އެމްޑީޕީގެ ގައުމީ މަޖިލިސް

ގައުމީ މަޖިލީހުގައި ބައިވެރިނުވާ މެންބަރުން ހާމަކުރަން އެދެފި

Jul 2, 2021
2

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން އެއްޗެއް ވިދާޅުވާން ކެރިވަޑައިނުގަންނަވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަކީ ކޮބައިކަމާއި ގައުމީ މަޖިލީހުގެ ބައްދަލްވުންތަކުގައި ބައިވެރިވެވަޑައިނުގަންނަވާ މެންބަރުންނަކީ ކޮބައިކަން އެ ޕާޓީގެ އާންމު މެންބަރުން އެނގެން ބޭނުންވާ ކަމަށް އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ފާރަވެރިވުމަށް ހާއްސަ ކޮމެޓީއެއް އެމްޑީޕީން ވަނީ އުފައްދާފައެވެ. އެ ކޮމެޓީން ކޮންމެ ހަފްތާއަކު ކުރާ މަސައްކަތްތަކުގެ ތަފްސީލް ގައުމީ މަޖިލީހަށް ހާމަކޮށްދޭން ޖެހޭތީ ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ ގައުމީ މަަޖިލީސް އެއްވެއެވެ.

މިދިޔަ ތިން ހަފްތާގައިވެސް ގައުމީ މަޖިލީސްގެ ބައްދަލްވުންތައް ކުރިއަށް ގެންގޮސް "މޭ ހައެއް ކޮމެޓީ" ގެ މަސައްކަތްތަކާއި ހޯދުންތައް އެ މަޖިލީސްގެ މެންބަރުންނާއި ހިއްސާކުރެއެވެ. އާންމުންނަށް ފެންނާނެހެން ވަގުތުން ކުރިއަށް ގެންދާ މި ބައްދަލްވުންތަކުގައި ގައުމީ މަޖިލީހުގެ މެންބަރުންނަށް "މޭ ހައެއް ކޮމެޓީ" އާ ސުވާލު ކުރުމުގެ ފުރުސަތާއި ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ފުރުސަތު ދެއެވެ.

ނަމަވެސް ކޮންމެ ބައްދަލްވުމެއްގައިވެސް ވާހަކަ ދައްކަވަނީ އެއް މެންބަރުންތަކެކެވެ. އެއީ ރައީސް ނަޝީދަށް ވަރަށް ވަފާތެރި މެންބަރުންނެވެ. ގައުމީ މަޖިލީހުގައި މަޖިލީސް މެންބަރުންނާއި އެމްޑީޕީ ތަމްސީލު ކުރައްވާ ވަޒީރުން ހިމެނިވަޑައިގަތަސް މިހާތަނަށް އެއްވެސް ވަޒީރަކު އެއިން ބައްދަލްވުމެއްގައި ވާހަކަ ދައްކަވާފައެއް ނުވެއެވެ. އަދި ރައީސް ސޯލިހަށް ވަފާތެރި ވަރަށް މަދު މެންބަރަކު ނޫނީ ވާހަކައެއް ނުދައްކަވައެވެ. ވާހަކަ ދެއްކެވި ދެ މެންބަރަކުވެސް ވާހަކަ ދެއްކެވީ ވަރަށް ކުރުކުރުކޮށެވެ. އެކަންބޮޑުވުމާއި ހިތްހަމަނުޖެހުން ގައުމީ މަޖިލީހުގައި ވަރަށް ބޮޑަށް އޮވެއެވެ.

ސަތޭކަ އެތައް މެންބަރުންނެއް ތިއްބަވާ ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ 60 މެންބަރުންނެވެ. ވާހަކަ ދެއްްކެވީ 15 ވަރަކަށް މެންބަރުންނެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ޝިފާ މުހައްމަދު ވިދާޅުވީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެއްޗެއް ވިދާޅުވާން ކެރިވަޑައިނުގަންނަވާ ބޭފުޅުން ގައުމީ މަޖިލީހުގައި އެބަތިއްބެވި ކަމަށެވެ. އަދި ގައުމީ މަޖިލީހުގެ މުހިންމު ބައްދަލްވުންތަކުގައި ބައިވެރިނުވާ މެންބަރުންވެސް އެބަތިއްބެވި ކަމަށެވެ. އެއީ ކޮން މެންބަރުންނެއްކަން ގްރާސްރޫޓް --އާންމު މެންބަރުން-- އަށް އެނގެން ބޭނުންވާ ކަމަށް ޝިފާ ވިދާޅުވިއެވެ. އަދި އެކަން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުގެ ސަމާލު ކަމަށް ރޭ ގެންނެވިއެވެ.

