ސިޔާސީ ދާއިރާގައި ރައީސް މުހައްމަދު ނަޝީދަށްވުރެ ތަޖުރިބާކާރު ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަމަށާ އެމަނިކުފާނު ދައްކަވާ ވާހަކަފުޅު ވެސް މާ ހަރުދަނާ ކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރައީސް ސޯލިހަށް ތައުރީފު ކުރައްވައިފި އެވެ.
އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުންތަކުގައި ރައީސް ނަޝީދަށް ތާއީދު ކުރާ މެންބަރުންނާއި ރައީސް ސޯލިހަށް ތާއީދު ކުރާ މެންބަރުންގެ މެދުގައި ކޮންމެ ދުވަހަކުވެސް ބަހުގެ ހަމަލާ ބަދަލު ކުރެއެވެ. ސޯލިހްގެ ދިފާއުގައި ނިކުންނަވާ އެންމެ ފާޅުގައި ވާހަކަ ދައްކަވާ އެއް ބޭފުޅަކީ މެންބަރު ރޮޒައިނާ އާދަމެވެ. އެކަމާއި ގުޅިގެން ނަޝީދުގެ ވަފާތެރި މަޖިލީސް މެންބަރުންނާއި އެމްޑީޕީގެ އާންމު މެންބަރުންގެ ބޮޑު ފާޑުކިޔުމެއް ރޮޒައިނާއަށް އަމާޒުވެއެވެ. ނަމަވެސް އެ ހުރިހާ ފާޑުކިޔުންތަކަކަށްވެސް ރޮޒައިނާ ރައްދު ދެއްވައެވެ.
ދެ ރައީސުންނާއި ގުޅޭގޮތުން ކުރެވޭ ބަހުސްގައި އެމްޑީޕީގެ އާންމު މެންބަރަކު ރޮޒައިނާއަށް އަމާޒުކޮށް ދެއްކި ވާހަކަތަކަށް ރައްދު ދެއްވާ ރޮޒައިނާ ވިދާޅުވީ ސިޔާސީ ދާއިރާގައި އޭނާއަށްވުރެ އަދި ރައީސް ނަޝީދަށްވުރެވެސް ތަޖުރިބާ ހުންނެވި ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި ރައީސް ސޯލިހް ދައްކަވާ ވާހަކަތައް އޭނާ ވިސްނޭވަރުން ނަމަ މާ ހަރުދަނާ ކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުމަށް ސަމާލުކަން ދެއްވާކަންވެސް ފާހަގަ ކުރެވޭ ކަމަށެވެ.
ރޮޒައިނާ ސިޔާސީ ހަޔާތް ފެއްޓެވީ 2008 ގައި ރައީސް މައުމޫންގެ ލީޑާޝިޕްގައި ޑީއާރުޕީން ކަމަށްވާތީ އެކަމަށްވެސް ފާޑުކިޔުން އޮވެއެވެ. އެ ފާޑުކިޔުންތަކަށް ރައްދު ދެއްވާ ރޮޒައިނާ ވިދާޅުވީ އޭރު ޑީއާރުގައި ތިބި ވަރަށް ގިނަ މީހުން ނަޝީދުގެ ވަފާތެރިންނަށް މިހާރު ވަރަށް ކަމުދާ ކަމަށެވެ. ރޮޒައިނާ އެ އިޝާރާތް ކުރައްވަނީ ރައީސް ނަޝީދުގެ ކޮޅު ނަންގަވައިގެން ހުންނެވި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމްމެން ފަދަ ބޭފުޅުންނަށް ކަމަށް ބެލެެވެއެވެ. އާޒިމް އަކީވެސް ޑީއާރުޕީން ސިޔާސީ މައިދާނަށް ނިކުންނަވާ ރައީސް މައުމޫންގެ ހިޔަނީގައި ކުރިއަށް ވަޑައިގެންނެވި ބޭފުޅެކެވެ.
ރައީސް ނަޝީދު ވިދާޅުވާހާ އެއްޗަކަށް އާއެކޭ ބުނަންޏާ އެ އޮތީ އަސްލު އެމްޑީޕީ ވެފައި. ކިރިޔާވެސް ކަމުނުގޮއްސިއްޔާ އެ އޮތީ ޑީއާރުޕީވެފައި. މިއީ ބޮޑު ޖޯކެއް. އަޅުގަނޑަށް މިހާރު ވަރަށް ސާފު ތި އަސްލު އެމްޑީޕީ ވާ ގޮތް. ހެޔޮ ތީގެ އަސްލަކަށް ނުވިޔަސްރޮޒައިނާ އާދަމް | އައްޑޫ މީދޫ ދާއިރާގެ މެންބަރު
ރޮޒައިނާ ވިދާޅުވީ އެމްޑީޕީ އަކީ ވަކި މީހެއްގެ އަމިއްލަ "ކްލަބެ"އް ނަމަ އޭނާ މިހާރު މިވަގުތުވެސް ދުރަށްދާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީއަކީ ސިޔާސީ ޕާޓީއެއް ކަމަށާ އެއީ މީހެއްގެ ނުވަތަ އާއިލާއެއްގެ ހަރުމުދަލެއް ނޫން ކަމަށެވެ.
