ރިޕޯޓް

ރައްޔިތުންގެ މަޖިލީހަށް ތާރީހީ އަހަރެއް

Dec 10, 2020
3

މިދިއަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާލަން މުގުރު ޖެހީ، އަހަރުގެ ފަހު ދައުރުގެ 28 ވަނަ ޖަލްސާގަ އެވެ. މަޖިލީހުގެ 87 އަހަރުގެ ދިގު ތާރީހުގައި ވެސް މެންބަރުންގެ ކިބައިން ފެނިފައި ނުވާ ވަރުގެ ހިތްވަރެކެވެ. ގާތްގަނޑަކަށް ދެ މަސް ދުވަހުގެ "ހައްގު" ޗުއްޓީއަކަށް މި ދިއައީ، އެއް އަހަރު ދުވަހުގެ ތެރޭގައި އެއްވެސް މަޖިލީހެއްގައި ނުކުރާ މިންވަރަށް މަސައްކަތް ކޮށްފަ އެވެ. ގިނައިން އިވިގެން ގޮސްފައި ވަނީ ހަރުދަނާ ބަހުސްތަކެކެވެ. ދޭތެރެއަކުން ނިޒާމީ ނުކުތާތައް ނެގި ނަމަވެސް، މައިގަނޑު ގޮތެއްގައި އިދިކޮޅުގެ އަޑަށް ވެސް ހުރަހެއް ނެތެވެ. ތަޅުމުގައި ޕާޓީތަކުގެ ނިސްބަތުން ހަމަހަމަ ފުރުސަތު އޮތެވެ.

މަޖިލީހުގެ ފުރަތަމަ އަހަރުގެ މަސައްކަތަށް ބަލާއިރު، ޖުމްލަ 117 ޖަލްސާ ބޭއްވި އެވެ. ފުރަތަމަ ދައުރުގެ ތެރޭގައި 42 ޖަލްސާ އެވެ. ވިދިގެން އައި ދެވަނަ ދައުރުގައި 47 ޖަލްސާއާއެކު، މިހާރު އަމަލުކުރާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށި ފަހުން މަޖިލިސް ރިސެސްއަށް ނުގޮސް އެންމެ ގިނަ ޖަލްސާ ބޭއްވުމުގެ ރެކޯޑު ގާއިމުކުރި އެވެ. އެއީވެސް ގިނަ ގައުމުތަކެކޭ އެއް ފަދައިން، މުޅި ރާއްޖެ ހުއްޓުމަކަށް އައިސް، ރައްޔިތުން ގޭ ބަންދު ވާން މަޖުބޫރުވި ދަތި އުނދަގޫ ހާލަތުގެ ތެރެއިންނެވެ.

މި އަހަރުގެ ފަހު ދައުރުގައި 28 ޖަލްސާ، ނިސްބަތުން މަދު އަދަދެއް ކަމަށް ފެނުނަސް، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފާސް ކުރުމާއި، ބަޖެޓާ ގުޅުންހުރި އާމްދަނީގެ ބިލުތައް ނިންމުމަށް 300 އަށް ވުރެ ގިނަ ގަޑިއިރު، ކޮމިޓީގައި މެންބަރުން ވަނީ ހޭދަ ކުރައްވައިފައި ވެއެވެ.

މުހިއްމު މަސައްކަތްތަކެއް

ތިން ދައުރުގެ ތެރޭގައި 49 ގާނޫނެއް ފާސް ކޮށްފައިވާއިރު، އޭގެ ތެރޭގައި، އިންތިހާބީ ވައުދުތަކާ އެއް ގޮތަށް، ރައްޔިތުންނާ ސީދާ ގުޅުންހުރި، ގިނަ ގާނޫނުތަކެއް ވެސް ހިމެނެ އެވެ.

ކޮވިޑުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުން ފަސް ކުރަން މަޖޫބުރު ވުމާއެކު، ގާނޫނީ ހުސް ކަމެއްގެ ތެރެއަށް ވެއްޓިގެން ދިއުން ހުއްޓުވުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމާއި، ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވެފައިވާ އިގުތިސޯދީ ދަތިކަމާއި ގާނޫނީ ގޮތުން ހުރި ގިނަ ހުރަސްތަކަށް ހައްލު ގެނެސްދޭ ކޮވިޑް-19 އިގެ ސަންސެޓު ގާނޫނެއް ވެސް ކުރި މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ހިމެނެ އެވެ.

