އަލީ އާޒިމް

އިތުބާރު ނެތް ލިޔުން އާންމުކުރައްވާ އާޒިމްގެ ފާޑުވިދާޅުވުން ފައްޔާޒަށް

މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު އަލީ އާޒިމް (ކ) އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް
0%
0%
0%

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި މެންބަރުން މިއަދު ކޮޅު ބަދަލުކުރައްވާފައިވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ކުރީގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ފާޑުވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) ގެ އިތުބާރު ނެތްކަމުގެ މައްސަލައެއްގެ ގަރާރު އެކުލަވައިލާ ސޮއި ހަމަ ކޮށްގެން ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެންބަރުން މަސައްކަތް ކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުތެރޭގައެވެ. ނަމަވެސް އެ މަސައްކަތް ހުއްޓުވީ ސީދާ ރައީސް ސޯލިހް ނިކުންނަވައެވެ.

އޭގެ ފަހުން ގައުމީ މަޖިލީސް މެދުވެރިކޮށްވެސް ފައްޔާޒަށް ފިޔަވަޅެއް އެޅޭގޮތް ވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ. އެ މަސައްކަތް ނާކާމިޔާބު ކޮށްލައްވާ ގައުމީ މަޖިލީހުގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތެއްގެ ތާއީދު ފައްޔާޒު ވަނީ ކަށަވަރު ކުރައްވާފައެވެ.

އާޒިމް މިއަދު ވަނީ ފައްޔާޒްގެ މައްޗަށް ހުށައަޅަން ތައްޔާރުކުރި އިތުބާރު ނެތް ކަމުގެ ލިޔުން އާންމު ކުރައްވާފައެވެ. އެ ލިޔުމުގައި ފައްޔާޒްގެ މައްޗަށް އެތައް ތުހުމަތެއް ކުރައްވާފައިވެއެވެ. އެގޮތުން އިގްތިސާދީ ސިޔާސަތާއި އިގްތިސާދީ ލަނޑުދަނޑިތައް ކަނޑައަޅައި ގައުމީ ތަރައްގީގެ ލަނޑުދަނޑިތަކާއި އަމާޒުތަކާ އެއްގޮތަށް އިގްތިސާދު ބައްޓަން ކުރުމަކީ އިކޮނޮމިކް މިނިސްޓަރުގެ އެންމެ އިސް ވާޖިބު ނަމަވެސް ފައްޔާޒް އެކަމަށް ނާގާބިލްވެފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމަށް ފައްޔާޒު ނުފޫޒު ފޯރުވާ އެކަމުގެ ސަބަބުން އެއްވެސް ހައުސިން މަޝްރޫއެއް ސޮއިކުރެވިފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.

އަދި މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުން އިކޮނޮމިކް މިނިސްޓަރު ކުރައްވާނެ ކަމަށް ވިދާޅުވާ ކަންކަން ކުރައްވާނެ އިންތިޒާމް އެކަށައަޅާފައިނުވާ ކަމަށާ އެ މަސްއޫލިއްޔަތު އަދާކުރައްވާފައިނުވާ ކަމަށް ބުނެފައިވެއެވެ. ސަރުކާރުގެ ވަޒީފާތައް ދިނުމުގައި ފައްޔާޒްގެ އަމިއްލަ މަސްލަހަތު ކުރިއަށް ނެރުއްވާ އެކަންކަމަށް ނުގޫޒު ފޯރުވާފައިވާކަން ސާފުކޮށް ފެންނަން އޮތް ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ. މިއީ ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ ލިޔުން އާންމުވި ފުރަތަމަ ފަހަރެވެ.

ރައީސް މުހައްމަދު ނަޝީދު (ކ) ފައްޔާޒް އިސްމާއީލް (މ) އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ވ) : ފައްޔާޒް ދުރުކުރަން ކުރެއްވި މަސައްކަތް ހުއްޓުވީ ސީދާ ރައީސް --

އެ ލިޔުމާއެކު އާޒިމް ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ 33 މެންބަރުން ސޮއިކޮށް މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް ކަމަށް ބުނެ މަޖިލީހަށް ހުށަހެޅުމަށް އޭނާއާ ހަވާލުކޮށްފައި އޮތް ކަމަށެވެ. އެ ލިޔުމުގައި ސޮއިިކޮށްފައިވާ ބައެއް މެންބަރުން ފައްޔާޒަށް އެމްޑީޕީ ހިންގާލެވޭނެ ކަމަށް މިއަދު ބުނާ ކަމަށާ އެއީ އެމްޑީޕީގެ އާއްމު މެންބަރުންނަށް ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށެވެ.

އާޒިމް އެހެން ވިދާޅުވިނަމަވެސް އިތުބާރު ނެތް މައްސަލާގައި ސޮއިކުރެއްވި މެންބަރުންގެ ލިސްޓެއް ހިއްސާއެއް ނުކުރައްވައެވެ. ވަރަށް ގިނަ ބަޔަކު ވަނީ އެ ލިސްޓް އާންމު ކުރުމަށް ގޮވާލާފައެވެ. އަދި 33 މެންބަރުން ސޮއިކޮށް ހަވާލުކުރި ލިޔުން މަޖިލީހަށް ހުށަނާޅާ ބޭއްވުމަކީ އެމްޑީޕީގެ އާއްމު މެންބަރުންނަށް އޮޅުވާލި މާބޮޑު އޮޅުވާލުމެއް ކަަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ.

ފައްޔާޒްގެ ވަފާތެރި ބައެއް މެންބަރުން ވަނީ އާޒިމް ހެއްްދެވީ އިތުރުފުޅެއް ކަަމަށް ވިދާޅުވެފައެވެ. އަދި 33 މެންބަރުން ސޮއިކޮށްފައި ނުވާނެ ކަމަށް ބުނެފައިވެއެވެ. މި މައްސަލާގައި އެންމެ ފަހުން ޔަގީން ކުރެވުނު ގޮތުގައި ރައީސް ނަޝީދަށް ހޯއްދެވުނީ 22 މެންބަރުންގެ ސޮޔެއެވެ. އަދި ފައްޔާޒްގެ ދިފާއުގައި ރައީސް ސޯލިހް ނިކުންނެވުމުން އޭގެ ތެރެއިން ބައެއް މެންބަރުން ވަނީ ސޮއި އަނބުރާ ގެންދަވަން ހުށައަޅުއްވާފައެވެ. މަޖިލީސްތެރެއިން އެކަން ނުވީ އެ ސަބަބާއި ގުޅިގެންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345