މި ސަރުކާރު ހިންގާ ކޯލިޝަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށާ ނަމަވެސް އެކަމަށް ދައްޗެއް، އުނދަގުލެއް ކުރިމަތިވަނީ ރައްޔިތުންގެ މަޖިލީސްތެރެއިން ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރުއެމްގެ ބައިވެރިވުން އޮތް ސަރުކާރެކެވެ. މި ސަރުކާރުގައި އެ ޕާޓީތަކަށް ހިއްސާ އޮންނަ މިންވަރު ކަނޑައަޅާ މާކުރިން ވަނީ އެއްބަސްވުން އެކުލަވާލާފައެވެ. ވެރިކަމަށް ވަޑައިގެން އެއްބަސްވުމާއި އެއްގޮތަށް ހިއްސާ ދިން ނަމަަވެސް ވެރިކަމަށް ދެ އަހަރުވީއިރު ފަސް ވަޒީރަކު ވަނީ މަގާމުން ދުރުކޮށްފައެވެ. އޭގެ ތެރޭގައި މުޅީންވެސް ހިމެނެނީ އެމްޑީޕީ ނޫން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުންނެވެ.
މީގެ އިތުރުން އެހެން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުން މަޖިލީހަށް ހާޒިރުކޮށް އެ ވަޒީރުންނަށް ކަންކަން ނުކުރެވޭ ކަމުގެ ތުހުމަތުކޮށް އެކި ވަޒީރުންނާ އެކި ގޮތްގޮތަށް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ދަނީ ދިމާކުރަމުންނެވެ. ނަމަވެސް ކޯލިޝަން ވަރުގަދަ ކަމަށް ވިދާޅުވެ އެ ގޮތުގައި ފަސް އަހަރަށް ދަމަހައްޓަވާނެ ކަަމަށް ރައީސް ސޯލިހު ގެންދަވަނީ ވިދާޅުވަމުންނެވެ.
ރޭ ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ 2008 ގައި އަދި 2013 ގައިވެސް ވެރިކަމަށް އައީ ކޯލިޝަން ސަރުކާރެއް ނަމަވެސް އެކަން އެ ގޮތުގައި ދެމިގެން ނުދިޔަ ނަމަވެސް ރައީސް ސޯލިހު ވަރަށް ބުރަ މަސައްކަތުން ކޯލިޝަން ދަމަހައްޓަވަމުން ގެންދަވާ ކަމަށެވެ. އެއީ ރައީސަށް ޝުކުރު ހައްގު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
އަދި އާޒިމް ވަނީ ކޯލިޝަނަށް ދައްޗެއް، އުނދަގުލެއް ކުރިމަތިވަނީ ރައްޔިތުންގެ މަޖިލީސްތެރެއިން ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެހެން ދިމާވަނީ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭތީ ކަމަށް އާޒިމް ވިދާޅުވިއެވެ.
"އެއްވެސް ބަޔަކަށް ކޯލިޝަނެއް ނުހިފެހެއްޓުނު ދެއްތޯ. ނަމަވެސް އިބްރާހިމް މުހައްމަދު ސޯލިހް އެ ވައުދުވާ ވައުދުވުން އެބަ ހިފެހެއްޓުމަށް އެމަނިކުފާނަށް ކުރެއްވޭނެ ހުރިހާ ކަމެއް އެބަ ކުރައްވާ އިނގޭތޯ. ދެން ދައްޗެއް އެރިއްޔާ އުނދަގުލެއް ވިއްޔާމު ވަނީ ރައްޔިތުންގެ މަޖިލިސްތެރެއިން ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެހެން ނަމަވެސް އެއީ މުޅިން ތަފާތު، އަޅުގަނޑުމެން މި ތިބެނީ ސަރުކާރު ޖަވާބުދާރީ ކުރުވަން ކަމަށްވާތީ އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންގެ ހައްގުގައި އެ ވާހަކަ ދައްކަން. ކަންކަން ކުރަން. ދެން އޭގެން ހީނަރުކަމެއް ނާންނަ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އެބަ މަސައްކަތް ކުރައްވާ،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ކޯލިޝަންގައި އޮތް ކޮންމެ ޕާޓީއަކީވެސް ވެރިކަމަށް އަންނަން އުފެއްދި ޕާޓީތަކެއް ކަމުން މިހާރު އޮތް ގޮތަށް ކޯލިޝަން ދެމެހެއްޓުމަށް ގޮންޖެހުންތަކެއް ހުންނާނެ ކަމަށެވެ. އަދި ސަރުކާރުގެ ތެރޭގައި އެހެެން ޕާޓީތައް ތިބެގެން "ހެޔޮ ކަމެއް ރަނގަޅު ކަމެއް" ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އަދި ރިޔާސީ އިންތިހާބު ކައިރިވަމުން އަންނައިރު ބައެއް ޕާޓީތަކުގެ ވިސްނުން ހުރީ "ޖެއްސުން" ކުރުމުގެ ގޮތުގައި ކަމަށާ މަޖިލީހުން އިއްޔެ ފެނިގެން ދިޔައީވެސް އެފަދަ ކަމެއް ކަމަށެވެ. އާޒިމް އެ އިޝާރާތް ކުރައްވަނީ އިތުބާރު ނެތް ކަމަށް ފާސްކޮށް އިއްޔެ މަގާމުން ދުރުކުރި ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު، އެމްޑީޕީގެ ތުހުމަތުތަކާއި ޗެލެންޖް ކޮށް ދެއްވި ވާހަކަފުޅުތަކަށެވެ.
