ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދުވެސް ވާދަކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އަވަސްގެ "ސުވާލަކަށް ފަހު ސުވާލެއް" ޕްރަގްރާމްގައި ބައިވެރިވެވަޑައިގެން އުމަރު ވަނީ އެމްޑީޕީގައި އޮތް ހިޔާލު ތަފާތުވުންތަކާއި ގުޅޭގޮތުން ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެމްޑީޕީއާ ދެކޮޅަށް އަބަދުވެސް ވާހަކަ ދައްކަވާ އުމަރު ވިދާޅުވި ގޮތުގައި ދެ ރައީސުންގެ މެދުގައި ރަނގަޅު ގުޅުމެއް އޮތް ކަމަށް ބައެއް އާންމު މެންބަރުން ދެކުނު ނަމަވެސް އެމްޑީޕީ އޮތީ ދެބައިވެ ފެކްޝަން އުފެދިފައެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ ވާދަވެރިން ދެ ރައީސުންގެ މެދުގައި އޮތް ކަމަށްވެސް ވިދާޅުވިއެވެ. އެ ވާދަވެރިކަމުގައި ކުރި ހޯއްދަވާނީ ރައީސް ސޯލިހު ކަމަށާ ރިޔާސީ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައެޅުމަށް ޕްރައިމަރީއެއް ބޭއްވުމަށްވެސް ރައީސް ސޯލިހު ހުރަސް އަޅުއްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އެ ހިސާބުން އިންތިހާބުގައި ވާދަކުރުމާމެދު ރައީސް ނަޝީދު ގޮތް ނިންމަވާނެ ކަމަށާ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ނުވަތަ އެހެން ޕާޓީއެއް އުފައްދަވައިގެންވެސް ރިޔާސީ ރޭހަށް ނަޝީދު ނިކުންނަވާފާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
"އެމްޑީޕީ އެ އޮތީ ދެ ފެކްޝަނަކަށް ބައިވެފައި. އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހާސިލުކުރައްވާނީ އިބްރާހިމް މުހައްމަދު ސޯލިހް. ޕްރައިމަރީއެއް ނުބާއްވާނެ. ޕްރައިމަރީއެއް ނުބާއްވާ ރިޔާސީ ޓިކެޓް ނަގާނީ އިބްރާހިމް މުހައްމަދު ސޯލިހް. އެއީ ޑިމޮކްރަޓިކް އުސޫލެއް ނޫން. އެކަމަކު އެކަން ހިނގާނީ އެ މަގުން. އެކަން ހިނގީމާ ނަޝީދު ކުރިމަތިލައްވާނެ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނުވަތަ އަމިއްލަފުޅަށް އެހެން ޕާޓީއެއް ހައްދަވައިގެން ނަމަވެސް ކުރިމަތިލައްވާނެ. އެހެންވީމަ ރިޔާސީ ރޭހުގެ ފުރަތަމަ ބުރުގައި އަޅުގަނޑުމެންނަށް ފެންނާނެ އެމްޑީޕީގެ ދެ ފެކްޝަން ވަކިން ވާދަކުރާ މަންޒަރު،" އުމަރު ވިދާޅުވިއެވެ.
އެމްޑީޕީ އެ އޮތީ ދެ ފެކްޝަނަކަށް ބައިވެފައި. އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހާސިލުކުރައްވާނީ އިބްރާހިމް މުހައްމަދު ސޯލިހް. ޕްރައިމަރީއެއް ނުބާއްވާނެ. ޕްރައިމަރީއެއް ނުބާއްވާ ރިޔާސީ ޓިކެޓް ނަގާނީ އިބްރާހިމް މުހައްމަދު ސޯލިހް. އެއީ ޑިމޮކްރަޓިކް އުސޫލެއް ނޫން. އެކަމަކު އެކަން ހިނގާނީ އެ މަގުން. އެކަން ހިނގީމާ ނަޝީދު ކުރިމަތިލައްވާނެ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނުވަތަ އަމިއްލަފުޅަށް އެހެން ޕާޓީއެއް ހައްދަވައިގެން ނަމަވެސް ކުރިމަތިލައްވާނެ. އެހެންވީމަ ރިޔާސީ ރޭހުގެ ފުރަތަމަ ބުރުގައި އަޅުގަނޑުމެންނަށް ފެންނާނެ އެމްޑީޕީގެ ދެ ފެކްޝަން ވަކިން ވާދަކުރާ މަންޒަރުއުމަރު ނަސީރު | ކުރީގެ ހޯމް މިނިސްޓަރު
އުމަރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް އެއް ހާލަތެއް ކުރިމަތިވާ މަންޒަރު ފެންނަނީ ޕާޓީތަކުގެ އެތެރޭގައި ޑިމޮކްރަސީ ނޯންނާތީ ކަމަށެވެ. އެވަގުތަކު ބާރު އޮންނަ ބޭފުޅަކު ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕަވާ އެހެން އެންމެން އެއްކައިރި ކުރައްވާތީ ކަމަށެވެ.
އެމްޑީޕީގެ ކޮންޓްރޯލް ރައީސް ނަޝީދަށް ގެއްލުނީވެސް އެ އުސޫލުން އަމަލު ކުރުމުން ކަމަށްވެސް ވިދާޅުވިއެވެ. ޕްރައިމަރީއެއް ނެތި ރިޔާސީ ޓިކެޓް ހޯއްދެވުމަށް ރައީސް ސޯލިހު ދައްކަވާނެ އުޒަރަކީ 2013 އަދި 2018 ގައިވެސް ރިޔާސީ ޕްރައިމަރީއެއް އެމްޑީޕީން ބާއްވާފައި ނެތުން ކަމަށް އުމަރު ވިދާޅުވިއެވެ.
ދެ ރައީސުން އަލުން ގުޅިގެން މަސައްކަތް ކުރައްވާނެ ހަމައެކަނި ހާލަތަކީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމުމުން ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އަދި ދެ ރައީސުން ގުޅިގެން މަސައްކަތް ކުރެެއްވި ނަމަވެސް ދެން އޮތް އިންތިހާބު އެ ޕާޓީއަށް ކާމިޔާބު ކުރެވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ވިދާޅުވިއެވެ.
"ބޮޑެތި ވައުދުތަކުން އެއްވެސް ވައުދެއް ނުފުދުނު. ގޯތިގެދޮރުގެ މައްސަލައަށް ހައްލެއް ގެނެސް ނުދިން. ކޮރަޕްޝަންގެ މައްސަލަތަކަށް ހައްލެއް ގެނެސް ނުދިން. މަސްތުވާތަކެތީގެ މައްސަލަ ހައްލެއް ނުކުރެވުނު. ޓެކްސްތައް ކުޑައެއް ނުކުރި. ސަރުކާރުގެ ހަރަދުތައް ބޮޑުކޮށް އެ މީހުންގެ މީހުންނަށް ބަދަލުގެ ގޮތުގައި މިލިއަނުން މިލިއަނުން ދެމުން އެދަނީ. އެހެންވީމަ އެމްޑީޕީ މިހާރު އެ ވަނީ ވަރަށް ބޮޑަށް ކޯނާވެފައި. އެހެންވީމަ އެމްޑީޕީއަށް ދެން އިންތިހާބު ކާމިޔާބުވުމަކީ ވަރަށް ނާދިރު ކަމެއް،" އުމަރު ވިދާޅުވިއެވެ.