ހަބަރު

މަލީހުގެ އިތުބާރުގެ މައްސަލަ ހުށަހެޅުން ލަސްވާ ސަބަބު ސާފުކޮށްދީފި

ސައިންސް އެންޑް ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލަށް އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ނިންމާފައިވާއިރު، އެކަން އިތުބާރު ނެތް ކަމުގެ މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލަފައެއް ހޯދަން އެދިފައި ވާނެ، އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

މަލީހު މަގާމުން ދުރު ކުރުމުގެ މަސައްކަތްތަކެއް ފެށީ ޓީވީ ޝޯ އެއްގައި ބައިވެރިވެ ވަޑައިގެން މަޖިލީހުގެ މެންބަރުންނަށް މަލީހު ފާޑުވިދާޅުވުމުންނެވެ. އެ ވާހަކަތަކަށް ރައްދު ދީ އެމްޑީޕީގެ މެންބަރުން ވަނީ ޓްވީޓްތަކެއް ވެސް ކުރައްވާފަ އެވެ. އަދި މަލީހަށް އެެއްވެސް އިތުބާރެއް ނެތް ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ޒާތީވެ ބައެއް މެންބަރުން ޓްވީޓްވެސް ކުރެއްވިއެވެ. އެ ހުރިހާ ޓްވީޓްތައް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރިޓްވީޓްވެސް ކުރެއްވި އެވެ.

މިދިއަ މަހުގެ 22 ވަނަ ދުވަހު އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމުގައި މަލީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ނަމަވެސް، އެކަން އަދި މިހާތަނަށް މަޖިލީހަށް ހުށަހަޅާފައި ނުވާއިރު، މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މަލީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށް ގެންދަން އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމި ދުވަހުގެ ޖެހިގެން އައި ދުވަހު އެކަމާމެދު ރައީސް ސޯލިހުގެ ހިޔާލެއް ހޯދަން ފޮނުވިފައިވާ ކަމަށެވެ.

"މިއީ ސީދާ އަޅުގަނޑުމެންގެ ސަރުކާރެއް ނޫން ނަމަވެސް، ރައީސްގެ މަގާމުގައި ހުންނެވީ އެމްޑީޕީގެ ޓީކެޓުގައި ހުންނެވި ބޭފުޅެއް. އެހެންވީމާ، ރައީސްގެ ކެބިނެޓުގައި ހުންނެވި ވަޒީރަކަށް ރައީސަށް ނުދަންނަވާ އެއްވެސް ކަމެއް ކުރުން ނުވަތަ ވަކިކުރުމަކީ އަޅުގަނޑުމެން ކަންކުރާ ގޮތް ނޫން ކަމަށްވާތީ، އެކަން ސިޓީއަކުން ރައީސަށް ފޮނުވާފައިވަނީ،" އެމްޑީޕީގެ މެންބަރުންގެ ސަމާލުކަމަށް އެކަން ގެންނަވަމުން އާޒިމް ވިދާޅުވި އެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް އަބަދުވެސް އަމާޒުވާ އެއް ބޭފުޅަކީ މަލީހެވެ. މަލީހަކީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވާ ބޭފުޅެއް ނޫން ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ވިދާޅުވެއެވެ. އަދި މަގާމުން އިސްތިއުފާ ދެއްވުމަށްވެސް އެ މެންބަރުން މީގެ ކުރިން ގޮވާލާފައިވެއެވެ. މީގެ އިތުރުން މަލީހު މަގާމުން ވަކިކޮށް ދިނުމަށް ރައީސް ސޯލިހަށްވެސް އެ މެންބަރުން ގޮވާލާފައިވެއެވެ.