ފައްޔާޒް އިސްމާއީލް

މަޖިލިސް ތަޣައްޔަރު ކުރާކަމުގެ ނުސީދާ ތުހުމަތު ފައްޔާޒަށް

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ވަޒީރަކު އިސްވެ ނުފޫޒު ފޯރުވައިގެން، މަޖިލީސް ތަޣައްޔަރުކޮށް، ކިލަނބުކުރާ ކަމުގެ ނުސީދާ ތުހުމަތު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް އަމާޒުކޮށްފި އެވެ.

ޓޫރިޒަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް މިހާރު މަޖިލީހުގައި ކުރިއަށްދާ ބަހުސްގައި ވާހަކަ ދައްކަވަމުން، އެ ބިލު ހުށަހެޅުއްވި އާޒިމް މިއަދު ވެސް ވަނީ އެ ބިލާމެދު ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ، ގާނޫނީ ބާރު ލިބިގެން އިންޓެގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓުތައް ހިންގައިގެން ތަރައްގީ ކުރާ ރަށްތަކާއި ފަޅުތައް، ވިޔަފާރި އުސޫލުން އެހެން ފަރާތްތަކަށް ވިޔަފާރި ކުރުމުގެ މަގު ހުޅުވިގެން ދިއުމެވެ.

މިގޮތުން، އާޒިމް މިއަދުވެސް ވަނީ ޓޫރިޒަމް ވިޔަފާރިއަށް 100 ޕަސަންޓް ސަރުކާރު ހިއްސާވާ އިތުރު ކުންފުނިތަކެއް އަނެއްކާވެސް ހެދުމުގެ މަގު މި ބިލުގެ ތެރެއިން ފަހިވެ، އިންޓެގްރޭޓެޑް ޓޫރިޒަމްގެ ތެރެއަށް ދިވެހިންނަށް ފަސޭހައިން ވަދެވޭނެ މަގެއް މި ބިލުގެ ޒަރިއްޔާއިން ހޯދައިދޭންޖެހޭ ކަމަށް ފާހަގަކުރައްވާ އެވެ.

ނަމަވެސް، އޭނާ ހުށަހެޅުއްވި އިސްލާހުތައް، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ބަލައިގެންފައި ނުވާ ކަމަށާއި، ގިނަ މެންބަރުންގެ ވިސްނުމަކީ ސަރުކާރުން ހުށަހަޅާ ބިލެއް، އެ އޮތް ގޮތަށް ފާސްކުރުން ކަމަށެވެ. އަދި އެކަން އެ ގޮތަށް މެދުވެރި ވަނީ، ސަރުކާރުގެ ތެރެއިން އެ މެންބަރުންނަށް އަންނަ ނުފޫޒެއްގެ ތެރެއިންކަމަށް ވެސް އާޒިމް ތުހުމަތު ކުރެއްވި އެވެ.

"ސަރުކާރުގެ ތެރެއިން ސީނިއާ ވަޒީރަކު މަޖިލިސްގެ ތެރެއަށް އަތް ބާނައިގެން މިކަހަލަ ކަންތައްތައް ކުރަން އެބަ މަސައްކަތް ކުރޭ. އަޅުގަނޑު އެ ފަރާތްތަކަށް ދަންނަވަން ނޫނެކޭ. މަޖިލިސް މަޖިލީހުގެ ގޮތުގައި ހިންގުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ދޭށޭ،" އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެހެން ނުވެއްޖެނަމަ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް މި މަޖިލިސް ވެސް ސަރުކާރުން ހުށަހަޅާ ކަންކަމުގައި ރަބަރު ސްޓޭމްޕް ޖަހާ ތަނަކަށް ބަދަލު ވެގެންދާނެ ކަމަށެވެ.

އިތުރަށް ވިދާޅުވީ، މި ބިލު ދަށުން އިންޓެގްރޭޓެޑް ޓޫރިޒަމްގެ ބާބުގައި ގިނަ ގަވައިދުތަކެއް ހަދަންޖެހޭ ކަމަށް ބަޔާން ކޮށްފައިވާއިރު، އެ ގަވައިދުތަކުގައި ކޮންމެ ހުންނަން ޖެހޭނެ ކަމަށް ބުނެ ހުށަހެޅި އިސްލާހުތައް ވެސް ބަލައިގެންފައި ނުވާ ކަމަށެވެ.

"މިހާ އާދައިގެ ކަންތައްތަކެއް ވެސް، އާރާބާރު ދެއްކުމުގެ ނިޔަތުގައި މި މަޖިލީހަށް ނުފޫޒު ފޯރުވަމުންދާތީވެ އެކަން އަޅުގަނޑު ކުށްވެރިކުރަން،" އާޒިމް ވިދާޅުވި އެވެ.

އެމްޑީޕީގެ ތެރެއިން ފައްޔާޒާމެދު ހިތްހަމަނުޖެހިގެން އޭނާގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން ދާދި ފަހުން މަސައްކަތްތަކެއް ވެސް ކުރި އެވެ.

ފައްޔާޒް މަގާމުން ދުރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާތީ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބައްދަލުވުންތަކެއް ވެސް ބާއްވަވާފަ އެވެ.

އަދި އެމަނިކުފާނު ވަނީ ފައްޔާޒަށް އިތުބާރު ކުރައްވާ ކަމަށާ މަގާމުން ދުރުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެ މީޑިއާއަށް އިންޓަވިއު ވެސް ދެއްވާފަ އެވެ.