އެމްޑީޕީ

އެމްޑީޕީގެ ޕީޖީ އިންތިހާބާގުޅޭ މައްސަލަ ސާފުކޮށްދީފި

އެމްޑީޕީގެ ޕާލަމަންޓްރީ ގުރޫޕްގެ އިންތިހާބު އޮންނަ ތާރީހާ ގުޅޭ ގޮތުން އެ ޕާޓީގެ އާންމު މެންބަރުން ކުރަމުންދާ ސުވާލުތަކާއި ގުޅިގެން ޕީޖީގެ ހިންގާ ގަވާއިދަށް ގެނެސްފައިވާ އިސްލާހު އެ ޕާޓީން ސާފު ކޮށްދީފި އެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕްގެ އިންތިހާބަކީ ކުރީން އަހަރަކު އެއް ފަހަރު އޮންނަ އިންތިހާބެކެވެ. ޕީޖީ ލީޑަރާއި ޑެޕިއުޓީ ޕީޖީ ލީޑަރާއި ސެކްރެޓަރީ ޖެނެރަލާއި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަދި ޗީފް ވިޕާއި އިތުރު ހަ ވިޕުން އިންތިހާބުކޮށް ޕީޖީ ގުރޫޕްގެ ލީޑާޝިޕެއް އިންތިހާބު ކުރެއެވެ.

ނަމަވެސް މި ދައުރުގައި މަޖިލީހުގެ 65 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތެއް އެ ޕާޓީއަށް ލިބިފައި ވަނިކޮށް ހިންގާ ގަވާއިދު ވަނީ ބަދަލު ކޮށްފަ އެވެ. އެއީ އެންމެ ފަހުން ބޭއްވި އިންތިހާބަށް ފަހު އެވެ. އެ އިންތިހާބު އޮތީ އެންމެ ފަހުގެ މަޖިލީސް އިންތިހާބަށް ފަހު 2019 ވަނަ އަހަރު އެވެ. އެފަހަރު ގެނައި އިސްލާހު ބުނާ ގޮތުން ޕީޖީގެ ލީޑަޝިޕްގެ އިންތިހާބު ބާއްވާނީ ދަައުރެއްގައި ދެ ފަހަރު އެވެ. އެއީ ކޮންމެ ދެ އަހަރާއި ހަ މަހުން އިންތިހާބެކެވެ. ނަމަވެސް އެކަން ރަސްމީކޮށް މެންބަރުންނަށް އޮތީ ނާންގަ އެވެ.

އެމްޑީޕީގެ ތެރޭގައި ހިޔާލުތަފާތުވުން ބޮޑުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މެންބަރުން ދެކަފިވެފައި ވަނިކޮށް ވަރަށް ގިނަ އާންމު މެންބަރުން ވަނީ ޕީޖީ ގުރޫޕްގެ ލީޑާޝިޕް އިންތިހާބު ނުބާއް ވަނީ ކީއްވެގެންތޯ ސުވާލު ކޮށްފަ އެވެ. އަދި އެ އިންތިހާބު ނުބާއްވާ ހުދު މުހުތާރުކަން އިސްކުރަނީ މިވަގުތު ރައީސް ނަޝީދުގެ ވަފާތެރި މެންބަރުން ލީޑާޝިޕްގައި ގިނަވުމުންތޯ ވެސް ބައެއް މެންބަރުން ސުވާލުކޮށްފައި ވެއެވެ.

އެކަމާއި ގުޅިގެން އެމްޑީޕީން މިއަދު ބުނީ ޕާޓީގެ ޕާލަމަންޓްރީ ގުރޫޕްގެ ހިންގާ ގަވާއިދުވާ ގޮތުން މިހާރު އޮތް ލީޑާޝިޕްގެ މުއްދަތު ހަމަވާ ތާރީހަކީ ޖަނަވަރީ 2، 2022 ކަމަށެވެ.

"އެ ތާރީހު ސާފު ކުރުމަށް ބައެއް އާންމު މެންބަރުން އެދެމުންދާތީ ދަންނަވާލީމެވެ،" އެމްޑީޕީން ކުރި ޓްވީޓެއްގަައި ބުނެފައި ވެއެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރަކީ އަލީ އާޒިމެވެ. ޑެޕިއުޓީންގެ ދެ މަގާމުގައި ތިއްބެވީ މެންބަރު އަނދުން ހުސައިން ޝަހީމާއި އިލްޔާސް ލަބީބެވެ. މި ތިން ބޭފުޅުންނަކީ ރައީސް ނަޝީދަށް ވަފާތެރި މެންބަރުންނެވެ. ސެކްރެޓަރީ ޖެނެރަލަކީ ރައީސް ސޯލިހްގެ ޅިޔަނެއް ކަމަށްވާ އަލިފުށީ ދާއިރާގެ މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. ޑެޕިއުޓީ އެސްޖީއަކީ ފުވައްމުލަކު މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ. ޗީފް ވިޕަކީ އައްޑޫ މީދޫ ދާއިރާގެ ރޮޒައިނާ އާދަމެވެ. ބިގޭ އާއި ރޮޒައިނާއަކީ ރައީސް ސޯލިހަށް ވަފާތެރި ދެ މެންބަރުންނެވެ.