ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވަޑައިގަންނަވާނެ ސީދާ ތާރީހެއް އަދި ނެތް: ކޮމެޓީ

އަންނަ މަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ އާއިލާއިން ކުރީން ހާމަކުރި ނަމަވެސް ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ސީދާ ތާރީހެއް އަދި ސާފުވެފައި ނެތް ކަމަށް އެމްޑީޕީގެ މެއި ހައެއް ކޮމެޓީން ބުނެފި އެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި މެންބަރުން ވަނީ ރަައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވާ ތާރީހަކާއި ގުޅޭގޮތުން މެއި ހައެއް ކޮމެޓީގެ މުގައްރިރާ ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މުގައްރިރު ހަސަން އަފީފް ވިދާޅުވީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ސީދާ ތާރީހެއް އަދި ސާފުވެފައި ނެތް ކަމަށެވެ. އެމަނިކުފާނުވެސް އަދި އާއިލާއިންވެސް އެ ތާރީހު ޔަގީން ކޮށްދެއްވާފައިނުވާ ކަމަށެވެ.

އަފީފު ވިދާޅުވީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވަންވާނީ އެމަނިކުފާނަށް އެކަށީގެންވާ ސެކިއުރިޓީ ހަމަޖެހި އެކަމުގެ ޔަގީންކަން ލިބިވަޑައިގަތުމުން ކަމަށެވެ.

ރައީސް ނަޝީދުގެ ބޭބޭފުޅު ޑރ. އިބްރާހިމް ނާޝިދު އަވަސް އަށް ކުރީން ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރު ފެށުމުގެ ކުރިން އެމަނިކުފާނަށް ރާއްޖެ ވަޑައިނުގެންނެވޭނެ ކަމަށެވެ. އެއީ އެމަނިކުފާނުގެ ކަކުލަށް ލިބިފައިވާ އަނިޔާ ރަނގަޅުނުވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް ސެޕްޓެމްބަރު މަހުގައި ރައީސް ނަޝީދު ރާއްޖެ ވަޑަގަންނަވާނެ ކަމަށް ބެލެވޭ ކަމަށާއި އަދި ތާރީހެއް ނުނިންމާ ކަމަށް ވެސް ވިދާޅުވި އެވެ. ނާޝިދު ވިދާޅުވީ ރައީސް ނަޝީދުގެ ހާލުކޮޅު ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށެވެ.

ރައީސް ސޯލިހް އިއްޔެ ވިދާޅުވީ ރައީސް ނަޝީދަށް މޭ ހައެއްގައި ލިބުނު އަނިޔާތަކުން ފަސޭހަވެ، މިނިވަންކަމާ އެކުގައި ރާއްޖޭގެ ދިރިއުޅޭ މަންޒަރު ދެކެވަޑައިގަންނަވަން ބޭނުންވާ ކަމަށެވެ. ރައީސް ވިދާޅުވީ ނަޝީދު އަނބުރާ ރާއްޖެ ވަޑައިގަތުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެކަމަށް ހުރަސްނާޅުއްވާނެ ކަމަށާއި އެދިވަޑައިގަންނަވަނީ ވީހާވެސް އަވަހަށް ނަޝީދު ރާއްޖެ ވަޑައިގެން ގައުމީ ހިދުމަތުގައި މަސައްކަތް ކުރެއްވުން ކަމަށެވެ.

ސަރުކާރާއި އެމްއެންޑީއެފްއިން ފޯރުކޮށްދެންޖެހޭ ރައްކާތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށާއި މިހާރު ވެސް ސަލާމަތީ ހިދުމަތްތަކުގެ ސެކިއުރިޓީ ދޭންޖެހޭ ފަރާތްތަކަށް ރައްކާތެރިކަން ދިނުމަށްޓަކައި ކުރަންޖެހޭ އިތުރު ހޯދުންތައް ހޯދައި ބޭނުންވާ އާލާތްތައ ހޯދައި އެސްއޯޕީތައް ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީގެ ރިކޮމެންޑޭޝަންތަކަށް ސަރުކާރުން އަމަލު ކުރަން ރާވާފައިވާ ގޮތް އެނގުމުން ނޫނީ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަތުމުން ރަނގަޅު ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

ހަސަން ވިދާޅުވީ މަޖިލީހުން ހިންގި އިންކުއަރީގެ ރިކޮމެންޑޭޝަންތަކަށް ސަރުކާރުން އަމަލު ކުރަން ރާވާފައިވާ ގޮތް އެނގުމުން ނޫނީ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަތުމުން އޭނާ އެދޭނެ އަދި ރުހޭނެ ކަމެއްވެސް ނޫން ކަމަށެވެ.

"ބޮން ގޮއްވާލުމުގެ ކުރީން ސަަރުކާރަށް އެނގިފައި ހުރި ކަންކަމަށް އަމަލުކޮށްފައި ހުރި ގޮތުން މި ގޮތަށް ދަންނަވަން ޖެހުނީ،" ސަބަބު ހާމަކުރައްވާ ހަސަން ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ފުން ޒަހަމުތަކެއް ލިބިވަޑައިގެންނެވިއިރު މަޖިލީހުން ވަނީ އެމަނިކުފާނަށް ދެމުންދިޔަ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެއް ހަދާފައެވެ. އެ އިންކުއަރީގައި ހަމަލާގެ މައުލޫމާތު ކުރީން ލިބިފައިވީނަމަވެސް އެކަށީގެންވާ ސީރިއަސް ގޮތެއްގައި އެކަން ބަލާ ފިޔަވަޅު އަޅާފައިނުވާކަން ފާހަގަކޮށްފައިވެއެވެ.