"އެެހެންވީމަ ރައްޔިތުންނަށް ފަސޭހައެއް ނުކޮށްދީ އުނދަގޫ ކުރާކަމަށް ވަނީނަމަ ދެން އަޅުގަނޑުމެން އެބަ ވިސްނަން ޖެހޭ އެހެން ގޮތްތަކެއް އޮތްތޯ، އެ ގޮތަކީ ކޮބައިތޯ. އެ ގޮތެއް ހޯދައިގެން ރައްޔިތުން ކައިރިއަށް ނިކުންނަންޖެހޭ. އެހެންވީމަ މި ކޯލިޝަން ހިފެހެއްޓުމަކީ ވަރަށް ދަތި އުނދަގޫ ކަމެއް،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ 2008 ގައިވެސް 2013 ގައިވެސް ކޯލިޝަން ދެމެހެއްޓިފައި ނުވަނީ އެއީ ކުރަން ދަތި ކަމަކަށްވުމުންނެވެ.
ގިނަ ޕާޓީތަކެއް އެކުލެވޭ، ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް، މަޝްވަރާކޮށްގެން އެ ފަދަ މައްސަލަތައް ހައްލުކޮށް ކޯލިޝަން ދެމެހެއްޓޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަހަރުވެސް ވަނީ ވިދާޅުވެފައެވެ.
އިންޑިއާގެ މަޝްހޫރު "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ކޯލިޝަނާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ތަފާތު ފިކުރުގެ ޕާޓީތަކެއް ހިމެނޭ ކޯލިޝަނެއްގައި ދެބަސްވުންތަކާއި ހިތްހަމަނުޖެހުން ހުންނާނެ ކަމަށެވެ. ނަމަވެސް، 2018 އިގެ އިންތިހާބު ކާމިޔާބުކޮށް، ޕާޓީތައް ގުޅިގެން ރައްޔިތުންނަށް ވައުދުވި "ޖަޒީރާ ރާއްޖެ" ހަގީގަތަށް ހެދުމުގެ ވިސްނުމާއި އަޒުމަށް ބަދަލެއް ނާންނަކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ގިނަ ގޮންޖެހުންތަކާއެކުވެސް، މިހާތަނަށް ކޯލިޝަން ދެމެހެއްޓިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން [ޕާޓީތައް] އެއްގަލަކަށް އެރި ސަބަބުގެ މަތީގައި، މަޝްވަރާކޮށްގެން ކުރިމަތިވާ ހުރިހާ މައްސަލަތަކަށް ހައްލު ހޯދޭނެކަމުގެ ޔަގީންކަން އެބައޮތް،" އެމަނިކުފާނު އިތުރަށް ވިދާޅުވި އެވެ.
އިދިކޮޅު ބޭފުޅުންގެ ނަޒަރުގައި ކޯލިޝަން މިހާރު އޮތީ ނަމެއްގައެވެ. އަދި އެއީ ލީޑަރުންގެ މަސްލަހަތަށްޓަކައި ދަމަހައްޓާ ދެމެހެއްޓުމެކެވެ.
މި ސަރުކާރު ހިންގަން ބޭނުން ވަނީ އެމްޑީޕީ މެންބަރުން އެދޭ ގޮތަށް އެމްޑީޕީން އެކަނި ކޯލިޝަނަކާ ނުލައި ސަރުކާރު ހިންގާ ގޮތަށް ކަމަށް ދޭހަވާ މޭރުމަކުން ރައީސް މުހައްމަދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި އެ ވާހަކަތައް އާޒިމް މެދުވެރިކޮށް ދައްކަވަނީ ރައީސް ނަޝީދުގެ ވިސްނުންފުޅަށް ކަމަށް ކޯލިޝަންގެ ބައެއް ލީޑަރުން ދެކެވަޑައިގަންނަވައެވެ.