ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގައި އިތުރުބާރު ނެތް ކަމަށް ވޯޓެއް ނަގައި ފާސްކޮށް އޭނާ މިއަދު މަގާމުން ދުރުކޮށްފި އެވެ. މަލީހު، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ކަމުގެ މަގާމުން ދުރު ކުރަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އެމްޑީޕީގެ ސާފު މެޖޯރިޓީގެ 59 މެންބަރަކު ވޯޓް ދެއްވި އެވެ. މަލީހް ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. ހަތަރު މެންބަރަކު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ތިއްބެވި އެވެ. މިއީ މި ސަރުކާރުގެ މިނިސްޓަރެއްގެ މައްޗަށް ނެގި މި ފަދަ ފުރަތަމަ ވޯޓެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ކުރިޔަށް ނުކުންނަވައި 14 މެންބަރުންގެ ސޮއި ހޯއްދަވައިގެން މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ މި މަހުގެ 10 ވަނަ ދުވަހު އެވެ. އެކަމަކު އޭގެ ކުރިން މިދިޔަ އަަރުގެ ތެރޭގައި ވެރިކަން ކުރާ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ވަނީ މަލީހުގެ އިތުބާރު ނެތް ކަމަށް ޕީޖީ ގްރޫޕްގައި ފާސް ކޮށްފަ އެވެ.
މިއަދު މަޖިލީހުގެ އެޖެންޑާއަށް މި މައްސަލަ ގެނެސް ބަހުސް ކުރި އިރު މަލީހު ވަކި ކުރަން ޕީޖީ ގްރޫޕްގައި އިއްުޔެ ވަނީ ތްރީލައިން ވިޕެއް ވެސް ނެރެފަ އެވެ.
ރައީސް ސޯލިހުގެ ކެބިނެޓް މިނިސްޓަރުންގެ ތެރެއިން ޖުމްހޫރީ ޕާޓީ (ޖޭޕީ) ނިސްބަތްވެ ވަޑައިގަންނަވާ އަދި އެ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މަލީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަަގަން ނިންމީ ކޮމިއުނިކޭޝަން އިންޑަސްޓްރީ ރެގިއުލޭޓް ކުރަން ކޮމިނިއުކޭޝަން އޮތޯރިޓީ (ކޭމް) އިން ހަދަން ޖެހޭ ގަވައިދުތައް ހަދައިފައި ނެތުމާއި އިންޓަނެޓް އަގު ބޮޑުވުމުން އެކަމަށް ހައްލު ހޯދައިދެވިފައިނުވުން ފަދަ މައްސަތަކެއް އޭނާގެ އިސްތަށިފުޅުގައި އެޅުވުމަށް ފަހު އެވެ.
އިތުބާރު ނެތް ކަމަށް ބުނެ މަޖީލީހުގައި އޮތް އެމްޑީޕީގެ ސާފު މެޖޯރިޓީން ކުރި ތުހުުމަތުތައް ދޮގު ކުރައްވައި މަލީހު މިއަދު ވަނީ މަޖިލީހުގައި ވަރުގަދައަށް ޖަވާބުދާރީވެ ވަޑައިގެންފަ އެވެ. އޭނާ ވަނީ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ ރިޔާސަތާ ޗެލެންޖް ކުރައްވާ އޭނާއަށް އަދަބު ދެއްވަނީ އެއްވެސް ކުށެއް އޮވެގެން ނޫން ކަމަށާއި ހުދުމުހުތާރު ކަމާއެކު އޭނާ އަށް އަދަބު ދެއްވަނީ ގާނޫނު އަސާސީގެ "މާއްދާ 27" ގެ ބޭނުން އޭނާ ހިއްޕަވާތީ ކަމަށް ވިދާޅުވެފަ އެވެ. މިނިސްޓަރު މަލީހް ވަނީ ޖާބުދާރީވެ ވަޑައިގަތުމަށް ތިން ފުރުސަތެއްގެ މަތީން އޭނައަށް ދެއްވި 30 މިނެޓްގެ ތެރޭގައި ގިނަ ވާހަކަތަކެއް ދައްކަވައި ތުހުމަތުތަކުން ބަރީއަވެ ވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ދެންނެވި އެވެ. މިއީ އިތުބާރު ނެތް ކަމުގެ ވޯޓެއްގައި ޖަވާބުދާރީވާން ވަޒީރަކު މިހާ ވަރުގަދައަށް ވާހަކަފުޅު ދެއްވި ފުރަތަމަ ފަހަރަށް ވެސް ވެގެން ގޮސްފައި ވެއެވެ.