އަދި ހިޔާލު ތަފާތުވުން ބޮޑުވި، އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖު ކަނޑައަޅަން ޖެހޭ ދާއިރާތައް ހިމަނައި، އަންނަ އަހަރުގެ ނިޔަލަށް މިނިމަމް ވޭޖު ތަންފީޒު ކުރަން ޖެހޭ ގޮތަށް ވަޒީފާއާބެހޭ ގާނޫނު ވެސް ވަނީ އިސްލާހު ކޮށްފަ އެވެ. އޭގެ އިތުރުން، ރިސޯޓު މުވައްޒަފުންނަށް އަނބިދަރިން ކައިރިއަށް ނިދަން ދެވޭ ގޮތަށް ވެސް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން، ތައުލީމުގެ ބިލާއި ފުލުހުންގެ ހިދުމަތުގެ ބިލާއި އިންތިގާލީ އިންސާފުގެ ބިލުގެ އިތުރުން ކުޑަކުދިންނަށް މަރުގެ އަދަބު ނުދެވޭ ގޮތަށް ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގެނެވެނު އިސްލާހަކީ ވެސް މި އަހަރު ތެރޭގައި ކުރެވުނު މަސައްކަތުގެ އުސްއަލިތަކެވެ.

ގާނޫނުތަކުގެ އިތުރުން، ގައުމަށް ކުރިމަތިވަމުންދިއަ އެކި އެކި ހާލާތްތަކާ ގުޅިގެން، މެންބަރުން ހުށަހެޅުއްވި 24 ކުއްލި މައްސަލައަކާއި، އިތުރު 27 ގަރާރަކާމެދު ބަހުސް ކުރެވި، ރައްޔިތުންގެ އިހުސާސްތައް މަޖިލީހުގެ ތަޅުމުން ސަރުކާރާ ހަމައަށް ވަނީ ފޯރުކޮށްދީފަ އެވެ.

ތަޅުމުގެ ބޭރުން، މަޖިލީހުގެ އެކި އެކި ދާއިމީ އަދި ވަގުތީ ކޮމިޓީތަކުން މި އަހަރުގެ ތެރޭގައި ކުރި މަސައްކަތް ވަނީ އެހެން އަހަރުތަކާ އަޅާބަލާއިރު، އެތައް ގުނައެއް އިތުރުވެފަ އެވެ. ސަރުކާރުގެ އިދާރާތަކާއި، މިނިވަން މުއައްސަސާތަކުގެ ވެރިން ހާޒިރުކުރެވި، އުނދަގޫ ސުވާލުތައް ކުރިމަތި ކުރުވައި، ރައްޔިތުން އެވަގުތަކު ބޭނުންވެފައިތިބި ޖަވާބުތައް ވެސް ހޯދަމުން ގެންދެވުނެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުން

ނަވާރަ ވަނަ މަޖިލިސް ފެށިގެން އައިއިރު، އިންތިހާބުގައި ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ދީފައިވާތީ، އޭގެ ކުރީ މަޖިލީހުން ފެނުނު މާޒީ ތަކުރާރުވާނެހެން އެއް ބަޔަކަށް އޮތީ ހީކުރެވިފަ އެވެ. ސަރުކާރުން ކުރާ ކޮންމެ ކަމަކަށް ރުހިގެން، ތައްގަނޑު އަތަށް ނަގައިގެން، "ރަބާ ސްޓޭމްޕް" ކުރާ ތަނެއްގެ ގޮތުގައި މިފަހަރު ވެސް މަޖިލީހުގެ ތަޅުން ވެގެންދާނެ ކަމުގެ ބިރާއެކު އެވެ.

ނަމަވެސް، ސިޔާސީ މަގުސަދެއްގައި ވިޔަސް، ވެރިކަމުގެ ބާރު ހޯދުމުގެ ނިޔަތުގައި ނަމަވެސް، ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި، މަޖިލިސް ފަސް ނުޖެހޭ މަންޒަރު ވެސް މި އަހަރުގެ ތެރޭގައި ފެނިގެން ގޮސްފައި އެވެ.