"އެެހެންވީމަ ސޮރީއޭ ބުނެވޭނީ. ހަޖަމް ނުވަންޏާ އެކަހަލަ 'ކްލޯސްޑް ކްލަބް' އެއް ހަދަންވީނުތޯ،" ނަޝީދަށް ފާޑުވިދާޅުވުމުން އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވާ ރޮޒައިނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ ބައިބައިވެ ދިއުމަށް އަދި ޕާޓީ ބަލިކަށިވުމަށް އެއްގޮތަކަށްވެސް އެދިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް މިހާރު އޮތް މައްސަލައަށް ހައްލެއް ހޯދައިދެވޭނީ ރައީސް ނަަޝީދު އާއި ރައީސް ސޯލިހާ ދެ ބޭފުޅުންނަށް ކަމަށެވެ. އެކަން ކުރުމަށް އެމްޑީޕީގައި މަޝްވަރާގެ އުސޫލު އިސްކޮށް ޑިމޮކްރަޓިކް އުސޫލުން ކަންކަން ކުރަން ޖެހޭ ކަމަށެވެ. އަދި މިހާރު ފެންނަނީ އެފަދަ މަންޒަރެއް ނޫން ކަމަށެވެ.
މިއީ [އެމްޑީޕީ] ވަކި މީހެއްގެ ޕާސަނަލް ކްލަބެއް ނަމަ އަޅުގަނޑު މިހާރު މިވަގުތު މިތަނުން ދުރަށް ދާނަން. އެކަމަކު އެމްޑީޕީ އަކީ ސިޔާސީ ޕާޓީއެއް. މީހެއްގެ ނުވަތަ އާއިލާއެއްގެ ހަރުމުދާގަނޑެއް ނޫން. ހަޖަމް ނުވަންޏާ އެކަހަލަ 'ކްލޯސް ކްލަބް' އެއް ހަދަންވީރޮޒައިނާ އާދަމް | އައްޑޫ މީދޫ ދާއިރާގެ މެންބަރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހައްގުވާ ހެޔޮ ބަހެއް ބުނުމުން އެކަން "ހަޖަމް" ކުރަން އުނދަގޫ ވެގެން އުޅެނީ އިދިކޮޅު ޕީޕީއެމަށް އެކަނި ނޫން ކަމަށް ވިދާޅުވެ އެމްޑީޕީގެ ތެރެއިން ރައީސް ސޯލިހަށް ފާޑުކިޔާ މެންބަރުންނަށް މިދިޔަ އަހަރުން ފެށިގެން ރޮޒައިނާ ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.
ހަރުކަށި ފިކުރުގެ ވާހަކަ ދައްކަވާ ހަމައެކަނި ލީޑަރަކީ ރައީސް ނަޝީދު ކަމަށާ ބޮން ގޮއްވާ އެމަނިކުފާނު ޒަހަމް ކޮށްލެއްވުމުން އެ ހާލުކޮޅުގައި އޮންނަވައިގެން ވެސް އެ ހާލަތަށް ގައުމު ދިޔަ ސަބަބާއި ހައްލު ކުރަން ފަސްޖެހެމުންދާ ގޮތުގެ ވާހަކަ ދެއްކެވުމުން ދެން އެކަމުގައި އެމްޑީޕީގެ ވަކި އެހެން މީހަކަށް ދެއްކެން އޮންނާނެ ވާހަކައެއް ނޯންނާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަދި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވި ވިދާޅުވުމަށް ރޮޒައިނާ އިއްޔެ ރައްދު ދެއްވިއެވެ.
އިންތި މި މޭރުމުން ވާހަކަ ދެއްކެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދެކޮޅަށް އެމްޑީޕީގެ ތެރެއިން ނުކުމެ އިދިކޮޅު ޕާޓީއާ ގުޅިގެން މަސައްކަތް ކުރަން ހިޔާލު ފާޅުކޮށް، ސަރުކާރު ބަލިކަށިވާ ގޮތަށް އެމްޑީޕީގެ އެއްވެސް މެންބަރަކު އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު މުހައްމަަދު އަސްލަމް ވިދާޅުވުމާއި ގުޅިގެންނެވެ.
އަސްލަމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން އިމްތިޔާޒު ވިދާޅުވީ ހަރުކަށި ފިކުރުގެ ވާހަކަ ދައްކަވާ ހަމައެކަނި ލީޑަރަކީ ރައީސް ނަޝީދު ކަމަށާ ބޮން ގޮއްވާ އެމަނިކުފާނު ޒަހަމް ކޮށްލެއްވުމުން އެ ހާލުކޮޅުގައި އޮންނަވައިގެން ވެސް އެ ހާލަތަށް ގައުމު ދިޔަ ސަބަބާއި ހައްލު ކުރަން ފަސްޖެހެމުންދާ ގޮތުގެ ވާހަކަ ދެއްކެވުމުން ދެން އެކަމުގައި އެމްޑީޕީގެ ވަކި އެހެން މީހަކަށް ދެއްކެން އޮންނާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ.
އެ ވާހަކަތަކާއި ގުޅިގެން ރޮޒައިނާ ވަނީ ސުވާލެއް ކުރައްވާފައެވެ. އޭނާ ވަނީ އެމްޑީޕީގައި ތިބީ ކަސްތޮޅު އަޅުވާފައި ތިބި ބައެއްތޯ ސުވާލު ކުރައްވާފައެވެ. އޭނާ އެ އިޝާރާތް ކުރައްވަނީ ނަޝީދު ދެއްކެވި ވާހަކަފުޅަށް އެމްޑީޕީގެ އެހެން މެންބަރުން ދެން ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށް އިންތި ވިދާޅުވި ވިދާޅުވުމަށެވެ.
"އެޔޯ، މީ [އެމްޑީޕީ] ކަސްތޮޅު އަޅުވާފައި ތިބި ބައެއް ތިބި ތަނެއްތަ،" އިންތިއަށް އަމާޒު ކުރައްވާ ރޮޒައިނާ ސުވާލު ކުރެއްވިއެވެ.