވަޑައިތުމުން އެ މައުލޫމާތު އަނެއް ދުވަހު މާރިޔާއާ ހިއްސާ ކުރެއްވި ކަަމަށެވެ.
"މި މައުލޫމާތު ލިބުމުން އިލްޔާސް ލަބީބް ރައީސް ނަޝީދަށް ގުޅުއްވާ މި މައުލޫމާތު އެރުވުމަށް ފުރުސަތެއް ހޯދާ އެގެއަށް ވަޑައިގެން ރައީސް ނަޝީދަށް އެ މައުލޫމާތު ދެއްވި. އަދި ރައީސް ވިދާޅުވީ މި މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާއަށް އެރުވުމަށް. ދެން ހަމަ އެރޭ އެވަގުތު މާރިޔާއަށް ގުޅި ކަަމަށް. އެހެން ނަމަވެސް މާރިޔާއެއް ފޯނެއް ނުނަންގަވާ ކަަމަށް. އެއީ ރޯދަ މަސް ކަމުން އަވަހާރަލައްޕާއި އޮންވެދާނެ ކަމަށް އިލްޔާސް ވިދާޅުވި. ދެން މެއި ހަތަރުވަނަ ދުވަހު ހެނދުނު ހަތެއް ޖެހިއިރު މާރިޔާ ގުޅުއްވި ކަަމާއި އަދި ފަހުން އިލްޔާސް ލަބީބް މާރިޔާއަށް ގުޅުއްވާފައި މި ވާހަކަތައް ދެންނެވި. ދެން މާރިޔާ ވިދާޅުވި ކަމަށް ރައީސް ނަޝީދުގެ ސެކިއުރިޓީ ލެވަލް ހުރީ އެންމެ ހަޔަސްޓް [އެންމެ މަތީގައި] ކަމަށް،" އިލްޔާސްއާ ހަވާލާދީ އަފީފު ވިދާޅުވިއެވެ.
އަފީފު ވިދާޅުވީ "މެއި ހައެއް ކޮމެޓީ" ން ޖޫން މަހުގެ 27 ގައި ޑިފެންސް މިނިސްޓްރީއަށް ގޮސް މިނިސްޓަރު މާރިޔާއާ ބައްދަލުކޮށްފައިވާ ކަމަށެވެ. ކޮމެޓީން އެދުނީ މިނިސްޓަރު ހިމެނިވަޑައިގަންނަވާހެން ސިފައިންގެ އިސްވެރިންނާއި ބައްދަލު ކުރެއްވުމަށް ނަމަވެސް ސިފައިންގެ ގާނޫނު އެކަމަށް ތަންނުދޭ ކަމަށް ވިދާޅުވެ ބައްދަލު ކުރެއްވީ މާރިޔާ ދީދީ އެކަނި ކަމަށެވެ.
އެ ބައްދަލްވުމުގައި ގާނޫނާއި އެއްގޮތަށް ރައީސް ނަޝީދަށް ސެކިއުރިޓީ ފޯރުކޮށް ދެމުން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވެ އެކަމުގެ ތަފްސީލް ދެއްވި ކަމަށް ހަސަން ވިދާޅުވިއެވެ.
އަދި ކޮމިޝަނަރު އޮފް ޕޮލިސް ހިމެނިވަޑައިގަންނަވާހެން ފުލުހުންގެ އިސް ބޭފުޅުންނާއިވެސް ބައްދަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މެއި ހައެއްގެ ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތާއި އަދި ތަހުގީގުގެ މައިގަނޑު ދާއިރާތައް ކޮމިޝަނަރު ތަފްސީލް ކޮށްދެއްވި ކަމަށްވެސް ހަަސަން ވިދާޅުވިއެވެ.
"އަދި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ގާނޫނުގައިވާ މުއްދަތު ހަމަވާން ގާތްވެފައިވާ މައްސަލަ ޝަރީއަތަށް ހުށައެޅުމަށް ވާންޖެހޭ ތައްޔާރީތައްވުމަށް ހުރި ކަންކަން ޕްރޮސެކިއުޝަންއާއެކު ކޭސް ފައިލް ތައްޔާރު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވި،"
ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން ފަސް މީހަކު ހައްޔަރު ކޮށްފައިވެއެވެ. ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.
ހަމަލާގެ އިސް މީހަކީ އަދުހަމް ކަމަށް ފުލުހުން ބުނެ އެވެ. ހަމަލާ ދިނުމަށް ބޭނުންކުރި އައިއީޑީ ގޮއްވާލާފައިވަނީ އަދުހަމް އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. ފާތިހް އަކީ ހަމަލާ ދިން ތަނުގައި ސައިކަލް ބެހެއްޓި މީހާ އެވެ. މުޖާޒް ހައްޔަރުކޮށްފައިވަނީ ހަމަލާ ރޭވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގަ އެވެ.
އަދުހަމް ހައްޔަރުކުރީ އޭނާ ދިރިއުޅޭ ހުޅުމާލޭގެ ފްލެޓް (95-ޖީ-02) ގައި ހުއްޓާ މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. މުޖާޒް ހައްޔަރުކުރީ އަލިކިލެގެފާނު މަގުގައި ހުރި ގ. ފެހިދޯދިގޭގައި ކުއްޔަށް ދީފައިވާ ތަނަކުން މިދިޔަ މެއި މަހުގެ އަށްވަނަ ދުވަހު އެވެ. ހުޅުމާލެ އިން ތަހުމީން ވެސް ހައްޔަރުކުރީ މެއި މަހުގެ އަށްވަނަ ދުވަހު އެވެ. ބ. ދަރަވަންދޫ އިން ފާތިހު ހައްޔަރުކުރީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހުގެ ރެ އެވެ.
ހަމަލާއާއި ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވާ ފަސްވަނަ މީހަކީ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް 27، އެވެ.
ހަމަލާއާއި ގުޅިގެން ފުލުހުން ފަސްވަނަ މީހަކު ހައްޔަރު ކޮށްފައިވާ ކަން އެންމެ ފުރަތަމަ ހާމަކުރީ މިދިޔަ މަހުގެ ހަވަނަ ދުވަހު އެވެ. އެކަމަކު އެ ދުވަހު ފުލުހުން ހައިޝަމްގެ ވަނަވަރު އާންމު ކޮށްފައެއް ނުވެ އެވެ. ހައިޝަމްގެ މައުލޫމާތު ހާމަކުރީ ޖޫން 30 ގައި އިއްޔެ އެވެ.