ތަޅުމުގައި އެމްޑީޕީގެ 65 މެންބަރުން ބޮޑު އަޣުލަބިއްޔަތެއް އޮތް ނަމަވެސް، ތިން ދައުރުގެ ތެރޭގައި 62 ފަހަރެއްގެ މަތިން، ސަރުކާރުގެ އެކިއެކި ވަޒީރުން، މަޖިލީހުގެ ތަޅުމަށް ހާޒިރުކުރެވި، އެބޭފުޅުންގެ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ ސުވާލު ކުރި އެވެ.

އޭގެ ތެރޭގައި، އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުން ވެސް ހިމެނޭއިރު، މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ފަރުވާ ކުޑަކުރާ ކަމުގެ ފާޑުކިއުންތައް ވެސް ވަނީ އަމާޒުކޮށްފައި އެވެ.

ރިޔާސަތު ވެސް ތަފާތު

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، ރިޔާސަތުގައި އިންނަވާ ބޭފުޅަކު މަޖިލީހުގައި ކުރިއަށްދާ ބަހުސްތަކުގައި ބައިވެރި ވެގެން ނުވާނެ އެވެ. ނަމަވެސް، ރިޔާސަތުގައި އިންނަވައިގެން، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ، އެ ގަވައިދުގެ އެ މާއްދާއާ ހިލާފުވެވަޑައިގަންނަވާ ކަމަށް ހާއްސަކޮށް އިދިކޮޅުން ތަކުރާރުކޮށް ފާހަގަކުރެ އެވެ.

"މަޖިލީހުގެ ރިޔާސަތުގައި އަޅުގަނޑު ތަފާތު ވާނެ" ކަމަށް ނަޝީދު ވެސް ވިދާޅުވެފައިވާއިރު، ތަޅުމުގައި ހިނގާ ބަހުސްގައި، ނުސީދާކޮށް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވަ އެވެ.

އެއިރަކު ބަހުސް ކުރެވެމުންދާ މައުލޫއަކާ ގުޅޭގޮތުން އެމަނިކުފާނުގެ ހިޔާލުފުޅާއި ރައުޔު ހިއްސާ ކުރައްވައި އެވެ. ބައެއް ފަހަރު ކަމަކާގުޅޭ ތާރީހު ވެސް މެންބަރުންނަށް އޮޅުންފިލުވައި ދެއްވަ އެވެ. މައުލޫއާ ނުގުޅޭ ވާހަކަތަކާއި، ގައުމުގައި ހިނގަމުންދާ ކަންކަން އަމިއްލަފުޅަށް މެންބަރުންގެ ސަމާލުކަމަށް ގެންނަވަ އެވެ.

މެންބަރުން ދައްކަވާ ވާހަކަތައް އަޑުއައްސަވައި، ޕާޓީއަކަށް ބެލުމެއްނެތި، ގަވައިދު ތަންދިން މިންވަރަކުން ހަމަހަމަ ފުރުސަތު ވެސް ވަނީ ދެއްވައިފަ އެވެ. ތަޅުމުގެ ކޮންޓްރޯލް އެއްވެސް ވަރަކަށް ގެއްލުނަނުދެއްވައި، ބައެއް ފަހަރު ދެ މެންބަރެއްގެ އަރައިރުމަށްވެސް ޖާގަ ދެއްވައި އެވެ.

މަޖިލިސް އިންތިހާބުގައި ތަނަވަސް އަޣުލަބިއްޔަތެއް ހޯދީ "ތަފާތު" ދައްކާނެ ކަމުގެ ވައުދާ އެކު އެވެ. އެ އިންތިހާބަށްފަހު، 19 ވަނަ މަޖިލީހަށް ފުލްކޮށް ލިބުނު ފުރަތަމަ އަހަރުގައި، އެ ތަފާތު ހަގީގަތުގައި ވެސް މަޖިލީހުން ކުރި ތާރީހީ މަސައްކަތުން ވަނީ ދައްކުވައިދީފަ އެވެ.