މި ސަރުކާރުގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާގެ މަޖިލިސް ޖަލްސާއަށް ގެންދަން އެޖެންޑާ ކޮށްފި އެވެ.
އިތުބާރުގެ މި މައްސަލައަކީ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ކުރިޔަށް ނުކުންނަވައި 14 މެންބަރުން ސޮއި ހޯއްދަވައިގެން ހުށަހަޅާފައިވާ މައްސަލަ އެވެ. އިތުބާރުގެ މި މައްސަލާގައި ސައިންސް މިނިސްޓަރު މަލީހަށް މަޖިލީހުން ފޮނުވަން ޖެހޭ ނޯޓިސް ފޮނުވީ މި މަހުގެ 14 ވަނަ ދުވަހު އެވެ. ހަމަ އެ ދުވަހު އޭނާ ވަނީ އެ ނޯޓިސް އަނބުރާ ފޮނުވާލެއްވި ކަމަށް ވެސް ވިދާޅުވެފަ އެވެ.
މިނިސްޓަރު މަލީހަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ކޯލިޝަންގައި އޮތް ސިޔާސީ ގޮތުން ބާރުގަދަ ޖޭޕީގެ މެންބަރެކެވެ. އޭނާ ކެބިނެޓަށް ވަޑައިގަތީ ވެސް އެ ޕާޓީގެ ސްލޮޓެއްގަ އެވެ. މަލީހުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ފާސް ކުރުމަށް ފަހު މި މައްސަލަ މަޖިލީހަށް ގެންދިޔައީ އިންޓަނެޓް އަގުހެޔޮ ނުވުމާއި އިންޓަނެޓުގެ ސްޕީޑް ލަސްވުމުގެ ޒިންމާ މަލީހުގެ އިސްތަށިފުޅުގައި އެކަނި އެޅުވުމަށް ފަހު ވަރަށް ބޮޑަށް ފާޑުކިޔުންތައް ވެސް ކުރިމަތި ކުރުވާފަ އެވެ.
އިތުބާރު ނެތް ކަމުގެ ވޯޓެއް މިނިސްޓަރެއްގެ މައްޗަށް ފާސްވާނީ ވޯޓުގެ އަޣުލަބިއްޔަތުންނެވެ. އޭގެ ކުރީން ޖަވާބު ދާރިވުމުގެ ފުރުސަތު ދޭން ޖެހެ އެވެ.
ނާއިންސާފުން ދޭ އަދަބު ބޭޒާރުވާނެ
މަލީހުގެ މައްސަލަ އެޖެންޑާ ކުރި އިރު އޭނާ މިއަދު ވިދާޅުވީ މަޖިލީހުގެ ވަކި ފެކްޝަނެއް ހުދުމުތާރު ވެއްޖެ ކަމަށް ތުހުމަތު ކުރައްވާ ގޮންޖައްސަވާފަ އެވެ. އަދި ވިދާޅުވީ ގާނޫނުއަސާސީ ތަރިކަ މުދަލަކަށް ހަދާފައިވާ ކަމަށާއި އަސާސެއް ނެތް ކަމެއްގައި ދޮގު އިލްޒާމް އަޅުވައި ބޭން އިންސާފުން އޭނާއަށް ދޭން އުޅޭ އަދަބު ބޭޒާރު ވާނެ ކަމަށެވެ.
"ބޭ އިންސާފުގެ މައްޗަށް އިންސާފު ކުރި ހޯދާނެ ލިބޭ ބާރަކީ ފާޑެއްގެ އެއްޗެއް،" ޓްވިޓް ކުރައްވާ މަލީހް މިއަދު ވިދާޅުވި އެވެ.
ސައިންސް މިނިސްޓަރު ފާހަގަ ކުރެއްވިފައި ވަނީ ސަރުކާރުގެ މައި ޕާޓީން ކުރިމަތި ކުރުވާ ޕްރެޝަރުތަކަށް ޓްވިޓާގައި ދިމާއަށް ޖަވާބު ދެއްވާ ބޭފުޅެއްގެ ގޮތުގަ އެވެ. އޭނާއާއެކު މި ސަރުކާރުގެ ކެބިނެޓަށް ވަޑައިގެންނެވި އަބްދުﷲ އަމީން ވަނީ ތަފާތު ތުހުމަތުތަކާ ގުޅިގެން އައި ޕްރެޝަރުތަކުގައި މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އޭނާގެ މައްޗަށް ހިޔާނާތުގެ ތުހުމަތުތައް އެބައޮތެވެ.