މަލީހު މިއަދު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށާއި އެ ތުހުމަތުތައް ކުރަން ފަށާފައި ވަނީ ޓީވީ ޕްރޮގްރާމެއްގައި ބަރުލަމާނީ ނިޒާމާ ދެކޮޅަށް ދެއްކެވި ވާހަކަތަކަކާ ގުޅުވައި އެކަމާ ޒާތީ ވެެގެން ކަމަށެވެ. އަދި އެމްޑީޕީގެ ބައެއް މެމްބަރުން ނަގައިގެން އުޅޭ މައްސަލައަކީ ވެސް އެއީ ކަމަށެވެ.
އަދި ވިދާޅުވީ މަޖިލީހަށް މިއަދު ވަޑައިގެންނެވީ މިނިސްޓަރު މަގާމު ދިފާއުގައި ނޫން ކަމަށާއި އޭނާ ވަޑައިގެންނެވީ ގާނޫނު އަސާސީގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ 27 ވަނަ މާއްދާގެ ދިފާއުގައި ކަމަށެވެ. ހަކުރާގޭ ފެންޑާގައި އެކޮޅުކޮޅުން އޭނާ އެލުވިޔަސް މާއްދާ 27 ގެ ބޭނުން ހިއްޕަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ފަހަތަކަށް ނުޖެހޭނެ، ހަކުރާގޭ ފެންޑާގައި އެކޮޅުކޮޅުން އެލުވިޔަސް މާއްދާ ހަތާވީހުގެ ބޭނުން ހިފާނަން" މަލީހު ވިދާޅުވި އެވެ
މަލީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގި އިރު ކޮމިއުނިކޭޝަން އިންޑަސްޓްރީ ރެގިއުލޭޓް ކުރަން ކޮމިއުކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ގަވައިދުތައް ހަދައިފައި ނެތުމާއި އިންޓަނެޓް އަގު ބޮޑު ވުމުން އެކަމަށް ހައްލު ހޯދައި ދެވިފައި ނުވުން ފަދަ މައްސަތައް ފެންމަތި ކޮށް ކުރި ތުހުމަތުތަކަށް މަލީހު މިއަދު ދެއްވި ޖަވާބުތަކާ ގުޅުވައި އަދި މައްސަލައާ ގުޅުވައި މަޖިލީސް މެންބަރުންނަށް ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ގިނަ މެންބަރު ވިދާޅުވީ ހިތްހަމަ ނުޖެހެނީ ކަމަށާއި މަގާމުން ވަކި ކުރުމަށް އެހެން ސަބަބެއް ބޭނުން ނުވާ ކަމަށެވެ.
އަޅުގަނޑު ފަހަތަކަށް ނުޖެއްސޭނެ، ހަކުރާގޭ ފެންޑާގައި އެކޮޅުކޮޅުން އެލުވިޔަސް މާއްދާ 27 ބޭނުން ހިފާނަން،މުހައްމަދު މަލީހު ޖަމާލް | މިނިސްޓަރު
މަލީހު ވިދާޅުވީ ބަޖެޓުގެ ދަތިކަމާއެކު ވެސް ކޮމިއުކޭޝަން އޮތޯރިޓީން ހަދަންޖެހޭ ގަވައިދުތައް ނިންމާފައިވާ ކަމަށެވެ. އަދި އެ ގަވައިދުތައް ނެހެދިއަސް އަޅާނެ ފިޔަވަޅެއް ބަޔާންކޮށްފައި ނުވާތީ މެމްބަރުންގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމަށެވެ. މިނިސްޓްރީގެ މުވައްޒަފުން މަސައްކަތް ކުރަން ޖެހޭނީ ރައީސް ސޯލިހްގެ ލަފާ ފުޅާ އިރުޝާދުގެ ދަށުން ކަމަށާއި ތުހުމަތުތަކުގައި އަސާސެއް ނެތް ކަމަށް ވިދާޅުވި އެވެ.
މަލީހު ޖަމާލްގެ އިތުބާރުގެ މައްސަލަ މިއަދު މަޖިލީހުގައި ކުރިއަށް ދިޔައިރު އޭނާ ނިސްބަތްވާ ޖޭޕީގެ ގިނަ މެމްބަރުން މަޖިލީހަށް ވަޑައެއް ނުގަންނަވަ އެވެ. ބަހުސްގައި ޖޭޕީން މަލީހުގެ ދިފާއުގައި ނުކުންނެވީ ހަމައެކަނި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.
