ހަބަރު

"ވެރިކަމަށް އަންނަން އެހީތެރިކަަން ހޯދަން ލަދުވެތި ނުވި"

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުން އިސްތިއުފާ ދެއްވި އަބްދުﷲ ފައިރޫޝްއަށް، ވެރިކަން ކުރާ އެމްޑީޕީގެ ބައެއް އިސް ބޭފުޅުން އަމާޒު ކުރަމުންދާ ފާޑުކިޔުންތަކަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ފާޑު ވިދާޅުވެއްޖެ އެވެ.

ފައިރޫޝްއަށް އެމްޑީޕީން ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާއިރު ފައިރޫޝްގެ އިސްތިއުފާގެ ފަހަތުގައި ވަނީ ދާދި ފަހުން ފުލުހުންގެ ގާނޫނަށް ގެނައި އިސްލާހު ކަމަށް ގިނަ ބަޔަކު ދެކެއެވެ. ފައިރޫޝް އިސްތިއުފާ ދިނުމުން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވަނީ އުފާފާޅުކޮށްފައެވެ. އަދި އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި އެކްޓިވިސްޓުން ގެންދަނީ ފައިރޫޝްއަކީ "ބަޣާވާތް" ކުރި ބޭފުޅެއް ކަމަށް ވިދާޅުވެ އިސްތިއުފާ ދިނަސް އެ މައްސަލަ ބަލަން ޖެހޭނެ ކަމަށް ބުނަމުންނެވެ.

އެކަމަށް އިޝާރާތް ކުރައްވާ ކުރިން ޑެޕިއުޓީ އެޓާނީ ޖެނެރަލް ކަން ކުރެއްވި ވިލިމާލެ ދާއިރާގެ މިހާރުގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ ވެރިކަން ހޯދަން އުޅުނުއިރު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި ތިބި ބޭފުޅުންގެ އެހީތެރިކަން ހޯދުން ލަދުވެތި ކަމަކަށް ނުވި ކަމަށެވެ. ފަައިރޫޝްއަށް އަލުން ފުލުހުންގެ ވަޒީފާ ލިބި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ދެއްވީވެސް މި ސަރުކާރުން ކަމަށް އުޝާމް ވިދާޅުވިއެވެ. އަދި ހުރިހާ ބާރުތަކެއް ލިބުމުން އަނެއްކާވެސް ފައިރޫޝް ގޯސްވެއްޖެ ކަމަށް ވިދާޅުވެ އުޝާމް ވަނީ ފާޑުވިދާޅުވެފައެވެ.

2018ގަ ވެރިކަން ހޯދަން އުޅުނުއިރު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިތިބި ފައިރޫޝް ފަދަ ބޭފުޅުންގެ އެހީތެރިކަން ހޯދުން ލަދުވެތި ކަމަކަށް ނުވި. ވެރިކަން ލިބުމުން ފައިރޫޝްއަށް އަލުން ވަޒީފާދިނީވެސް މި ސަރުކާރުން. މިއަދު ހުރިހާ ބާރުތަކެއް ލިބުމުން އަނެއްކާވެސް މި އޮތީ ފައިރޫޝް ގޯސްވެފަ
އަހުމަދު އުޝާމް | ވިލިމާލެ ދާއިރާގެ މެންބަރު

ފައިރޫޝް ރިޓަޔާވެވަޑައިގަތުމުން ފުލުސް ކޮމިޝަނާ ހަމީދު ފައިރޫޝަށް ޝުކުރު އަދާ ކުރެއްވުމުން އެމްޑީޕީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުންނާއި އެމްޑީޕީގެ އެކްޓިވިސްޓުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އެމްޑީޕީގެ ތައުރީފު އަބަދުވެސް އޮންނަ ހަމީދު އޭނާއާއެކުގައި މަސައްކަތް ކުރެއްވި ފައިރޫޝްގެ ހިދުމަތަށް ޝުކުރު އަދާކޮށް ޓްވީޓް ކުރެއްވުން ވެގެން ދިޔައީ އެމްޑީޕީ ރުޅި ފަޅައިގެންދިޔަ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އޮޕަރޭޓު ކުރައްވާ ކަމަށް އާންމުންގެ ތުހުމަތު އޮންނަ ޓްވިޓާ އެކައުންޓަކުން ވެސް ހަމީދުގެ އެ ޓްވީޓަށް ރައްދު ދީ "ބަޣާވާތަށް ޝުކުރު އަދާ ނުކުރަންތޯ" ސުވާލު ކޮށްފައި ވެއެވެ.

މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ "ހަމީދު ލަދުގަންނަން ޖެހޭ" ކަމަށް ވިދާޅުވެ އެ ޓްވީޓަށް ރައްދު ދެއްވާފަ އެވެ. އަދި މި ނޫނަސް ބައިވަރު ފާޑިކިޔުން ފުލުސް އިދާރާ އާއި ހަމީދަށް އައިސްފައިވެ އެވެ.

ފެބުރުއަރީ 7 ގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމުން އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމާއި ހަވާލުވެވަޑައިގަތީ ފައިރޫޝެވެ. އެއީ އޭރުގެ ކޮމިޝަނަރު އަހުމަދު ފަސީހު އިސްތިއުފާ ދެއްވުމުން ފުލުހުންގެ އެންމެ މަތީ ބޯޑުގައި ކުރި މަޝްވަރާތަކުގައި އެކްޓިން ސީޕީގެ މަގާމަށް ވަޑައިގަންނަވާނެ ބޭފުޅަކު ނުވެގެނެވެ. ނަމަވެސް އެމްޑީޕީން ދެކޭ ގޮތް ތަފާތެވެ. އެ ޕާޓީން ދެކޭ ގޮތުގައި ފައިރޫޝް އެ ދުވަހު "އަޑިނޭންގޭ" ކަންތައްތަކެއް ކުރެއްވި އެވެ. ބަޣާވާތުގައި އޭނާގެ ދައުރެއް އޮތެވެ.