އެމްޑީޕީ

ފުލުހުންގެ ބިލު ތަސްދީގު ކުރުމުން އެމްޑީޕީގެ މަރުހަބާ

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރެއްވުމުން އެމްޑީޕީގެ ރަައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސް ބޭފުޅުން އެކަމަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

މި ބިލުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތައް ބަޔާންކޮށްފައިވެއެވެ. މި ބިލުން ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަމަކީ ގާނޫނުއަސާސީއާއި، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކާއި ކަރާމަތަށް އިހްތިރާމުކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރު ކުރުމާއި، ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ގާނޫނު ނަގަހައްޓައި އަދި ތަންފީޒުކުރުމާއި، އަމާންކަމާއި ދާހިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ކުރަންޖެހޭ ކަންކަން ކުރުމުގެ ގާނޫނީ ބާރާއި އިހްތިޔާރު ފުލުހުންނަށް ފޯރުކޮށްދިނުން ހިމެނެއެވެ. ހަމައެހެންމެ، ރައްޔިތުންނާ ގުޅިގެން ހިދުމަތްދިނުން އިސްކޮށް، ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމުގެ ވައްޓަފާޅި ފުލުހުންގެ ހިދުމަތުގެ އެންމެހައި މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމާއި ފުލުހުންގެ ހިދުމަތުގެ އަމާޒާއި މަގްސަދާއި މަސްއޫލިއްޔަތާއި ހިދުމަތާއި ބާރާއި އިހްތިޔާރުތައް ގާނޫނުއަސާސީއާއި އިންސާނީ ހައްގުގެ ހަމަތަކުގެ ތެރެއިން އެކަށައަޅައި ބަޔާންކުރުމާއި ދިވެހި ފުލުހުންގެ ޚިދުމަތަކީ ލާމަރުކަޒީ އުސޫލުން ފޯރުކޮށްދޭ ހިދުމަތަކަށް ހެދުން މިބިލުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ފުލުހުންގެ ހިދުމަތުގެ ބިލް ތަސްދީގުކުރިއިރު މި ބިލާމެދު އިދިކޮޅު ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ބިލް ތަސްދީގު ކުރެއްވުމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ދިވެހި ފުލުހުންގެ ބިލްގައި ހިމެނިފައިވާ އިސްލާހުތަކަކީ ފުލުހުންގެ ތެރެއިން އެތަށް ބަޔަކާއި އެ މުއައްސަސާއާ އަދި އެތަށް ދިވެހި ރައްޔިތުންނެއް ނުހަނު އެދިއެދި ތިބި އިސްލާހުތަކެއް ކަމަށެވެ.

"މި ކަމުން [މި ބިލުން] ދިވެހި ފުލުހުންނަށް އޮތީ އުންމީދީ ކުރިމަގެއް،" ރައީސް ސޯލިހަށް މަރުހަބާ ވިދާޅުވެ ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު ފުލުހުންގެ ގާނޫނު ގެ ދަށުން ގާއިމުކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް"، މި ގާނޫނުގެ ދަށުން އުފައްދާ "ދިވެހި ފުލުހުންގެ ހިދުމަތް" އަށް ބަދަލުވާނެއެވެ. ނަމަވެސް "ދިވެހި ފުލުހުންގެ ހިދުމަތް" އަށް އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސާވިސް"ކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ. ބިލަށް އަމަލު ކުރަން ފަށާނީ މީގެ ތިން މަސް ފަހުންނެވެ.

ފުލުހުންގެ ހިދުމަތުގެ ހާއްސަ ސިފަތަކުގެ ތެރޭގައި ފުލުހުންނަކީ ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ، މަދަނީ އަދި ސަލާމަތީ ހިދުމަތެއްގެ ގޮތުގައި ހިމެނުމާއި، މުޅި ދިވެހިރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ހިދުމަތެއްގެ ގޮތުގައި ހިމެނުމާއި، އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް އިންތިޒާމުކުރެވިފައިވާ، އަދި ވަޒީފާއާބެހޭ ޤާނޫނުން އިސްތިސްނާ ލިބިގެންވާ ހިދުމަތެއްގެ ގޮތުގައި ވަނީ ކަނޑައެޅިފައެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި މި ބިލް މަޖިލީހަށް ހުށައެޅުއްވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލު ކުރަން ފެށުމުން ރައްޔިތުންނަށް ރައްކާތެރިކަން އިހުސާސްވާ މިންވަރު އިތުރުވާނެ ކަމަށެވެ. އަދި މުއައްސަސާއަށް ކުރާ އިތުބާރުވެސް ބޮޑުވެގެން ދާނެ ކަމަށެވެ.

މި ބިލްގައި އިދިކޮޅު މެންބަރުން ކަންބޮޑުވުން ފާޅުގައިވަނީ ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ބުނާ އިސްލާހާމެދުގައެވެ. ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ. އަދި އެ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބޭފުޅުން މަގާމުގައި ދެމިތިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ބިލުގެ އަމާޒަކީ، ފެބްރުއަރީ 7، 2012 ގައި ބަޣާވާތަކުން ވެރިކަން ވައްޓާލާފައިވާ ކަމަށް އެމްޑީޕީން ކުރާ ތުހުމަތުތަކާއި ގުޅިގެން އެޕާޓީން ބޭނުންވާ ފުލުހުންތަކެއް ވަޒީފާއިން ވަކިކުރުން ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.