"ގައުމީ މަޖިލީހުގެ ތެރޭގައި މިކަމާ [ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ] ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން ކެރިވަޑައިނުގެން އަދި ހަމަ އެހެންމެ ގައުމީ މަޖިލީހުގެ މި ބައްދަލްވުންތަކުގައި ބައިވެރިވެވަޑައިނުގަންނަވާ ބޭފުޅުންނަކީ ކޮބައިކަން އަދި ހާޒިރުވެވަޑައިގެން ތިއްބަވާ ބޭފުޅުންނަކީ ކޮބައިކަން އާންމު ރައްޔިތުން ވަރަށް ބޮޑަށް އެނގެން ބޭނުންވާކަން ޗެެއާ [ޗެެއާޕާސަން ހަސަން ލަތީފް] އާއި އެހެން ބޭފުޅުންގެ މައުލޫމާތުތަކަށްޓަކައި ދަންނަވާލަން،"

ޝިފާގެ އެ ވާހަކަތަކަށް ހަސަން ވަކި ޖަވާބެއް ދެއްވާފައެއް ނުވެއެވެ. ރޭގެ ބައްދަލްވުމުގައި ޝިފާ އެކަން ސަމާލު ކަމަށް ގެނެސްފައިވާއިރު ބައްދަލްވުންތަކުގައި ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ވަޒީރުން ބައިވެރިވެވަޑައިގެން ވާހަކަފުޅު ނުދައްކަވާތީ އެމްޑީޕީގެ ބައެއް މެންބަރުން ކުރީންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަދި އެ ދާއިރާގެ އެމްޑީޕީގެ ރައީސް ހަސަން ޝިޔާން ވަނީ ބައްދަލުވުންތަކުގައި އެމްޑީޕީގެ ވަޒީރުން ބައިވެރިވެވަޑައިގެން ވާހަކަ ނުދައްކަވާތީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

ޝިޔާން ވިދާޅުވީ ގައުމީ މަޖިލީހުގެ ބައްދަލުވުންތަކުގައި ޕާޓީގެ އިސް ބޭފުޅުން އަދި ވަޒީރުން އެއްވެސް އެއްޗެއް ވިދާޅު ނުވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި މި މައްސަލައަށް އޮތް އިހުމާލު އެކަމުން ހާމަވާ ކަމަށެވެ.

"އެމަނިކުފާނަށް [ރައީސް މުހައްމަދު ނަޝީދު] އެވަރުގެ ބޮޑު އަނިޔާއެއް ބަޔަކު ދީގެން އުޅޭއިރުގައި މިކަމުގެ ހައްސާސްކަން މި ވާހަކަތައް ރައްޔިތުންނަށް ސާފުކޮށްދީ ހެދުން އެއީ މުހިންމު ކަމެއް. މިކަމަށް އިހުމާލުވުން އޮތްލެއް ބޮޑު ކަން އަޅުގަނޑުމެންނަށް މި ފެނިގެން ދަނީ މީގެ ތެރެއިން މި ޕާޓީގެ ވެސް ގިނަ އަދަދެއްގެ ބަޔަކު މިކަން މިއީ ބޭނުން ވެގެން އުޅޭ ގޮތެއް ކަމަށް އަޅުގަނޑުމެންނަށް އެބަ ސިފަވޭ. އާންމު ރައްޔިތުން އެބަ ގަބޫލު ކުރޭ މި ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ގިނަ ބޭބޭފުޅުން މިފަދަ ބައްދަލްވުންތަކުގައި އެއްޗެކޭ ވިދާޅު ނުވާތީ، އެންމެ ފަހުން ބޭއްވުނު ގައުމީ މަޖިލީހުގެ ޖަލްސާގައި ވެސް އަޅުގަނޑަށް ފާހަގަ ކުރެވުނު ސަރުކާރުގެ އެއްވެސް ވަޒީރަކު އެއްވެސް އެއްޗެކޭ ވިދާޅެއްނުވި،" ޝިޔާން ވިދާޅުވި އެވެ.