ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން އެއްވެސް މެންބަރަކު ސޮއި ކުރައްވާފައި ނުވާ ކަމަށާ ނަމަވެސް އެމްޑީޕީގެ އެތެރޭގައި މަަސައްކަތްތަކެއް އެބަ ހިނގާ ކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު އެކުލަވައިލާ ސޮއި ހަމަ ކޮށްގެން ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވާފައި ވެއެވެ. ނަަމަވެސް އެ މަސައްކަތަށް މެންބަރުންގެ ފުރިހަމަ ތާއީދު ނުލިބުމުން އެމްޑީޕީގެ ގައުމީ މަޖިލީހަށް އެ މައްސަލަ ހުށައަޅަން ނަޝީދު ވަނީ ނިންމަވާފަ އެވެ. އޭގެ ފަހުން ފައްޔާޒު މަގާމުން އެކަހެރިވެވަޑައިގަތުމަށް ދަންނަވަން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ސިޓީއަކުންވެސް ނަޝީދު ވަނީ ދަންނަވާފައެވެ.
މިރޭ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ފައްޔާޒުގެ މައްސަލައާއި ގުޅިގެން ކުރެވުނު ސުވާލުތަކަށް އެކަށީގެންވާ ޖަވާބެއް ނަޝީދު ނުދެއްވި އެވެ. ވިދާޅުވީ ފައްޔާޒު މަގާމުން ދުރުކުރުމަށް މަޖިލީސް ތެރެއިން ހިނގާ ކަމެއް ނެތް ކަމަށެވެ. އަދި އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުންނާއި ޕާޓީގެ އެހެން މެންބަރުންނާ ގުޅޭ ގޮތުން އެމްޑީޕީގެ ތެރޭގައި މަޝްވަރާތައް ހިނގާނެ ކަމަށެވެ.
"މަޖިލީހަކުން ތިބާ ވަތުގެ މަސައްކަތެއް ހިނގާފަކައެއް ނުވޭ. މަޖިލީހަށް ވަޒީރު ބޭފުޅެއްގެ އިތުބާރު ނެތް ކަމަށް ދިހަ މެންބަރުން ސޮއިކޮށްފައި ހުށައެޅީމަ ތަޅުމުގަައި އެކަން އެޖެންޑާ ވެގެން ދާނެ. ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ މެންބަރުން އެ ޕާޓީގެ ބޭފުޅުންނާއި ވަޒީރު ބޭފުޅުންނާއި ގުޅޭގޮތުން އެ ޕާޓީގެ އެތެރޭގެ މަޝްވަރާތައް އެމްޑީޕީގެ އެތެރޭގެ މަސައްކަތް އަަބަދުވެސް މަޝްވަރާއާ އެއްގޮތަށް ކުރިއަށްދާނެ،"
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ދެ ކަމަކީ އަނިޔާއިން ރައްޔިތުން ސަލާމަތް ކޮށް ދިނުމާއިި ކޮރަޕްޝަން ހުއްޓުވުން ކަމަށެވެ. އެކަންކަމާއި ދެކޮޅަށް އެމްޑީޕީން އަބަދުވެސް އަޑުއުފުލާނެ ކަމަށެވެ. ފައްޔާޒުެ މައްސަލާގައި މަޖިލީހުގެ ޕޯޑިއަމެއްގައި ހުންވައިގެން ދައްކަވާނެ އިތުރު ވާހަކައެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ. އަދި މަޖިލީހަށް ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައި ނުވާ ކަމަށާ ނަމަވެސް އެމްޑީޕީތެރޭގައި މަސައްކަތްތަކެއް ހިނގާ ކަމަށް ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅުމަކަށް އެއްވެސް ބޭފުޅަކު ސޮއި ކުރައްވާފައެއް ނުވޭ. އެމްޑީޕީގެ އެތެރޭގެ މަސައްކަތެއް ހިނގަމުންދޭ،"
ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅުމަކަށް އެއްވެސް ބޭފުޅަކު ސޮއިކުރައްވާފައެއް ނުވޭ. އެމްޑީޕީގެ އެތެރޭގެ މަސައްކަތެއް ހިނގަމުންދޭމުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މަގާމުން ދުރު ކުރަން ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާތީ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބައްދަލުވުންތަކެއްވެސް ބާއްވަވާފައެވެ. އަދި އެމަނިކުފާނު ވަނީ ފައްޔާޒަށް އިތުބާރު ކުރައްވާ ކަމަށާ މަގާމުން ދުރުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެ ގިނަ މީޑިއާތަކަކަށް އިންޓަވިއުވެސް ދެއްވާފައެވެ.
ފައްޔާޒު މަގާމުން ދުރުކުރުމުގެ މަސައްކަތް ހުއްޓަވާލައްވަން ރައީސް ސޯލިހު އެންގެވިތޯ ދެންނެވުމުން ރައީސް ނަޝީދު ވިދާޅުވީ އެ ދެ ބޭފުޅުންނަކީ އެއް ބޭފުޅަކު ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން އަނެއް ބޭފުޅަކު ވިދާޅުވާން ޖެހޭނެ ދެ ބޭފުޅުން ނޫން ކަމަށެވެ. ދެ ބޭފުޅުން ކުރައްވާ ކަންކަންވެސް ކުރައްވަނީ އެއީ ކޮން ކަމެއްކަން ވަރަށް ސާފުކޮށް އެނގިތިބެ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަޅުގަނޑާ، އަޅުގަނޑުމެން ދެ މީހުންނަކީ އެކަކު އަނެކަކު ގާތުގައި ކަންކަން ހުއްޓާށާ ކަންކަން ފަށާށާ ބުނަން ޖެހޭ ދެ މީހެއް. އަޅުގަނޑުމެން ދެ މީހުންނަކީ އެކަކު އަނެކަކަށް ދެ މީހުން ކުރާ ވަރަށް ސާފުކޮށް އެނގިތިބެ އެކަންކަން ކުރާ ބައެއް،" ނަޝީދު ވިދާޅުވިއެވެ.