ރިޔާޒާއެކު ޖޭޕީގެ ފަސް މެމްބަރުން މަޖިލީހުގައި ތިއްބަވަ އެވެ. އޭގެ ތެރޭގައި އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހިމެނި ވަޑައިގަންނަވަ އެވެ. ގާސިމް ވެސް މިއަދު ވަޑައެއް ނުގަންނަވަ އެވެ. މަލީހަކީ ގާސިމްގެ ވަރަށް އަރިސް ބޭފުޅެކެވެ.
މަލީހު އިތުބާރު ނެތް ކަމުގެ ވޯޓު ސިފަ ކުރެއްވީ ޒާތީ މައްސަލައެއްގެ ގޮތުގަ އެވެ. އެއީ ޓީވީ ޕްރޮގްރާމެއްގައި ބަރުލަމާނީ ނިޒާމްއާ ދެކޮޅުކަން ކަމަށް ވިދާޅުވުމުން ހަޖަމް ނުވެގެން ކަމަށް މަލީހު ވިދާޅުވި އެވެ.
ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް މަޖިލީހުގައި ވިދާޅުވީ މަލީހުގެ ވާހަކަތަކުގައި ހަގީގަތެއް އޮތް ނަމަ މަލީހު ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ މެމްބަރުން ދިފާއުގައި ނުކުންނެ ވިީސް ކަމަށެވެ. އެހެން ކަމުން ޒާތީ މައްސަލައެއް ކަމަށް ބުނެ ދައްކާ ވާހަކަތަކާ މެދު ސުވާލު އުފެއްދެވި އެވެ.
ޖޭޕީގެ ގިނަ މެމްބަރުން މަޖިލީހުގެ ތަޅުމުގައި ނެތުމުން ވެރިކަންކުރާ ކޯލިޝަން އެބައޮތްތޯ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް މިއަދު ސުވާލު އުފެއްދެވި އެވެ.
"ޖުމްހޫރީ ޕާޓީގެ ގިނަ މެމްބަރުން މިތާގަ ނެތްކަން އަޅުގަނޑަށް ދޭހަވަނީ ކޯލިޝަންގެ އިތުބާރު ވެސް ނެތް ކަން" ސައިދު ވިދާޅުވި އެވެ.
މަލީހުއަކީ ނިމިގެން ދިޔަ ސަރުކާރުގެ ޔޫތު މިނިސްޓަރުވެސް މެެއެވެ. ނަމަވެސް އެ ސަރުކާރުގައި ވެސް އޭނާ މަގާމުން ދުރުކުރިީ އެވެ. މާޒީއަށް އިޝާރާތް ކުރައްވައި މަލީހު ވިދާޅުވީ ކުރިންވެސް ހުންނެވީ ސާބިތު ކަމާއެކު ކަމަށާއި މިފަހަރު ވެސް ސާބިތު ކަމާއެކު ހުންނަވާނެ ކަމަށެވެ.
މަލީހު މަގާމުން ވަކި ކުރުމުގެ ކުރީން ރައީސް ސޯލިހުގެ ފުރަތަމަ ކެބިނެޓްގައި ހިމެނި ވަޑައިގެންނެވި ވަޒީރުންގެ ތެރެއިން ފުރަތަމަ ފެމިލީ މިނިސްޓަރު ޝިދާތާ ޝަރީފު އިސްތިއުފާ ދެއްވެވީ ވެސް އެކަމަނާގެ އިތުބާރު މަޖިލީހަށް ގެއްލި ވޯޓާ ދިމާއަށް ދަނިކޮށެވެ. އޭގެ ފަހުން މަޖިލީހުގެ ޕްރެޝަރު އޮތް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ޝަކޫރާއި ހެލްތު މިނިސްޓަރު ކަމުގައި ހުންނެވި އަބްދުﷲ އަމީން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އަދި ޖިންސީ ގޯނާ އާއި ފުރައްސާރައުގެ ސީރިއަސް ތުހުމަތައްކޮށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.
މަލީހަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޔޫތު މިނިސްޓަރުކަން ވެސް ކުރެއްވެވި ބޭފުޅެކެވެ. އަދި އޭނާއަކީ އޭނާއަކީ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އާއިލީ ކޮއްކޯފުޅުކެވެ. ރައީސް ޔާމީންގެ ކެބިނެޓުން މަލީހު ވަކި ކުރީ މޭ 20، 2015 އިގައި ކުއްލި ގޮތަކަށެވެ.